”ގެދޮރުވެރިޔާ“ ފްލެޓު ލިބުނު މީހުންނާއެކު ފެށޭ ހަފްތާގައި އެއްބަސްވުމުގައި ސޮއިކުރަނީ

”ގެދޮރުވެރިޔާ“ ސްކީމުގައި ހިމެނޭ 4،000 ފްލެޓް ލިބުނު ފަރާތްތަކާއެކު، އަންނަ ހަފްތާގައި އެއްބަސްވުމުގައި ސޮއި ކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މުއްތަލިބު މިކަން ހާމަކުރެއްވީ، މިނިސްޓަރުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށް ގެންދާ ”އަހާ“ ފޯރަމްގައި  އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ ހިނގަމުން މިދާ ޖުލައި މަސް ފެށޭއިރު ފްލެޓް އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށް ކުރިން އޭނާ ވިދާޅުވެފައި އޮންނާނެ ކަމަށާއި، ނަމަވެސް އެކަން ފެށިގެން ދިޔުން ލަސްވީ އިދާރީ ގޮތުން ކުރަންޖެހޭ ބައެއް ކަންކަން ކުރެވިފައި ނުވާތީ ކަމަށެވެ.
”އަޅުގަނޑުމެން ލިސްޓް ނެރެގެން ލިސްޓްގެ ކަންތައްތައް ބެލިއިރު އެޗްޑީސީގެ ފަރާތުން ކުރަންޖެހޭ އެގްރިމަންޓް އޮތީ ކަމާ ގުޅޭ އިދާރާތަކުން ވެޓްކޮށްފައެއް ނޫން. މިނިސްޓްރީންވެސް ވެޓް ކޮށްފައެއް ނެތް. އަދި އެޓާނީ ޖެނަރަލް އޮފީހުންވެސް ވެޓްކޮށްފައެއް ނެތް،“ މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފްލެޓް ލިބޭ މީހުންނާ އެކު ސޮއި ކުރަންޖެހޭ އެއްބަސްވުން އެޓާނީ ޖެނަރަލް އޮފީހަށް ފޮނުވައިގެން ފައިނަލް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ހިނގަމުންދާ ކަމަށެވެ.
ފްލެޓް ލިބެނީ 4،000 މީހުންނަށް ކަމަށްވާތީ އެމީހުންނާ އެކު ސޮއި ކުރުމަކީ ބުރަ ބޮޑު މަސައްކަތަކަށްވާތީ ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ހާއްސަ ތަނެއް ހުންނަންޖެހޭކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ތަނެއް ހަމަޖައްސައި ޓެންޓް އަޅަމުންދާ ކަމަށެވެ.
އަދި އެތަނަށް ބޭނުންވާ އިދާރީ މުވައްޒަފުންނާ ވަސީލަތްތައް ހަމަޖައްސަމުންދާ ކަމަށްވެސް އޭނާ ރޭ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ