އެމެރިކާގެ ގާނޫނާ ހިލާފަށް އަދި ވިސާގެ މުއްދަތު ހަމަވުމަށް ފަހު، ވިސާ އާ ނުކޮށް އުޅޭ 6،000 އަށް ވުރެ ގިނަ ބޭރު ގައުމުތަކުގެ ދަރިވަރުންގެ ސްޓޫޑެންޓް ވިސާ ސްޓޭޓް ޑިޕާޓްމަންޓުން ކެންސަލްކޮށްފި އެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެމެރިކާގައި ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ "ބޮޑު ބަޔަކީ" މާރާމާރީގެ މައްސަލަތަކުގައި ވެސް ހިމެނޭ މީހުން ކަމަށެވެ. އަދި އެ މީހުންގެ ތެރޭގައި ވައްކަން ކުރުމާއި ޓެރަރިޒަމަށް ތާއީދުކުރާ މީހުން ވެސް ހިމެނޭ ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިފަދަ ފިޔަވަޅެއް އަޅާފައި މި ވަނީ ރައީސް ޑޮނަލަޑް ޓްރަމްޕްގެ ސަރުކާރުން އިމިގްރޭޝަނާއި ބިދޭސީ ދަރިވަރުންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
"ޓެރަރިޒަމަށް ތާއީދުކުރުމު"ގެ މާނައަކީ ކޮބައިކަމެއް ސްޓޭޓް ޑިޕާޓްމަންޓަކުން ނުބުނެ އެވެ. ޓްރަމްޕްގެ ސަރުކާރުން އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލާ ދަރިވަރުންނާ ދެކޮޅަށެވެ. އެމެރިކާ ސަރުކާރުން ބުނަނީ އެބައިމީހުންގެ ކިބައިން ޔަހޫދީންނާ ދެކޮޅު އަމަލުތައް ފެނުނު ކަމަށެވެ.
ކެންސަލްކުރި 6،000 ސްޓޫޑެންޓް ވިސާގެ ތެރެއިން ގާތްގަނޑަކަށް 4،000 އެއްހާ ވިސާ ކެންސަލްކޮށްފައިވަނީ ޒިޔާރަތްކުރި ފަރާތްތަކުން ގާނޫނާ ހިލާފުވުމުގެ ސަބަބުން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެ އެވެ.
އެ އޭގެ އިތުރުން ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ޓެރަރިޒަމްގެ ތުހުމަތުގައި އިތުރު 200-300 ވިސާ ބާތިލުކޮށްފައިވާ ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު ޓްރަމްޕްގެ ސަރުކާރުން ވަނީ ބައިނަލްއަގްވާމީ ދަރިވަރުންނަށް ވިސާ އެޕޮއިންޓްމަންޓް ޝެޑިއުލް ކުރުން ހުއްޓާލައިފަ އެވެ. އަދި މިދިޔަ ޖޫން މަހު އެޕޮއިންޓްމަންޓްތައް އަލުން ފެށި އިރު، ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައި ވަނީ ސްކްރީން ކުރުމަށް އެދި ހުށަހަޅާ ހުރިހާ ފަރާތްތަކުން ވެސް ސޯޝަލް މީޑިއާ އެކައުންޓްތައް އާންމު ކުރަން ޖެހޭނެ ކަމަށެވެ.
އެމެރިކާގެ ރައްޔިތުންނަށާއި އެ ގައުމުގެ ސަގާފަތާއި ސަރުކާރާއި މުއައްސަސާތަކާއި ނުވަތަ އަސާސުތަކާއި އުސޫލުތަކަށް އަމާޒުކޮށް ދެކޮޅުވެރިކަމުގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ އެކަން ބަލާނެ ކަމަށް ވެސް ބުންޏެވެ.
ކިޔަވާ ކުދިންގެ ވިސާ ބާތިލުކުރަން ޓްރަމްޕްގެ ސަރުކާރުން ކުރާ މަސައްކަތާ ޑިމޮކްރަޓުން ދެކޮޅު ހަދަމުން ބުނީ، އެއީ އުސޫލަށް ދިން ހަމަލާއެއް ކަމަށެވެ.
ބޭރުގެ ދަރިވަރުންގެ މައުލޫމާތު އެއްކުރާ ޖަމިއްޔާއެއް ކަމަށްވާ އޯޕަން ޑޯސް އިން ބުނި ގޮތުގައި 2023-24 ވަނަ އަހަރުގެ ދިރާސީ އަހަރަށް 210 އަށް ވުރެ ގިނަ ގައުމުތަކުން 1.1 މިލިއަނަށް ވުރެ ގިނަ ބައިނަލްއަގުވާމީ ދަރިވަރުން އެމެރިކާގެ ކޮލެޖުތަކަށް ވައްދާފައިވެ އެވެ.
އެމެރިކާގައި ކިޔަވަމުން އަންނަ ބޭރު ގައުމުތަކުގެ 6،000 ދަރިވަރެއްގެ ވިސާ ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ