އުމަރު ނަސީރަކީ ޔާމީންގެ ޕަޕެޓެއް - އަދީބުގެ އަންހެނުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގެ ފުރަތަމަ ހޯމް މިނިސްޓަރ، އުމަރު ނަސީރަކީ ޔާމީން ދަށުވެފައި ހުރި ޕަޕެޓެއްކަމަށް ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ އަންހެނުން މަރިޔަމް ނަޝްވާ ބުނެފިއެވެ.
ނަޝްވާ މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އަދީބު ފްރޭމު ކުރާށާއި ޔާމީންގެ ހުރިހާ ވައްކަމާއި ޖަރީމާތައް ފަސް އަޅާ ފޮރުވާލަން ހުރީ ނާޤާބިލު މީހެއްކަމަށެވެ. އަދި އުމަރަކީ ޒާތީ ހަސަދައިން ފުރިފައި ހުރި މީހެއްކަމަށްވެސް ނަޝްވާ ބުނެފައިވެއެވެ.
"އުމަރު ނަސީރަކީ ޔާމީން ދަށުވެފައި ހުރި ޕަޕެޓެއް، އަދީބު ފްރޭމް ކުރަންށާއި، ޔާމީންގެ ހުރިހާ ވައްކަމާއި ޖަރީމާތައް ފަސް އަޅާ ފޮރުވަދޭން ހުރި ޒާތީ ހަސަދައިން ފުރިފައި ހުރި ނާޤާބިލު މީހެއް." ނަޝްވާގެ ޓްވީޓުގައި އޭނާ ބުންޏެވެ.
މީގެއިތުރުން، ނަޝްވާ ވަނީ އޭނާގެ ޓްވީޓުގައި އުމަރަށް ދެ ސުވާލެއްވެސް ކުރިމަތި ކުރުވާފައެވެ. އެގޮތުން އެއް ސުވާލުގައި އޭނާ ބުނެފައިވަނީ އުމަރު އަދީބު މަރާ ނުލެވިގެން އުޅެނީ ކީއްވެތޯއެވެ. ދެވަނަ ސުވާލުގައި ބުނެފައިވަނީ އެއީ ސިޔާސީ ގޮތުން އަދީބު ބަލި ނުކުރެވޭނެތީތޯއެވެ.
"އުމަރު އަދީބު މަރާނުލެވިގެން ތިއުޅެނީ ކީއްވެ؟ ސިޔާސީ ގޮތުން އަދީބު ބަލި ނުކުރެވޭނެތީތަ؟" ނަޝްވާ އިތުރަށް ބުންޏެވެ.
ނަޝްވާ މިހެން ބުނެފައިވަނީ އުމުރު މިއަދު، އޭނާގެ ވެރިކަމެއްގައި އަދީބަށް މަރުގެ އަދަބު ދެއްވާނެކަމަށް ވިދާޅުވެފައި ވަނިކޮށެވެ. "ވަގުތު" އަށް ދެއްވި ބަސްދީގަތުމެއްގައި އުމަރު ވިދާޅުވީ ރައީސް އަވަހާރަކޮށްލަން ހަތިޔާރު ނެގި މީހަކީ އަދީބުކަމަށާއި އެހެންކަމުން އޭނާއަކީ ޣައްދާރެއްކަމުގައެވެ. އަދި އޭނާއަކީ އަދަބު ލިބެން ޖެހޭ މީހެއްކަމަށާއި އުމަރުގެ ވެރިކަމެއްގައި އޭނާއަށް މަރުގެ އަދަބު ދެއްވާނެކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ