ވައުދާ ހިލާފުވި ކަމަށް އިސާކް ބުނުމުން ނިއުކާސަލުން ޖަވާބުދީފި ވައުދާ ހިލާފުވި ކަމަށް އިސާކް ބުނުމުން ނިއުކާސަލުން ޖަވާބުދީފި

ނިއުކާސަލް (އޮގަސްޓް 20) - ނިއުކާސަލް ޔުނައިޓެޑުން އޭނާ އަށް ވީ ވައުދުތަކާ އެއްގޮތަށް އަމަލުނުކުރި ކަމަށް އެ ޓީމާ މައްސަލަ ޖެހިފައިވާ ސްވިޑެންގެ ފޯވާޑް އަލެކްސަންޑަ އިސާކް، ސޯޝަލް މީޑިއާގައި ބުނުމުން، އެ ކަމަށް ނިއުކާސަލް އިން ޖަވާބުދީފި އެވެ.
ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ)ގެ އެވޯޑް ހަފްލާ އަށް އިސާކް އަށް ދިން ދައުވަތު އޭނާ ގަބޫލުކޮށްފައިނުވާތީވެ، މީޑިއާގައި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ނިއުކާސަލް ދޫކޮށްލަން އެ ކްލަބަށް އެންގި އިސާކް އަދިވެސް އެ ޓީމުގައި ހުރިއިރު، އޭނާ ޓްރެއިނިންތައް ކުރިއަށްގެންދަނީ ވަކިންނެވެ.
އިންސްޓަގްރާމްގައި އިސާކް، 25، ރޭ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެހެން މީހުން އޭނާއާ ބެހޭގޮތުން ވާހަކަ ދައްކަން ވަރަށް ގިނަ ފަހަރު ފުރުސަތު ދެވިފައިވާނެ ކަމަށާއި ދެން އޮތީ އޭނާ ދައްކަން ޖެހޭ ވާހަކަތައް ބުނުން ކަމަށެވެ.
އިސާކް ބުނެފައިވަނީ، ނިއުކާސަލާ އެކު އޭނާ ވަރަށް ގިނަ ދުވަސްތަކެއް ކުރިން ބޭއްވި ބައްދަލުވުމުގައި އޭނާ ބޭނުންވާ ގޮތް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި، ދެ ފަރާތުން ވެސް މި ކަމުގައި ވައުދުތަކެއްވި ކަމަށާއި އެކަމަކު، ނިއުކާސަލް އިން އަަމަލުކޮށްފައިވަނީ، އޭނާއާ އެކު، ބޭއްވި ބައްދަލުވުންތަކުގައި ދެކެވުނު ވާހަަކަތަކާ އެއްގޮތަކަށް ނޫން ކަމަށެވެ.
"ވައުދުތައް ނުފުއްދުނީމާ، އިތުބާރު ގެއްލުނީ، އިތުބާރެއް ނެތިއްޔާ ދެނެއް އެކުގައި މަސައްކަތް ނުކުރެވޭނެ. އެއީ މި ވަގުތު އަަހަންނަށް ކަންކަން ފެންނަ ގޮތަކީ، ބަދަލެއް ގެނައުމަކީ އެންމެނަށް ވެސް މީގެ އެންމެ ރަނގަޅު ގޮތް،" ޕީއެފްއޭ އިން ހޮވި ޑްރީމް ޓީމުގައި ހިމެނޭ އިސާކް ބުންޏެވެ.
އިސާކް، ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނާ ގުޅިގެން ނިއުކާސަލް އިން ބުނެފައިވަނީ، ކްލަބްގެ މަސްލަހަތަށް ނުވިސްނައި، އިސާކް އަމިއްލަ ވިސްނުން އިސްކޮށް ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ހިތާމަކުރާ ކަމަށެވެ. އަދި، ނިއުކާސަލް މިހާރު ވެސް ނިންމާފައި އޮތީ، އެ ކްލަބްގައި ކޮންޓްރެކްޓްގައި ހުރި ޓީމަށް މުހިންމު ކުޅުންތެރިން ކްލަބްގައި މަޑުކުރުވުން ކަމަށާއި އެކަން އިސާކް އާއި އޭނާގެ އޭޖެންޓަށް އެނގޭނެ ކަމަށެވެ.
މީގެ އިތުރުން، ނިއުކާސަލް އިން ބުނެފައިވަނީ، އިސާކް ވިއްކާލަން އެ ކްލަބުން ވިސްނާފައި އޮތް ގޮތް ވާނީ ހާމަކޮށްފައި ކަމަށާއި އެއާ އެއްގޮތަށް ކަންކަން އަދި ނުދާ ކަމަށެވެ.
އިސާކް، ވިއްކާލަން އެ ކްލަބުން ކިޔާ އަގުދީފައި އެ ޑީލް ކުރިއަށްގެންދަން ޗެމްޕިއަން، ލިވަޕޫލުން ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިސާކް، ގަންނަން ލިވަޕޫލުން ކުރި 140 މިލިއަން ޑޮލަރުގެ ބިޑް، ނިއުކާސަލް އިން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ލިވަޕޫލުން ދެ ވަނަ ބިޑެއް ކުރާނެ ކަމަށް ނިއުކާސަލް އިން ތައްޔާރަށް ތިބިއިރު، އެ ކްލަބުން އިސާކް ވިއްކާލަން ކިޔާ 185 މިލިއަން ޑޮލަރު ދީފައި، އެ ޑީލް ކުރިއަށްގެންދަން ލިވަޕޫލުން ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޕްރިމިއާ ލީގުގައި، ނިއުކާސަލުން، ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ކުޅޭނީ ލިވަޕޫލާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ