އަދާލަތު ޕާޓީގެ ރައީސާ ދެކޮޅަށް ރައީސް މައުމޫން އަބުރުގެ ދައުވާ އުފުއްލަވައިފި

ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަކީ ކާފަރެއް ކަމަށް ބުނެ އަދާލަތު ޕާޓީގެ ރައީސް ހުސެން ރަޝީދު އަހްމަދު ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ އޭނާއާ ދެކޮޅަށް މަދަނީ ކޯޓުގައި، އަބުރުގެ ދައުވާ މައުމޫން އުފުއްލަވައިފި އެވެ.
"މައުމޫން 2008" ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކެމްޕައިނުގެ މެނޭޖަރު އިބްރާހިމް އާތިފް ޝުކޫރު ވިދާޅުވީ، ކޯޓަށް އިއްޔެ ހުށަހެޅި ދައުވާގައި ފާހަގަ ކޮށްފައިވާނީ، ޖުމްހޫރީ ގުޅުން އިއުލާނު ކުރުމަށް ބޭއްވި ހަފްލާގަ އާއި ސަން އެފްއެމަށް ހުސެން ދެއްވާފައިވާ އިންޓަވަވިއުއެއްގައި ދައްކާފައިވާ ވާހަކަތައް ކަމަށެވެ.
"އިއްޔެގަ މަދަނީ ކޯޓުގައި ހުސެން ރަޝީދު އަހްމަދު އިދިކޮޅަށް އަބުރުގެ ދައުވާއެއް ވަނީ އުފުލާފައި، މި ދައުވާ އުފުލާފައިވަނީ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް. އޭނާއަކީ މުސްލިމެއް ނޫން ކަމުގައި ހުސެން ރަޝީދު އަހްމަދު ދެ ހަފްލާއެއްގައި ދައްކާފައި ހުރި ވާހަކައާ އިދިކޮޅަށް،" އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ، އަދާލަތު ޕާޓީން މަޝްހޫރުކަން ހޯދުމަށް ދައްކާ ވާހަކަތަކަކީ ޑީއާރުޕީއަށް މުހިންމު ވާހަކަތަކެއް ނޫން ކަމަށެވެ. ނަމަވެސް ހުސެންއާ މެދު އެ ޕާޓީން ދެކެނީ ތަފާތު ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުސެން ރަޝީދު އަހުމަދަކީ ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ފަދައިން އުރުދޫ ބަހުން ކިޔަވާ ވިދާޅުވެ ވަޑައިގެން ހުންނެވި ބޭފުޅެއް. އެބޭފުޅާއަކީ ދެވަނަ ބަހަކަށް އަރަބި ބަސް ކިޔަވަން މީހުންނަށްއެ ބަސް ދަސްކޮށް ދިނުމަށްޓަކައި ޑިޕްލޮމާއެއް ގެންގުޅުއްވާ ބޭފުޅެއް،" އާތިފް ވިދާޅުވި އެވެ. "އެއީ އެބޭފުޅާ އަތްޕުޅުގައި އޮތް، ދީން ކިޔަވައިދިނުމަށް ވެސް ދީނާ ބެހޭ ގޮތުން ފަތުވާ ދިނުމަށް ވެސް މިއިން ކޮންމެ ކަމަކަށް ވެސް އެބޭފުޅާ އަތްޕުޅުގައި އޮތް އެއްޗެއް ކަމަށް އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ."
އާތިފް ވިދާޅުވީ ހުސެންއަކީ މިސްރުގެ އަޒްހަރު ޔުނިވާސިޓީއަށް ވަނުމަށްޓަކައި ހުށަހެޅުމުން ރިޖެކްޓް ކޮށްފައިވާ ބޭފުޅެކެވެ.
އެއްވެސް މީހަކާ ދެކޮޅަށް ދައުވާ ނުކުރާނޭ ކަމަށް މައުމޫން ވިދާޅުވެފައި ވަނިކޮށް ހުސެންއާ ދެކޮޅަށް އެމަނިކުފާނު އަބުރުގެ ދައުވާ ކުރައްވަން ނިންމެވީ، ޑީއާރުޕީގެ މެންބަރުން އެކަމަށް ވަރަށް ބޮޑަށް މައުމޫންގެ އަރިހުގައި އެދުމުން ކަމަށެވެ.
ހުސެން މިއަދު ވިދާޅުވީ، އޭނާއާ ދެކޮޅަށް މައުމޫން ދައުވާ ކުރެއްވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި މައުމޫންގެ އަބުރެއް އޮތްތޯ ނުވަތަ ނޫންތޯ ސާބިތު ކުރާ ކޯޓުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ