އިންތިހާބުގެ ބަލި ގަބޫލުކޮށް ގައުމު ފިތުނަވެރިކަމަކަށް ވައްޓާނުލާ ރީތިކޮށް ވަޑައިގެންނެވުމަށް ރައީސް އަބްދުﷲ ޔާމީން އަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ބައްދަލުކުރެއްވުމަށް ފަހު ދެބޭފުޅުން އެކުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
"އެއްގޮތަކަށްވެސް އަޅުގަނޑުމެން މިތިބީ ދޫދެއްވާ ގޮތަކަށް ނޫން. ރައްޔިތުންގެ ބަސް ވަރަށް ސަރީހަކޮށް ސާފުކޮށް ބުނެފި. އެބަސް ޖެހޭނެ ހިނގަން. އަދި އެބަސް އެގޮތުގެ މަތިން ދެމެހެއްޓުމަކީ މުޅި ދިވެހި ރައްޔިތުންގެ ވާޖިބެއް. މިހާރު ރައީސަކަށް ހުންނެވި ބޭފުޅެއްގެވެސް ވާޖިބެއް. އަދި ސަލާމަތީ މުވައްސަސާތަކުގެ ވެސް ވާޖިބެއް. ސިފައިންވެސް ފުލުހުންވެސް އެކަން ދަމަހައްޓަން ޖެހޭނެ" ރައީސް މައުމޫން ވިދާޅުވިއެވެ.
ހުރިހާ ސިޔާސީ ލީޑަރުންނަކީ ވެސް ރައްޔިތުންނަށް ހިދުމަތް ކުރައްވަން ނުކުމެ ތިބި ބައެއް ކަމަށާއި އެއްވެސް ބޭފުޅެއްގެ އަމިއްލަ ހައިސިއްޔަތެއް ނެތް ކަމަށް މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެންނަކީ ރައްޔިތުންނަށް ހިދުމަތް ކުރައްވަން ނިކުމެ ތިބި ބައެއް. އަޅުގަނޑުމެންގެ އަމިއްލަ ހައިސިއްޔަތެއް ނެތް. އަދި ރައީސްގެ ވެސް އިންތިހާބީ ރައީސްގެ ވެސް އަމިއްލަ ހައިސިއްޔަތެއް ނެތް. އެ ބޭފުޅުން ތަމްސީލު ކުރައްވަނީ ރައްޔިތުން. އެހެންކަމުން ރައްޔިތުން ބޭނުންފުޅުވާ ގޮތަށް ކަންތައް ހިނގަން ޖެހޭނެ. އަޅުގަނޑުވެސް ގޮވާލަން އިންތިހާބުގެ ނަތީޖާއާއި މެދު ޝައްކު އުފެދޭނެ ފަދަ ގޮތަކަށް ކަންތައް ނުކުރައްވާށޭ. ރީތިކޮށް މިކަން ގެންދަވާށޭ. ޝަރަފާއި އިއްޒަތާއި ގަދަރާއި ކަރާމާތާއި އެކުގައި ކާމިޔާބު ނުވި ބޭފުޅަކު އެކަން ގަބޫލު ކުރައްވާ އެންމެންނަށް ތަނަވަސް މަގު ދައްކާދެއްވާށޭ" މައުމޫން ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މައުމޫން ވަނީ ބަލި ގަބޫލު ކުރައްވާ ހިނިތުންވުމާއި އެކު ވަޑައިގަތުމަށް ރައީސް ޔާމީނަށް ގޮވާލައްވާފައެވެ.
"ޑިމޮކްރަސީއެއްގައި އެންމެ ވޯޓަކުން ބަލިވިޔަސް ބަލި ގަބޫލު ކުރާށޭ. މައްސަލަ ނުޖައްސާށޭ. ރައްޔިތުން އަނެއްކާ ފިތުނަވެރިކަމެއްގެ ތެރެއަށް ވަށްޓާނުލާށޭ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ނަތީޖާ ގަބޫލުކޮށްގެން ރީތިކޮށް ހިނިތުންވެ ހުރެ ރައްޔިތުންނާއި އަލްވަދާއު ކިޔާ ދާށޭ" މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން، ރައީސް ޔާމީނަށް : ފިތުނައަކަށް ގައުމު ވައްޓާނުލާ ވަޑައިގަންނަވާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ