ބަލި މީހުންނަށް ސިއްހީ އާލާތްތައް ހޯދައިދިނުމަށް އެންސްޕާއިން މިދިޔަ މަހު ދެ މިލިއަން ހަރަދު ކުރި

ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުުވެރިކޮށް ބޭސްފަރުވާ ކުރިއަށްގެންދިއުމަށް ބޭނުންވާ އާލާތްތައް އަދި މެޝިން ހޯދުމަށް އެހީގެ ގޮތުގައި ނިމިދިޔަ ޖޫން މަހު އެކަނި ދެ މިލިއަނަށް ވުރެން ގިނަ ރުފިޔާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ހޭދަކޮށްފިއެވެ. ދައުލަތުގެ ވެލްފެއާ ކަންކަން މެނޭޖު ކުރާ, އެންސްޕާއިން ރޭ އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިދިޔަ ޖޫން މަހު ސިއްހީ އާލާތްތަކާއި މެޝިން ހޯދައި ދިނުމަށް އެ އިދާރާއިން ވަނީ ޖުމުލަ, 2,356,435.66 ރުފިޔާ ހަރަދުކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ހޯދައި ދީފައިވަނީ ނޭވާލުމުގައި ދަތިކަން ހުންނަ މީހުން ނިދާއިރު އަޅާ ބައިޕެޕް މެޝިން އަދި މާސްކެވެ. އޭގެ 29 މެޝިން މިދިޔަ މަހު ބަލި މީހުންނަށް ހޯދައި ދީފައިވެއެވެ. އެއީ ގާތްގަނޑަކަށް 800 ޑޮލަރާއި 3000 ޑޮލަރާ ދެމެދުގެ އަގަކަށް ލިބޭ މެޝިނެކެވެ. ދެވަނައަށް މިދިޔަ މަހު އެންމެ ގިނައިން ހޯދައި ދީފައި ވަނީ އެނދުމަތި ކޮށްފައިވާ މީހުންނަށް ބޭނުންވާ ހޮސްޕިޓަލް ބެޑާއި އެއާ މެޓްރެސްއެވެ. އޭގެ 24 އާލާތް ވަނީ ހޯދައިދީފައެވެ. ތިން ވަނައަށް އެންމެ ގިނައިން ހޯދައި ދީފައިވަނީ ހިއަރިން އެއިޑެވެ. އޭގެ 17 އާލާތް ވަނީ ހޯދައި ދީފައެވެ. އަދި 14 ފުރޮޅުލީ ގޮނޑިއާއި 11 އޮކްސިޖަން ކޮންސެންޓްރޭޓާ ހޯދައިދީފައިވެއެވެ. މީގެ އިތުރުން ވެސް އެހެން ސިއްހީ އާލާތްތަކާއި މެޝިންތައް ބަލި މީހުންނަށް ހޯދައިދީފައިވެއެވެ. އެންސްޕާއިން ކޮންމެ މަހަކު ކުރާ ހަރަދުތައް މި ފަހުން އާއްމު ކުރަން ފަށާފައިވާއިރު އޭގެން އެނގެނީ ދިވެހީންގެ ބޭސް ފަރުވާއަށް ބޮޑު ހޭދައެއް ކުރާ ކަމެވެ. އެންސްޕާގެ އެހީއަކީ އާސަންދައިން ދޭ ހިލޭ އެހީގެ އިތުރުން އަދި ދައުލަތުން ފޯރުކޮށްދޭ އެހީއެކެވެ. މި ހޭދަތަކަށް ދައުލަތުން ބިލިއަނުން ކޮންމެ އަހަރަކު ހަރަދު ކުރެއެވެ. އެންސްޕާއިން ދޭ އެހީގެ ތެރޭގައި އެކިއެކި ސިއްހީ މައްސަލަތައް ހުންނަ މީހުންނާއި އެކަނިވެރި ބެލެނިވެރިންނަށް މަހުން މަހަށް ދޭ އެލަވަންސް ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ