ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ މައްޗަށް ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މުސްތަފާ އަށް ވަރުގަދަ ސުވާލުތަކެއް ބުރާސްފަތި ދުވަހު ކުރިމަތިކުރައްވައިފި އެވެ.
މުސްތަފާއާ ދެކޮޅަށް ދައުވާ ކުރައްވަނީ ޕީޕީއެމްގެ ވަގުތީ ކައުންސިލްގެ މެންބަރު އުމަރު ނަސީރެވެ. އޭނާގެ ދައުވާގައި ބުނެފައި ކުރިން ރާއްޖޭގައި ހިންގި ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އިން މުސްތަފާ ނަންގަވާފައިވާ 31،231.66 ޑޮލަރު ( 481،592ރ.) ހުކުމާ އެއްގޮތަށް ދައްކަވާފައިނުވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފުރިހަމަވާންޖެހޭ ޝަރުތުތައް މުސްތަފާގެ ފުރިހަމަވެފައިނުވާތީ އޭނާގެ މެންބަރުން ކަމުން ވަކިކޮށްދިނުމަށް އުމަރުގެ ދައުވާގައި އެދިވަޑައިގެންފައި ވެ އެވެ.
އަޑުއެހުން ފެށުމާއެކު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވީ އެ އަޑުއެހުމަކީ މައްސަލަ ދިރާސާ ކުރެއްވުމުގެ ތެރޭގައި އުފެދުނު ބައެއް ސުވާލުތައް ހުރުމުން އެކަން ސާފު ކުރުމަށް ބޭއްވެވި އަޑުއެހުމެއް ކަމަށެވެ.
އެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރަކު ވަނީ މުސްތަފާއާ ސުވާލު ކުރައްވައިފަ އެވެ. އެންމެ ފުރަތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެއްސެވީ ބީސީސީއައިގެ ލޯނު މުސްތަފާ ނެންގެވިންތޯ އެވެ. މުސްތަފާ ވިދާޅުވީ ބީސީސީއައިން އޭނާ ނެންގެވި ލޯނެއް ނޯންނާނެ ކަމަށާއި ނަމަވެސް އޭނާގެ ހިއްސާ އޮންނަ ސީފުޑް އެންޑް ޓްރޭޑް އިންޓަނޭޝަނަލްގެ ފަރާތުން ނަގާފައިވާ ލޯނެއް އޮންނާނެ ކަމަށެވެ. އަދި އޭނާ ޕާސަނަލީ އެއްވެސް ލޯނަކަށް ގެރެންޓީ ދެއްވާފައި ވެސް ނުވާނެ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
އެ މައްސަލައިގެ ޝަރީއަތުގައި މުސްތަފާ ދިފާއުގައި ވިދާޅުވަމުން ގެންދަވާފައި ވަނީ ބީސީސީއައިގެ މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ސީފުޑް ކުންފުނީގެ މައްޗަށް ކަމަށެވެ. އަދި އެ މައްސަލައިގައި ފައިސާ ދެއްކުމަށް ހުކުމްކޮށްފައި ވަނީ ވެސް ސީފުޑް ކުންފުނީގެ މައްޗަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެއްސެވީ އެ މައްސަލަ ދަށު ކޯޓުން ނިންމުމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ކުންފުނީގެ ބަދަލުގައި މުސްތަފާ ކަމަށެވެ. އަދި އޭގެ ހިކުމަތަކީ ކޮބައިތޯ ފަނޑިޔާރު އެއްސެވި އެވެ.
ފަނޑިޔާރުގެ ސުވާލަށް މުސްތަފާ ސީދާ ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް ވިދާޅުވީ އެއީ އޭރުގެ ކަންތައްތައް ހުރި ގޮތް ކަމަށާއި އޭނާ އެ މައްސަލައިގައި ހައި ކޯޓަށް ވަޑައިގެންފައި ވާނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކަމަށެވެ.
އެ މައްސަލައިގެ ދަށު ކޯޓުގެ ހުކުމުގައި މުސްތަފާގެ ނަން ހިމަނައި ހުކުމް ކުރައްވާފައި ވަނީ ކީއްވެތޯ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އެއްސެވި އެވެ. މުސްތަފާ ވިދާޅުވީ އެއީ އޭރުގެ އުސޫލުތައް އޮންނަ ގޮތް ކަމަށާއި އޭނާގެ ނަން ހުކުމުގައި ހިމެނިފައި ވަނީ ނަން އިތުރެއްގެ ގޮތުން ކަމަށެވެ. އަދި ނަން އިތުރެއްގެ ގޮތުން އޭނާގެ ނަން ހުކުމުގައި ހިމެނިފައި އޮތުމުން އޭނާ ލޯނުގެ ޒިންމާ ނަގަންޖެހޭނެ ގޮތެއް އޭނާގެ "މި ކޮށި ވިސްނުމަށް ވެސް ގަބޫލު ނުކުރެވޭ" ކަމަށް މުސްތަފާ ވިދާޅުވި އެވެ.
"... 100 ފަހަރަށް އެއްސެވި ނަމަވެސް އަޅުގަނޑަށް ހަމަ ދެންނެވެން އޮތީ އެހެން،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ހައި ކޯޓަށް ވަޑައިގެންނެވި ހައިސިއްޔަތާ މެދު ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވެސް ސުވާލު ކުރެއްވި އެވެ. މުސްތަފާ ވިދާޅުވީ އޭނާ ހައި ކޯޓަށް ވަޑައިގެންފައި ވަނީ ދައުވާ ރައްދުވާ ފަރާތެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި ހައި ކޯޓަށް ވަޑައިގެންނެވީ ސީފުޑް ކުންފުނީގެ ފަރާތުން އެ ކުންފުނި ތަމްސީލު ކުރެއްވުމަށް ކަމަށެވެ.
އެ މައްސަލައިގައި އެންމެ ފަހުން ސުޕްރީމް ކޯޓުން އަޑުއެހުމެއް ބާއްވާފައި ވަނީ މާޗް ،17 2011 ގަ އެވެ. އެ އަޑުއެހުން ބާއްވާފައި ވަނީ މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ އަހަރަކަށްވުރެ ގިނަ ދުވަސްކޮށްފަ އެވެ. އެ ދުވަހު މުސްތަފާ ޝަރީއަތުގައި ވިދާޅުވެފައި ވަނީ އޮގަސްޓް ،26 1997 ގައި ދަށު ކޯޓުން ފައިސާ ދެއްކުމަށް ހުކުމް ކޮށްފައި ވަނީ އޭނާގެ ކުންފުނީގެ މައްޗަށް ކަމަށާއި ނަމަވެސް މިހާތަނަށް ވެސް ކުންފުނިން ފައިސާ ދައްކާފައިނުވާ ކަމަށެވެ.
މި މައްސަލައިގައި އެންމެ ބޮޑަށް ސުވާލު އުފެދެނީ ދަށު ކޯޓުން ކުރި ހުކުމުގައި "މުހައްމަދު މުސްތަފާ، ސީފުޑް އެންޑް ޓްރޭޑް އިންޓަނޭޝަނަލް" އެގޮތަށް ބަޔާންކޮށްފައި އޮތުމުންނެވެ.
މިއަދުގެ އަޑުއެހުން ކުރިއަށް ދިޔައިރު އެމްޑީޕީ އާއި ސަރުކާރުގެ ވަރަށް ގިނަ އިސް ބޭފުޅުން ދިޔައީ ސުޕްރީމް ކޯޓު ކުރިމަތީގައި މުޒާހަރާ ކުރަމުންނެވެ. މުސްތޮފާގެ ގޮނޑީގެ މައްސަލައިގައި މިއަދު ހުކުމް ކުރަން އޮތް ނަމަވެސް ހުކުމެއް ނުކުރެ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން މުސްތަފާއަށް ވަރުގަދަ ސުވާލުތަކެއް ކުރިމަތިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ