ރާއްޖޭގައި މިހާރު ހިންގަނީ "ޗެކްބުކް" މީޑިއާ، ފައިސާ ދޭ ކޮޅަކަށް އަބަދު ލިޔަންޏާ މީޑިއާ ކުރިނާރާނެ: ނާޒިމް
ރާއްޖޭގައި މިހާރު ހިންގާ މީޑިއާތަކަކީ "ޗެކްބުކް" މީޑިއާތަކެއް ކަމަށާއި، އަބަދު ފައިސާ ދޭ ކޮޅަކަށް މީޑިއާއިން ޚަބަރުތައް ލިޔާ ނަމަ ދުވަހަކު ވެސް ރާއްޖޭގައި މީޑިއާ ކުރިނާރާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރަށާއި މީޑިއާތައް ރެގިއުލޭޓްކުރާ ކޮމިޝަނަށް ވަރަށް ބޮޑަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް, ސަރުކާރާ ގުޅުން ބޮޑު, ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، އެ ބިލު ބައިނަލްއަގުވާމީ ގިނަ މިންގަނޑުތަކަށް ފެތޭ ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތުގައި 2024ވަނަ އަހަރު އަމަލުކުރަން ފެށި މީޑިއާ ގާނޫނުގެ މައިގަނޑު ބައިތައް އެބަހުރި ކަމަށާއި، ވިލާތުގެ އިއްތިހާދުގެ ޑައިރެކްޓިވް ބައިތަކާއި ބިލުގެ ބައެއް ބައިތައް އެއްގޮތް ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، މީޑިއާތަކަށް މިހާރު އޮތް ގޮތަކީ ރަނގަޅު ގޮތްތޯ ސުވާލު އުފައްދަން އެންމެ ރަނގަޅު ވަގުތަކީ މިއީއެވެ. ނާޒިމް ވިދާޅުވިގޮތުގައި ކޮމިޓީ މަރުހަލާގައި މީޑިއާ އާ ބައްދަލުކޮށް މީޑިއާގެ ކަންބޮޑުވުން ހުރި ކަމަށްވާ ނަމަ، މީޑިއާ އާ ވާހަކަ ދެކެވި އެންމެން އެއްބަސްވެވޭ ހައްލަކަށް އާދެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. "މިހާރުގެ ހާލަތަށް ބަލާލާއިރު އަޅުގަނޑުމެންނަށް ފެންނަމުން ދަނީ އެއްވެސް ހިފެހެއްޓުމެއް ނެތި އެއްވެސް އިމެއް ނެތި މީހުންގެ އަބުރަށް އަރައިގަންނަ ތަން، މީހުންގެ އާންމު މަސްލަހަތު ގެއްލުވާލާތަން، ކުދިކުދި ރަށްރަށާއި އަދި ގައުމުގެ ވަކި ސަރަހައްދުތަކުގެ ވެސް މަސްލަހަތު ގެއްލޭ ގޮތަށް މީޑިއާތަކުން ހަރަކާތްތެރިވަމުން ދާ ތަން،"އަހްމަދު ނާޒިމް، މަޖިލީހުގެ ނައިބު ރައީސް ރާއްޖޭގައި މިހާރު ހިންގާ މީޑިއާތަކަކީ "ޗެކްބުކް" މީޑިއާތަކެއްގެ ގޮތުގައި ސިފަކުރައްވައި ނާޒިމް ވިދާޅުވީ، މީޑިއާތަކަށް މަހުޖަނުންނާއި ފައިސާވެރިން ފައިސާ ދިނުމުން ފައިސާ ދޭ ގޮތަކަށް މީޑިއާތަކުން ސުރުޚީ ޖަހައިދޭ ކަމަށާއި، ބޭރު ގައުމުތަކުގައި ވެސް ކަން ހިނގަނީ އެ އުސޫލުން ކަމަށެވެ. މީޑިއާތައް ވަކި ބައެއްގެ ދަށުގައި އޮންނަން ނުޖެހޭނެ ކަމަށް ވިދާޅުވެ، ނާޒިމް ވިދާޅުވިގޮތުގައި ޒިންމާދާރުކަމާ އެކު ނޫސްވެރިކަން ކުރާ ނޫސްވެރިންނަށް އެންމެ ފައިދާ ބޮޑުވާނީ މިނިވަން މީޑިއާ އޮވެ، މީޑިއާތަކުން އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތެއް ހޯދުމުންނެވެ. "އަބަދު އަބަދު އެ ވެރިކަމަށް އަންނަ ސަރުކާރެއްގެ ފަހަތުގައި ސަރުކާރުންދޭ އެއްޗެއް ބަލައިގަނެގެން ސަރުކާރަކުން ބޭނުންވާ ގޮތަކަށް އެއްޗެހި ލިޔެގެން އެހެން ކަންތައްކުރާ ކަމަށްވާ ނަމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ރާއްޖޭގަ ނޫސްވެރިކަން ދުވަހަކުވެސް ކުރިއަކަށް ނާރާނެ،"އަހްމަދު ނާޒިމް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނޫސް މަޖައްލާތަކުން ލިޔާ ޚަބަރުތަކުގައި ސްޕޮންސަރުންގެ މައުލޫމާތު ނުގެންނަނީ ސްޕޮންސަރުން ގެއްލިދާނެ ކަމުގެ ބިރު މީޑިއާތަކަށް އޮތުމުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ފަހަރު 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ގާނޫނު' އުފެއްދުމުގެ ގޮތުން ހުށަހެޅި އެ ބިލުގައި ވާގޮތުން މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފައްދަންޖެހެއެވެ. އެ ކޮމިޝަން އުފައްދަނީ ރައީސުލްޖުމްޙޫރިއްޔާއަށް ބާރުތަކެއް ލިބޭ ގޮތަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރާ ތިން މެންބަރުން ހިމެނޭނެއެވެ. ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުންނެވެ. އޭގެ ތެރެއިން ކޮމިޝަންގެ ރައީސް އައްޔަނުކުރައްވާނީ ވެސް މަޖިލީހަށް ހުށަހަޅުއްވައިގެން ރައީސުލްޖުމްޙޫރިއްޔާއެވެ. ނަމަވެސް، ކުރިން ކޮމިޝަންގެ ރައީސާއި ނައިބުރައީސް ވެސް އައްޔަނުކުރާނީ ކޮމިޝަންގެ ތެރެއިން ނަގާ ވޯޓަކުންނެވެ. މި ބިލުގައި މީޑިއާގައި މަސައްކަތްކުރާ މީހުންނާއި ނޫސްވެރިންނާ މެދު އަޅާނެ ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅައިފައެވެ. ބޮޑެތި ޖޫރިމަނާތަކުގެ އިތުރުން ކޮމިޝަނުން މީޑިއާއެއްގެ މައްޗަށް ބަލާ މައްސަލައަކާ ގުޅިގެން، އެ މައްސަލައެއް ބަލާ ނުނިމެނީސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ވެސް ކޮމިޝަނަށް ވަނީ ލިބޭގޮތަށެވެ. އަދި ފަހުން، އެ މައްސަލަ ކޯޓު މަރުހަލާއަށް ގެންދިޔުމަށް ފަހު، އެ ނޫހެއްގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ހަމައެއާއެކު ކޮމިޝަނުން ބަލަމުންދާ މައްސަލައިގެ ތެރެއިން އެ ނޫހެއްގެ ވެބްސައިޓް ބްލޮކްކޮށް، ނުވަތަ ޓީވީއެއްނަމަ ބްރޯޑްކާސްޓިން ހުއްޓުވުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ