"މުހިންމު މަސައްކަތްތައް" ކުރުމަށް ދަންމާލި ދައުރު ކުރުކޮށްލައިފި
މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ބުނެ، 20 ވަނަ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ދަންމާލުމަށް ފަހު، ދައުރު ހަމަވާން ދެ ދުވަހަށް ވެފައި އޮއްވާ ކުރުކޮށްލައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މި ނިމުނު ދެވަނަ ދައުރުގެ ޖަލްސާތައް ނިމޭނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހެވެ. ނަމަވެސް، ދައުރު ނިމޭ ޖަލްސާ ބާއްވާނީ އެ ދައުރުގެ ތެރެއިން އަންނަ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހުގައި ކަމަށް ޤަވައިދުގައި ބަޔާންކޮށްފައި އޮތުމުން، ދައުރު ނިމޭ ގޮތަށް ފުރަތަމަ އޮތީ މި މަހުގެ 14 ވަނަ ދުވަހެވެ. މީގެ ހަފްތާއެއް ކުރިން މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުން ފާސްކުރީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުރު ދަންމާލުމަށެވެ. އެހެންކަމުން މި ދައުރު ނިމޭނީ އޮގަސްޓް 21ގައެވެ. އެކަމަކު މިއަދު ދައުރު ކުރުކޮށްލައްވައި މެންބަރުން ވަނީ ޗުއްޓީއަށް ވަޑައިގެންފައެވެ. ދެން މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު އޮކްޓޯބަރު މަހު ފަށައި، ނޮވެމްބަރު މަހު ނިންމާލާނެއެވެ. މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރަށާއި މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނަށް ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ތުޅާދޫ ދާއިރާގެ، ސަރުކާރާ ގުޅުން ބޮޑު އަމިއްލަ މެންބަރު، އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަށް ބަހުސްކޮށްފައެވެ. ނަމަވެސް ޖަލްސާ ކުރުކޮށްލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، މި ބިލަށް ބަހުސްކުރަން ގިނަ މެންބަރުންތަކެއް އެދިވަޑައިގެންފައިވާ ކަމަށާއި، ބައެއް މެންބަރުން މި ބިލު އިތުރަށް ދިރާސާކުރަން ބޭނުންވާކަން ފާހަގަކުރެވުނު ކަމަށެވެ. މި ނިމުނު ދައުރު ދަންމާލި މުއްދަތުގައި މާ ބޮޑު މަސައްކަތެއް ނުކުރި ކަމުގައި ވިޔަސް، އިއްޔެ ވަނީ އިންޝުއަރެންސް ބިލާއި, އެމްއެމްއޭގެ ކުންފުނި "ޕޭމަންޓް މޯލްޑިވްސް" އުފެއްދުމަށް ގައުމީ ޕޭމަންޓް ސިސްޓަމަށް ގެނައި އިސްލާހު ފާސްކޮށްފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރަން ރުހުން ދީފައެވެ. މި ދައުރުގައި ކުރި އިތުރު މަސައްކަތްތަކަށް ބަލާލާއިރު، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމާލަން އިތުރު ދެ އަހަރު ދޭން މަޖިލީހުން ގާނޫނު އިސްލާހުކުރުމާއި، ކައުންސިލްތަކަށް ލިބިދޭ ބައެއް ބާރުތައް ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ފާސްކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ