އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ޖަޕާނުގެ ކުންފުންޏަކާ ޙަވާލުކޮށްފި

ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި ކަރަންޓުގެ އަގު އަތްފޯރާފަށަށް ގެނައުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ދަށުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި 1 މެގަވޮޓުގެ ބެޓެރީ ސްޓޯރޭޖް ސިސްޓަމަކާއި އެނަރޖީ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރުމަށް ޖަޕާންގެ ކުންފުންޏެއްކަމަށްވާ ނިޝިޒަވާ ލިމިޓެޑާއެކީ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި ނިޝިޒަވާ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިންގ ބްރާންޗް މެނޭޖަރ މިސްޓަރ ސުމިއޯ ފުޖިއޯކާ އެވެ.
މި މަޝްރޫޢުއަށް ބޭނުންވާ ފައިސާގެ އެހީ ފޯރުކޮށްދީފައިވަނީ ޖަޕާނު ސަރުކާރުގެ ފަރާތުން ހިންގާ ޖަޕާން ފަންޑް ފޮރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް) އިންނެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޕީކް ލޯޑް އަކީ މިހާރު 5.8 މެގަވޮޓެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް އެކި ސައިޒުގެ 14 ޑީސަލް ޖަނެރޭޓަރު އަދި 1.6 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރެވި ދަނީ ބޭނުންކުރެވެމުންނެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މިހާރު ޤާއިމުކުރެވިފައިވާ 1.6 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމާއި ބެޓެރީ ސްޓޯރޭޖް ސިސްޓަމް އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް ގުޅުވާލެވުމުން ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރުގެ މުޅި ޖުމްލަ 12.5 އިންސައްތަ ދަށްވެގެންދާނެކަމަށެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޕަވަރ ސިސްޓަމަކީ ތަފާތު ސައިޒުތަކުގެ ޖެނެރޭޓަރާއި އެކި ސައިޒުތަކުގެ ޑިސްޓްރިބިއުޝަން ކޭބަލް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ފޯރުކޮށްދެމުންދާ ނިޒާމެއްކަމުން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް ދަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ. އެހެންކަމުން މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޤާއިމުކުރެވޭ ބެޓެރީ ސްޓޯރޭޖް ސިސްޓަމާއި އެނަރޖީ މެނޭޖްމަންޓް ސިސްޓަމުގެ ސަބަބުން މި މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ.
މި އެއްބަސްވުމުގެ ދަށުން ޤާއިމުކުރެވޭ ސިސްޓަމުގެ ސަބަބުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޕަވަރ ސިސްޓަމަށް އެކަށީގެންވާ ޙައްލެއް ލިބިގެންދާއިރު ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު 8 އިންސައްތަ ދަށްވެގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ބެޓެރީ ސްޓޯރޭޖް ޓެކްނޮލޮޖީ އާއި އެނަރޖީ މެނޭޖްމަންޓްގެ ދާއިރާއިން އައްޑޫ ސިޓީގެ އިންޖީނުގެތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދެވޭނެއެވެ.
މި މަސައްކަތުގެ ޖުމްލަ އަގަކީ 4,075,016  ދިވެހި ރުފިޔާއެވެ. މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެއެވެ.
އިބްރާހީމް ރަމީޒް
iibbey
އިބްރާހީމް ރަމީޒްiibbey
http://atollnews.com
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ