އެނގުނީ މީޑިއާގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ދޭން ބޭނުން ނޫންކަން: ނޫސްވެރިން

މީޑިއާތައް ކޮންޓްރޯލު ކުރާ ބިލު އަނބުރާ ގެންދިޔުމުގެ ބަދަލުގައި އެ ބިލު އިސްލާހު ކުރާނެ ކަމަށް އެޓާނީ ޖެނެރަލް ވިދާޅުވުމުން އެނގިގެން ދިޔައީ މައްސަލަ ހައްލު ކުރުމުގެ ބަދަލުގައި މީޑިއާގެ ބަހެއް ނެތި ކުރިއަށް ދިޔުމަށް ސަރުކާރުން އޮތްކަން ކަމަށް ބިލާ ދެކޮޅަށް އަޑުއުފުލާ ނޫސްވެރިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 'މީޑިއާ ކޮންޓްރޯލު ކުރާ ބިލު' އާ ގުޅޭ ގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ އެކު މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓުކޮށް ގިނަ ނޫސްވެރިން ވަނީ ނިކުމެފަ އެވެ.
ތަފްސީލް - ޕްރެސް ދޫކޮށް ނިކުތުމަށް ފަހު އެ ނޫސްވެރިންނާއި، ބިލާ ދެކޮޅަށް އަޑު އުފުލުމުގައި އިސްކޮށް އުޅޭ ސީނިއާ ބައެއް ނޫސްވެރިން ވަނީީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ނޫސްވެރިން ޕްރެސް ދޫކޮށް ނިކުމެފައިވަނީމީޑިއާ ކައުންސިލުން ހުށަހަޅާފައިވާ ބިލެއްގެ ޑްރާފްޓެއް އެބައޮތް ކަމަށާއި އެ ޑްރާފްޓާ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މާ ބޮޑު ތަފާތެއް ނެތް ކަމަށް ވިދާޅުވެ، އެއީ ނޫސްވެރިންގެ ވިސްނުން ކަމަށް ސިފަވާގޮތަށް އޭޖީ ވިދާޅުވުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރުމަށްފަހު އެވެ. ނޫސްވެރިން ބުނެފައިވަނީ އެއީ ނޫސްވެރިންގެ ހިޔާލު ނޫން ކަމަށެވެ.
އެ ބިލާ ގުޅޭ އެއްވެސް ވާހަކައެއް މިއަދު ރައީސް މުހައްމަދު މުއިއްޒު ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމްއިއްޔާ، އެމްޖޭއޭ އާއެކު ބޭއްވެވި ބައްދަލުވުމުގައި ފާހަގަ ނުކުރައްވާ ކަމުގެ ކަންބޮޑުވުން ވެސް ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ވަނީ ޕްރެސް އަށް ފަހު ފާޅުކޮށްފަ އެވެ.
އެމްޖޭއޭގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖުނައިދު ވިދާޅުވީ އޭޖީގެ ވާހައިން ދޭހަވީ މައްސަލަ ރަނގަޅަށް ދެނެގަނެ، އެެއަށް ހައްލު ހޯދުމުގެ ބަދަލުގައި މީޑިއާ ދާއިރާގެ ބަހެއް ނެތި އެބޭފުޅުން ބޭނުން ގޮތަކަށް ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ކަން ކަމަށެވެ.
"އެ ޖާގަ ނުދޭނެ ނޫސްވެރިންނެއް. އެޖާގަ ދޭގޮތަކަށް ނޫން ނޫސްވެރިން ތިބީ. އަނެއްކާ ވެސް މި ޖެހުނީ ހަމަ ސުމަކުން ފަށަން،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިލާ ދެކޮޅަށް އަޑު އުފުލާ ނޫސްވެރިން ކުރަމުން އަންނަ އިހުތިޖާޖު ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.
"ނޫސްވެރިން ބޭނުމެއް ނުވޭ ރާއްޖޭގެ ޖުޑިޝަރީ އަށް މި ވާގޮތަށް ރާއްޖޭގެ އެހެން މުވައްސަސާތަކަށް ވާގޮތަށް [ވާކަށް]،" އޭނާ ވިދާޅުވި އެވެ.
"ނޫސްވެރިކަމުގެ ދާއިރާ އަށް އެ ޖާގަ ނުދޭނަމޭ ނޫސްވެރިން." އެޗްއާރުސީއެމް ފަދަ މުވައްސަސާތަކަށް އައްޔަނު ކުރަނީ ސަރުކާރުން އެންޑޯޒް ކުރާ މެންބަރުންކަން ފާހަގަ ކުރައްވާ ޖުނައިދު ވިދާޅުވި އެވެ.
ގިނަ ބަޔަކު ކުރި މަސައްކަތުން ހޯދި ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުނަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޖުނައިދު ވަނީ، މީޑިއާ ތަކުގެ މަޝްވަރާ އާ ނުލާ މީޑިއާތައް ރެގިޔުލޭޓު ކުރުމަށް ގާނޫނު އެކުލަވާލުމަށް މަސައްކަތް ނުކުރުމަށް އޭޖީ އަށާއި ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައްވައިފަ އެވެ.
'ދައުރު' ނޫހުގެ މެނޭޖިން އެޑިޓަރު އަދި އެޑިޓާސް ގިލްޑުގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ސަރުކާރަށް ވިސްނެންދެން ނޫސްވެެރިންގެ އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.
"އެހެން މިނިވަން މުވައްސަސާތައް އަތު އަޅުވާލި ގޮތަށް މީޑިއާ އަތުއަޅުވާލަން ޖާގަ ދޭ ގޮތަކަށް ނޫން މި ތިބީ،" ޒާހިރު ވިދާޅުވި އެވެ.
މީޑިއާ ކޮންޓްރޯލު ބިލާމެދު ހުރި ކަންބޮޑުވުންތަކާއެކު ބިލު ބޭރުކުރަން އެދި ރައީސް މުހައްމަދު މުއިއްޒުގެ އަރިހަށް ނޫސްވެރިން ދިއުމުން، ބިލު ބޭރުކުރަށްވާނެ ކަމުގެ ޔަގީންކަން ނުދެއްވާ ރައީސް ވަނީ އެކަމާ ވިސްނާ ވަޑައިގަންނަވާނެ ކަމަށް މިއަދު ވިދާޅުވެފަ އެވެ.
އަދަދު ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާ ވިދާޅުވީ ފެންނަނީ ސުޕްރީމު ކޯޓާއި މިނިވަން މުވައްސަސާތައް ކޮންޓްރޯލު ކުރި ގޮތަށް މީޑިއާ ކޮންޓްރޯލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާތަން ކަމަށެވެ.
"މިއީ ހަމައެކަނު ނޫސްވެރިން ކޮންޓްރޯލު ކުރަނީކީ ނޫން. ދިވެހި ރައްޔިތުން ކޮންޓްރޯލު ކުރުން،" ފިޔާޒު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ، އޭޖީގެ ވާހަކަތަކާ ގުޅިގެން ބައްދަލުވުން ދޫނޮށް ނިކުތް ނޫސްވެރިންގެ ތެރޭ ހިމެނޭ މޫސާ ރަޝީދު ފާހަގަ ކުރި ގޮތުން ޕްރެސް ގައި އޭޖީ ދެއްކެވި ވާހަކަތަކާއި ނޫސްވެރިން ކުރި ސުވާލުތަކަށް ދިން ޖަވާބުން ދޭހަވީ، މިހާރު މަޖިލީހުގައި އޮތް ބިލަކީ ސަރުކާރުގެ ބިލެއް ކަމާއި އެ ބިލު ފާސްކުރަން ސަރުކާރުން ބޭނުންވާކަން ކަަމަށެވެ.
"އެޓާނީ ޖެނެރަލް އަށް އަޅުގަނޑުމެން ދެންނެވި އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެއްވޭ. ހުރިހާ ސުވާލެއް ޓްވިސްޓު ކުރައްވައިގެން ދައްކަވަމުން ގެންދެވީ މި ބިލު ފާސްކުރަން ޖެހޭ ސަބަބުތައް."
ފާހަގަ ކުރެވޭ -  ނޫސްވެރިންގެ ޑިމާންޑަކީ ނޫސްވެރިންނާއި މީޑިއާގެ ކޮންޓްރޯލު ސަރުކާރަށް އޮންނަ ގޮތަށް އަދި ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް ބިލު އަނބުރާ ގެންދިޔުމެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް ވިދާޅުވީ ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ބިލަށް އިސްލާހުތައް ގެނެސް ބިލު އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ