ވެރިކަން ކުރަމުންދާ ޕާޓީ ޕީޕީއެމް މިއަދު އޮތްގޮތަށް އޮވެގެން ޖުމްހޫރީ ޕާޓިން ހަދާނެ ކޯލިޝަނެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، އދ. ފެންފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކފުޅުގައެވެ. ގާސިމް ވިދާޅުވި، ރައިސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވެރިކަމަށް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށް މީގެކުރިންވެސް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރާނެ ކަަމަށާއި، އެއީ އަރުވަމުންދާ އަޑެއްކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާފަ އޮންނާނީ އަޅުގަނޑު އަބުދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް އަޅުގަނޑު ދެން ދުވަހަކުވެސް އެއްވެސް މަސައްކަތެއް ނުކުރާނެކަމަށް. އަޅުގަނޑު ދެންނެވިން އަބުދުﷲ ޔާމީނަށްވެސް އެމަނިކުފާނު ވެރިކަމަށް ގެނައުމަށްޓަކައި އަޅުގަނޑު އެއްވެސް މަސައްކަތެއް ނުކުރާނަމޭ. އަދި އަޅުގަނޑުމެން ޕީޕީއެމް މިއަދު އޮތްގޮތަށް އޮވެގެން އަޅުގަނޑުމެން ހަދާނެ ކޯލިޝަނެއްވެސް ނޯންނާނެކަން އަޅުގަނޑަށް ކަށަވަރު،" ޤާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އިންތިޚާބުގެ މައްސަލަ ސްޕްރީމް ކޯޓަށް ވައްދާފައިވާއިރު ޖުމްހޫރީ ޕާޓި އާއި ގުޅުވައިގެން ބައެއް ފަރާތްތަކުން އެވާހަކަ ދައްކަމުންދާ ކަމަށެވެ. އެގޮތުން އެ ޕާޓީން އިދިކޮޅު ކޯލިޝަނުން ވަކިވެ ވަޑައިގެން ސަރުކާރު ފަޅިއަށް އަރާފައިވާކަަމަށް ވާހަކަ ދެކެވޭކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ، އެެ ވާހަކަތަކަކީ އެއްވެސް ވަރަކަށް ތެދު ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ހަމަ އަރުވަމުންދާ އަޑުތަކެއް ކަމަށެވެ.
"ސްޕްރީމް ކޯޓަށް ޕީޕީއެމުން މައްސަލަ ވެއްދުމާ ގުޅިގެން އެބަ އަޑުއަރުވަމުންދޭ ޖުމްހޫރީ ޕާޓީ މި ކޯލިޝަނުން ވަކިވެގެން ސަރުކާރު ސައިޑަށް ދަނީއޭ. ތަފާތު ވައްތަރުގެ ޕްރޮޕެގެންޑާ ފަތުރަމުން އެބަދޭ. އަޅުގަނޑު ދަންނަވާލަން އޮތީ އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތުކަމާއެކުގައޭ" ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ ވާހަފުޅުގައިގާ އޭނާގެ އަނބިކަބަލުން އާއިޝަތު ނަހުލާ ގައުމަށްޓަކައި ކޮށްދެއްވި މަސައްކަތްތަކަށް ފަށްފަށުން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ފެންފުށީގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުންވެސް ވަނީ ފާހަގަކޮށްފައެވެ.
ގާސިމް ވިދާޅުވީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް އައިޝާ ވަަރަށް ބޮޑަށް މަސައްކަތްކޮށްދެއްވި ކަމަށެވެ. އަދި ދިވެހި ލޮބިވުތި ރައްޔިތުން ތިބީ ފަސާދައާއި، ކޮރަޕްޝަން، އަދި ގައުމު ހަމަ މަގަށް އެޅުވުމަށް ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.
ޕީޕީއެމް އޮތްގޮތުން އަޅުގަނޑުމެން ހަދާނެ ކޯލިޝަނެއްވެސް ނޯންނާނެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ