މިދިޔަ މަހު 1.4 ބިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރުކުރި، އާމްދަނީ 222 ޕަސެންޓު އިތުރު

މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު، މި އަހަރުގެ ޖުލައި މަހު ރާއްޖޭން މުދާ ބޭރުކޮށްގެން ލިބުނު އާމްދަނީ 222 ޕަސެންޓު އިތުރުވެފައިވާ ކަމަށް، ކަސްޓަމުން ބުނެފިއެވެ. ކަސްޓަމްސްއިން ބުނީ، މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭން 65 މިލިއަން ރުފިޔާގެ މުދާ ބޭރުކުރިއިރު، މިދިޔަ ޖުލައި މަހު 210 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެއީ 222 ޕަސެންޓުގެ އިތުރުވުމެކެވެ. ހަމަ އެއާއެކު, މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހާ އަޅައިބަލާއިރު، މިދިޔަ ޖުލައި މަހު ރާއްޖޭން ބޭރުކުރި މުދާ 57 ޕަސެންޓު އިތުރުވެފައިވާ ކަމަށް ވެސް ކަސްޓަމުން ބުނެއެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހު ރާއްޖޭން 945 މިލިއަން ރުފިޔާގެ މުދާ ބޭރުކުރިއިރު، މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހު 1.4 ބިލިއަން ރުފިޔާގެ މުދާ ބޭރުކުރި ކަމަށް ކަސްޓަމުން މައުލޫމާތު ދެއެވެ. މައިގަނޑު ގޮތެއްގައި ރާއްޖޭން ބޭރުކުރަނީ މަހުގެ ބާވަތްތައް ކަމަށްވާއިރު، ވޭތުވެދިޔަ ހަތް މަހުގެ ތެރޭ ވެސް ރާއްޖޭން އެންމެ ގިނައިން ބޭރުކުރީ ގަނޑުކުރި ކަނޑުމަހާއި މަހުން އުފައްދާފައިވާ ބާވަތްތައް ކަމަށް ކަސްޓަމުން ބުންޏެވެ. އެގޮތުން ތައިލޭންޑަށް 809.44 މިލިއަން ރުފިޔާގެ މަހާއި އިނގިރޭސިވިލާތަށް 252.46 މިލިއަން ރުފިޔާގެ މަސް ބޭރުކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. މުދާ ބޭރުކުރުމާއި އެތެރެކުރުމުގެ ތަފާސްހިސާބުތައް ކަސްޓަމުން އެންމެ ފަހުން އާންމުކުރީ މިދިޔަ މޭ މަހު، އޭޕްރިލް މަހުގެ ތަފާސްހިސާބެވެ. އެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އޭޕްރިލް މަހު ރާއްޖޭން ބޭރުކުރި މުދަލުން ލިބުނީ 292 މިލިއަން ރުފިޔާއެވެ. ރާއްޖެއަކީ އެހެން ގައުމުތަކުން އެތެރެކުރާ މުދަލަށް ބަރޯސާވާ ގައުމެކެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޔޫއޭއީއާއި އިންޑިއާ އާއި ސިންގަޕޫރާއި ޗައިނާއާއި މެލޭޝިއާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ