ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށް ކަނޑައަޅައި އިންތިޚާބު ބާތިލް ނުކުރާ ގޮތަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށްބުނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބެއްލެވުމަށްފަހު، އިންތިޚާބު ބާތިލު ނުކުރުމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނީ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މި މައްސަލައާ ގުޅިގެން ބޭއްވި އަޑު އެހުންތަކަށްފަހު ޙުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސުޕްރީމްގެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބު ބާތިލް ކުރަންޖެހޭ އެއްވެސް ހެއްކެއް ގަރީނާއެއް ޕީޕީއެމްގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށެވެ.
ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ މައްސަލަ ހުށަހެޅުމަށްފަހު، ޕީޕީއެމުން ބުނެފައިވަނީ މި މައްސަލަ ހުށަހެޅީ އިންތިޚާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ގިނަ ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމަށްފަހު އެ މުއައްސަސާއިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
ޕީޕީއެމުން ބުނެފައި ވަނީ ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުޙަލާގައިވެސް އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ޤާނޫނާ ޚިލާފަށް ތަފާތު އާލާތްތައް ބޭނުންކޮށްގެން ވޯޓު ލުމާއި ވޯޓުގެ ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ވޯޓުލުމުގެ ކުރިން ކުރެވޭ ރީ ރެޖިސްޓްރޭޝަނާއި ވޯޓާސް ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިޚާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ޤަވާއިދާ ޚިލާފަށް ހުރުން ފަދަ އެތަކެއް ޝަކުވާތައް ހިމެނޭ ކަމަށެވެ.
ރިޔާސީ އިންތިޚާބު ބާޠިލްކުރަންޖެހޭ ސަބަބެއް ނެތް- ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ