ހުޅުމާލޭ ފްލެޓެއްގައި ރޯވުން: ކެއުމާއި ވަގުތީ ބޯހިޔާވަހިކަމަށް 28،000 ރުފިޔާ ޚަރަދުކޮށްފި
ހުޅުމާލޭގައި މިދިޔަ އާދިއްތަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 19 މީހަކަށް ކެއުން ހަމަޖައްސައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 28،000އަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ. އަލިފާނުގެ ހާދިސާ ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ, އަޒީޒާ މިސްކިތް ކައިރީގައި ހުރި 94 ނަންބަރު ފުލެޓުގެ އެޕާޓްމަންޓަކަށެވެ. އެއީ، 11 ބިދޭސީން ދިރިއުޅޭ އެޕާޓްމަންޓެކެވެ. އަލިފާން ރޯވިއިރު އެ ތަނުގައި އެއްވެސް މީހަކު ނެތެވެ. އަލިފާނުގެ ހާދިސާގައި އެ ތަނަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެ ހާދިސާގައި އެކިވަރުގެ ގެއްލުން ލިބިގެން ހަތަރު އެޕާޓްމަންޓެއްގެ 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަންވަނީ ފޯރުކޮށްދީފައެވެ. ނަމަވެސް އެ އެޕާޓްމަންޓުތަކުގައި ދެ މީހަކު ކުއްޔަށް އުޅުމުން، ވަގުތީ ބޯހިޔާވަހިކަމުން އެ މީހުން ވަނީ އުނިކޮށްފައެވެ. https://sun.mv/208534 އެހެންކަމުން 19 މީހުންގެ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބިއުމުގެ ޚަރަދަށް 28،600 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. މި 19 މީހުންގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެއެވެ. އެންޑީއެމްއޭއިން ބުނީ ރޯވި އެޕާޓްމަންޓުގެ އެސެސްމަންޓު ހަދާނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކަމަށެވެ. އަދި އެ ތަނުގައި ހިފައި ގެންގުޅޭ ތަކެއްޗަށް ލިބިފައިވާ ގެއްލުމުގެ އެސެސްމަންޓު ހަދާނީ އެންޑީއެމްއޭއިން ކަމަށް ބުންޏެވެ. ޗައިނާ ސަރުކާރުގެ އެހީގައި ހަދާފައި ހުންނަ މި ފްލެޓްތަކަކީ ބޯހިޔާވަހިކަން ދަތިވެފައިވާ ދިވެހީން ދިރިއުޅުމަށް ދީފައިވާ ތަންތަނެވެ. ނަމަވެސް، މި ފްލެޓް މި ވަނީ ބިދޭސީން އުޅުމަށް ކުއްޔަށް ދީފައެވެ. އިންތިހާއަށް ބޯހިޔާވަހިކަން ދަތި އެތައް އާއިލާއަކަށް އަދިވެސް ފްލެޓް ނުލިބިވާއިރު ސަރުކާރުން ދީފައިވާ މި ފަދަ ފްލެޓްތައް ކުއްޔަށް ދީގެން އާމްދަނީ ހޯދުމަކީ ވަރަށް ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ. އަދި، ފްލެޓްތަކަށް ސަރުކާރަށް ދައްކަން ޖެހޭ ކުލި ނުދައްކާ އުޅުމަކީ ވެސް އާންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ