ސްޓެލްކޯގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅާފައިވާ 'ސްޓެލްކޯ ހިޔާ' ލިބުނު މީހުންގެ ތެރޭ ހިމެނޭ އެ ކުންފުނީގެ ކުރީގެ ބޯޑު މެންބަރުންގެ ތެރޭގައި ފްލެޓަށް ކުލި ނުދައްކާ މީހުން ހިމެނޭތީ، އޮންނަ އުސޫލުގެ ތެރެއިން އެ ފައިސާ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - މާލިއްޔަތު ކޮމެޓީއަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހަޅުއްވާފަައިވާ މަސައްލައަށް މިއަދު ވަނީ ކޮމެޓީގައި މަޝްވަރާކޮށްފަ އެވެ.
ތަފްސީލް - އެ މައްސަލައަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވަނީ ސްޓެލްކޯ ފްލެޓު ލިބުނު މުވައްޒަފުންގެ ތެރެއިން ކުލި ނުދައްކާ މުވައްޒަފުންގެ މުސާރައިން ކުލީގެ ފައިސާ އުނިކުރާކަން ފާހަގަކުރައްވާފަ އެވެ.
ނަމަވެސް އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަން އަދާކޮށް، މިހާރު ކުންފުނިން ވަކިވެފައިވާ ބައެއް ބޭފުޅުންނަށް ފްލެޓު ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި ފްލެޓަށް ފައިސާ ނުދައްކާ ބޭފުޅުން ވެސް ހިމެނޭކަން މެންބަރުން ފާހަގަ ކުރެއްވި އެވެ.
ކޮމެޓީގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ކުލި ނުދައްކާ އެޕާޓުމެންޓުތަކުން ކަރަންޓު ކަނޑާލުން ފަދަ ފިޔަވަޅުތައް އަޅަން ހުށަހަޅުއްވައިފަ އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި، ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާގެ ތެރޭ ވަރަށް ކުދި އަދަދުތައް ވެސް ހިމެނެ އެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި:
ސްޓެލްކޯ ހިޔާ ފްލެޓުތަކަށް ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔައީ މައިކުގެ އަޑު ކަނޑާލައިގެން
އެހެންވެ، ސީދާ ނުލިބި ހުރި ފައިސާގެ އަދަދު ސާފެއް ނުވޭ
ޝުޖާއުގެ ވާހަކާގައި ފާހަގަކުރައްވާފައިވާ ގޮތުން ބައެއް އެޕާޓުމެންޓުތަކުން 24 ލާރި ނުލިބި އެބަހުރި؛178،000ރ. ވެސް ނުލިބި އޮތްކަން ފާހަގަ ކުރެއްވި
ކެލާ ދާއިރާގެ މެންބަރު ޝަރީފް ވަނީ ފްލެޓު ލިބުނު މީހުންނާ އެކު ސްޓެލްކޯ އިން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައިސާ ހޯދުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް އެ ކުންފުންޏަށް އަންގަން ހުށަހަޅުއްވައިފަ އެވެ.
"މިތަނުގައި އެގްރިމެންޓު ހެދިފައި ހުރި ގޮތަށް ބަލާއިރު އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ތަނުގައި މިހާރު ވެސް ސްޓެލްކޯގައި ހިދުމަތް ކުރަމުން އަންނަ މުވައްޒަފުންނަށް ވަކި ގޮތެއް. އޭގެ ބޭރުގައި ތިބި މީހުންނަށް ވަކި ގޮތެއް އޮންނަ ގޮތަށް އޮތް އޮތުން،" ޝަރީފް ވިދާޅުވި އެވެ.
"ހަމަހަމަވާންޖެހޭނެ މިކަމުގައި. އަޅުގަނޑުމެން ހިނގާށޭ ސްޓެލްކޯއަށް އަންގަމާ މިހާރު މި އޮތް ރެކޯޑުގެ މައްޗަށް ބަލާފައި ކުލި ނުދައްކާ މީހުންނާ މެދު ކޮންޓްރެކްޓުގައި ބުނާގޮތަށް ކަންތައް ކުރާށޭ."
އެ ހުށަހެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ތާއީދު ކުރެއްވި އިރު، ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ އެ ހުށަހެޅުން ފާސްވެފަ އެވެ.
"އަޅުގަނޑު ވެސް ގަބޫލު ކުރަނީ އެގްރިމެންޓެއް ހެދިފައި އޮންނަ ނަމަ، ހުުރިހާ ފަރާތްތަކަށް ވެސް ހަމަހަމަކަމާ އެކު އެގްރިމެންޓުގައި ހުންނަ ކަންކަން ތަންފީޒުވާން ޖެހޭނެ ކަމަށް،" އައިފާން ވިދާޅުވި އެވެ.
އެނގުން މުހިއްމު - ހިޔާ މަޝްރޫއުގެ ތެރޭ ހިމަނައިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށް ގެންދިޔަ މަޝްރޫއުގައި ސްޓެލްކޯ އިން ވަނީ 2 ޓަވަރު ތަރައްގީ ކޮށްފަ އެވެ.
އޭގެ ތެރޭގައި 1 ކޮޓަރީގެ އެޕާޓުމެންޓުގެ އިތުރުން 1+2 ކޮޓަރީގެ އެޕާޓުމެންޓު ވެސް ހިމެނެ އެވެ. އެގޮތުން:
މި މަޝްރޫއުގެ އަގަކީ 692 މިލިއަން ރުފިޔާ
މުވައްޒަފުންގެ އަތުން ނަގަން ނިންމާފައިވަނީ 62 މިލިއަން ރުފިޔާ؛ ބާކީ ދައްކާނީ އެ ކުންފުނިން
ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 5،622ރ. އާއި 10،652ރ.އާ ދެމެދުގެ އަދަދެއް؛ މެއިންޓެނެންސް ފީއަކީ 1،000ރ.
ސްޓެލްކޯ ފްލެޓަށް ކުލި ނުދައްކާ ނަމަ ފިޔަވަޅު އަޅަން އަންގަން ކޮމެޓީން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ