މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ފުލުހުން ހުޅުމާލޭގައި ފަށައިފި އެވެ.
ވީ ކިހިނެއް؟ - މި ހަރަކާތް ފަށާފައިވަނީ އިއްޔެ އެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އިއްޔެ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ފަހު މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް މި ހަރަކާތް ކުރިއަށް ގެންގޮސްފައިވެ އެވެ.
ފުލުހުން މިއަދު ވަނީ އޮފީސްތަކާއި ސްކޫލުތަކަށް ދިއުމަށް ދަތުރުތައް އެންމެ ގިނަވާ ހެނދުނުގެ ވަގުތުގައި ސަމާލުވުމަށް އިލްތިމާސްކޮށް ލިޔެފައިވާ މެސެޖުތަކެއް ހިމެނޭ ބޯޑުތަކެއް ހިފައިގެން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވެފަ އެވެ. އެ މެސެޖުތައް ދެމުންދިޔައިރު، އެކްސިޑެންޓުވެފައިވާ މަންޒަރު ދައްކުވައިދޭ ގޮތަށް މަގުމަތީގައި ސައިކަލު ފަދަ ތަކެތި ތަމްސީލުކޮށްފައިވެ އެވެ.
ތަފްސީލް - ފުލުހުން މިއަދު 'ދައުރު'އަށް ބުނި ގޮތުގައި، ހުޅުމާލެ އަވަށްޓެރި ފުލުހުން ކުރިއަށް ގެންދާ މި ހަރަކާތަކީ މުޅި އަހަރަށް ބަހާލައިގެން ސިލްސިލާކޮށް ކުރިއަށް ގެންދާނެ ހަރަކާތެކެވެ.
އާންމުން ހެނދުނު އޮފީސްތަކަށާއި ސްކޫލުތަކަށް ދަތުރުކުރާއިރު، އެކި ވަގުތުތަކުގައި އެކި މަގުތަކަށް ފުލުހުންގެ ޓީމުތައް ނުކުމެ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މެސެޖުތައް ފޯރުކޮށްދެމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ޓީމުތަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ހަރަކާތުގައި:
އެކްސިޑެންޓް ހިނގައިގެން އުޅޭ މަންޒަރު ސިފަކޮށްދޭނެ
ތިމާ އާއި އަނެކުންގެ ސަލާމަތަށް ބަލައިގެން އުޅަނދު ދުއްވުމަށް ބާރުއަޅައި އެހެން ހުރިހާ އެއްޗަކަށް ވުރެ ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދެމުންދާނެ
ދުވެލި މަޑުކުރުމަށާއި ފުރާނައިގެ އަގުބޮޑުކަން ހަނދާންކޮށްދިނުމަށް ސްޕީކަރު ބޭނުންކޮށްގެން ވެސް މައުލޫމާތު ހިއްސާކުރާނެ
ފާހަގަކޮށްލެވޭ ކަމެއް - ފުލުހުން މިފަދަ ހަރަކާތެއް ފަށާފައި މިވަނީ މިދިޔަ އާދިއްތަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަަހަރުގެ ކުއްޖަކު މަރުވެފައި ވަނިކޮށެވެ.
މާފަންނު ބަސް ސްޓޭޝަން ކުރިމަތިން އެ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ އިތުރުން އެ މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ.
ދުއްވާ މީހުންނަށް ފުލުހުންގެ މެސެޖު: 'ލަސްވުމަށް ވުރެ ފުރާނަ މުހިންމު'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ