ޓެކްސީއެއް ތެރެއަށް ގެއްލުނު ދަބަހަކާއި 400 ޑޮލަރު 5 ގަޑިއިރުތެރޭ ހޯދައިފި

ޓެކްސީއެއް ތެރެއަށް ދަބަހަކާއި 400އަށްވުރެ ގިނަ ޑޮލަރު ގެއްލިގެން ރިޕޯޓުކުރިތާ ފަސް ގަޑިއިރުގެ ތެރޭގައި އެތަކެތި ހޯދައި، އޭގެ ވެރިފަރާތާ ފުލުހުން ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ، އިއްޔެ ހެނދުނުގެ ވަގުތެއްގައި މީހަކު ދަތުރުކުރި ކާރަކަށް ދަބަސް ދޫކޮށްލެވި ގެއްލިފައިވާ ކަމަށް ރިޕޯޓުކުރި ކަމަށެވެ. އެހެންވެ، އެމީހާ ދަތުރުކުރި ޓެކްސީ ހޯދުމަށް ސީސީޓީވީ ފުޓޭޖުތައް ބަލައިގެން އެ ޓެކްސީ ފުލުހުން ވަނީ ހޯދައިފައެވެ. އެ ކާރު ތެރެއަށް ދޫކޮށްލެވުނު 400އަށް ވުރެ ގިނަ ޑޮލަރާއި ދަބަސް ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން އެ ތަކެތި ވެރިފަރާތާ ހަވާލުކުރީ، މައްސަލަ ރިޕޯޓުކުރިތާ ފަސް ގަޑިއިރުގެ ތެރޭގައި ކަމަށް އެ ޚިދުމަތުން ބުންޏެވެ. މީގެކުރިން ވެސް ގިނަ އަދަދެއްގެ ފައިސާއާއި އެ ނޫންވެސް އަގުހުރި މުދާ ގެއްލިގެން ހޯދަން ފުލުހުންނަށް ހުށަހަޅައެވެ. އެގޮތުން، އެފަދަ މުދަލާއި ފައިސާތައް މީގެކުރިން ވެސް ފުލުހުން ވަނީ ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ