އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް މިނިވަން މުއައްސަސާއަކަށް ވާން ޖެހޭ: ފިއްޓޭ އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް މިނިވަން މުއައްސަސާއަކަށް ވާން ޖެހޭ: ފިއްޓޭ

ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް ހުށަހަޅާފައިވާ ބިލުގެ ދަށުން އުފައްދާ އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީސް ވާން ޖެހޭނީ މިނިވަން މުއައްސަސާއަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނު" ގެ ނަމުގައި މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ފަށާފަ އެވެ. މި ބިލު ގާނުނަކަށް ވުމާއެކު މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި އެކަމަށް ހާއްސަ އޮފީހެއް ގާއިމުކުރާނެ އެވެ.
އެ އޮފީސް ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ. އެ މަގާމަށް މީހަކު އައްޔަނުކުރާނީ އިގުތިސޯދީ މިނިސްޓަރެވެ. އެ ކަމުގެ ކަންބޮޑުވުން ފިއްޓޭ މިއަދުގެ ޖަލްސާގައި ފާޅުކުރެއްވި އެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މި ގާނޫނު އޮންނައިރު މި މުއައްސަސާ އުފެދިފައި އޮންނަނީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި. އެއީ ސަބަބުތަކެއް އޮވެގެން. ސަރުކާރުތަކުގެ ނުފޫޒުން އެއްކިބާވެގެން އޮންނަ މުއައްސަސާއެއްގެ ގޮތުގައި މި މުއައްސަސާ އޮތުން އެއީ އަޅުގަނޑު ދެކޭ މުހިންމު ގޮތް،" ފިއްޓޭ ވިދާޅުވި އެވެ.
ރަޖިސްޓްރާ އައްޔަނު ކުރުމުގެ ބާރާއި ވަކިކުރުމުގެ ބާރު ވެސް މިނިސްޓަރަށް އޮތުމަކީ މި އޮފީހުގެ ފުރިހަމަ ކޮންޓްރޯލް އޭރަކު ހުންނަވާ އިގުތިސޯދީ ވަޒީރަކަށް ލިބޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މި ވަގުތު ވެސް މިއީ މިނިސްޓްރީގެ ތެރެއިން ކުރެވިދާނެ ކަމެއް ކަމަށް ފިއްޓޭ ވިދާޅުވި އެވެ.
"މިވަރު އިގުތިސޯދީ ދަތިކަމެއްގައި އުޅޭއިރު މިވަރު ކަމެއް މިހާރު މިނިސްޓްރީގެ ތެރެއިން ކުރެވޭނެތޯ؟ ނުކުރެވޭނެތޯ؟ މި ބިލު މިހާ މުހިންމު ވާއިރު މިނިސްޓްރީއަށް މިކަން ނުކުރެވޭއިރު އަލުން މުއައްސަސާއެއް އުފެއްދުން ރަނގަޅޭ. އެ އުފައްދާއިރު އެ މުއައްސަސާ މިނިވަންކޮށް އޮތުން އެއީ އެންމެ ރަނގަޅު ގޮތް،" އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ފިއްޓޭ ވިދާޅުވި އެވެ.
އޭނާ ހުށަހެޅުއްވީ މިނިސްޓަރުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުން ރަޖިސްޓްރާ އައްޔަނު ކުރުމަށެވެ. އެއީ ރައްޔިތުންގެ އިތުބާރު ހޯދޭނެ ގޮތް ކަމަށާއި އެ އޮފީހަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ވެސް ބިލުގައި ހިމަނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ބޮޑު ސުވާލަކީ މިވަގުތަށް މި ބިލު މިހާ މުހިންމުހޭ. އިތުރު މުއައްސަސާއެއް އުފައްދާތީ. އިތުރު ވަޒީފާތަކެއް އުފެދިގެން ދާނެ. އެއްކޮޅުން މި ދައްކަނީ ސަރުކާރުގެ ރިކަރަންޓު ހަރަދު ބޮޑު ވާހަކަ. އަނެއްކާ ވެސް މި އުފައްދަނީ އިތުރު މުއައްސަސާއެއް. އެ ތަނަށް ނަގާނީ ސިޔާސީ މުވައްޒަފުން."
މި އޮފީސް އުފެއްދުމުން އިތުރު ސިޔާސީ މަގާމު ދިނުން ފިޔަވައި ފައިދާއެއް ނެރެވޭތަން ނުފެންނަ ކަމަށް ފިއްޓޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ