ޒަމްޒަމް ފެން ކަމަށް ބުނެ އާދައިގެ ފެން ވިއްކާކަމުގެ ތުހުމަތު
އޮޅުވާލައިގެން އާދައިގެ ފެން ޒަމްޒަމް ފެނުގެ ގޮތުގައި އެތެރެކޮށް ވިއްކަމުންދާ ކަމަށް ބެލެވޭ މައްސަލައެއް ފުލުހުން މިއަދު ބަލަން ފަށައިފިއެވެ. ރާއްޖޭގައި ޒަމްޒަމް ފެން ކަމަށް ބުނެ އޮޅުވާލައިގެން އާދައިގެ ފެން ވިއްކާ ކަމަށް ތުހުމަތުކޮށް، ފޭސްބުކްގައި ހިންގާ ޕޭޖަކުން ޒަމްޒަމް ފެން ވިއްކާ ކަމަށް ޖަހާފައިވާ ޕޯސްޓަރެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ. ހަމަ އެ ޕޯސްޓުގައި، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ އައްޝާރިޤާގައި އިސްކުރު ފެން ޒަމްޒަމް ފެނުގެ ނަމުގައި ވިއްކާ މީހަކު ހައްޔަރުކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ހިމަނާފައިވެއެވެ. ޔޫއޭއީގެ ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އައްޝާރިޤާގައި ދިރިއުޅޭ ބައެއް އާންމުންގެ ޝަކުވާތަކާ ގުޅިގެން، އެ ސިޓީގެ މުނިސިޕަލްޓީއާއި ކޮންޓްރޯލް އިންސްޕެކްޝަން ޑިޕާޓްމަންޓާއި ހެލްތު ކޮންޓްރޯލާއި ސޭފްޓީ ޑިޕާޓްމަންޓުން ވަނީ އޮޕަރޭޝަނެއް ހިންގައިފައެވެ. އެ އޮޕަރޭޝަންގައި ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ގެއަކުން ފެންފުޅިތަކެއް އުޅަނދުފަހަރަށް އަރުވާކަން ފާހަގަކުރެވި، އެ ތަން ބަލައި ފާސްކޮށް މިދިޔަ މޭ މަހުގެ ފަހުކޮޅު އެކަކު ހައްޔަރު ވެސް ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން، ޒަމްޒަމް ފެނުގެ ގޮތުގައި ލޭބަލްކޮށްފައިވާ އެ ފެން ފުޅިތަކަށް އަޅާފައިވަނީ ސާފުތާހިރުކަން ދަށް ތަނެއްގައެވެ. އަދި، ބޮޑު އަގެއްގައި އެ ފެން ވިއްކަމުންދާ ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ. މި މައްސަލައިގައި ފުލުހުން ބުނީ، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މިކަމާ ބެހޭ މައުލޫމާތު ސާފުކޮށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއެވެ. އެހެންކަމުން، ރާއްޖެއަށް ޒަމްޒަމް ފެން ކަމަށް ބުނެ ވަޅުފެން އެތެރެކޮށް ވިއްކާ ކަމަށް ތުހުމަތުކުރެވޭ ޕޭޖަށް "ސަން"އިން ގުޅުމުން ބުނީ، އެއީ ހަމަ ސައޫދީ އަރަބިއްޔާގެ މައްކާއިން ގެންނަ އަސްލު ޒަމްޒަމް ފެން ކަމަށާއި މި މަސައްކަތްކުރާތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ. އޭނާ ބުނީ، މި ޕޯސްޓާ ގުޅިގެން މިއަދު މީހަކު އޭނާއަށް ގުޅި ކަމަށާއި އިތުރު މީހެއްގެ ފަރާތުން ޝަކުވާއެއް ނުލިބޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ