ކްރުއެލާގެ މަސައްކަތް ފަށައިފި، އެމާ ފެންނާނެ
ޑިޒްނީގެ "ކްރޫއެލާ"ގެ ސީކުއަލްގެ މަސައްކަތްތައް ފަށައި ލީޑް ރޯލުން ފެނުނު ހޮލީވުޑްގެ ކާމިޔާބު ބަތަލާ އެމާ ސްޓޯން މި ފިލްމުން ވެސް ފެންނާނެކަން ކަށަވަރުކޮށްފިއެވެ. ކާމިޔާބު ފިލްމު ކްރުއެލާ ރިލީޒްކުރުމަށް ފަހު އެ ފިލްމަށް ލިބުނު ކާމިޔާބީއަށް ބެލުމަށް ފަހު ފިލްމުގެ ދެވަނަ ބައި އިއުލާނުކުރީ މިދިޔަ 2021 ވަނަ އަހަރުގެ ޖޫން މަހުގައެވެ. ޑިޒްނީގެ ކްލެސިކް ވިލަން "ކްރުއެލާ ޑިވިލް"އަށް ބިނާކޮށް ތަފާތު ވާހަކަ އެއް ކިޔައިދިން މި ފިލްމު ވެގެންދިޔައީ އެ އަހަރުގެ ބޮޑު ހިޓަކަށެވެ. އެއާއެކު ފިލްމުގެ ދެވަނަ ބައެއް ބެލުމަށް ވެސް އެތައް ބަޔަކު ބޭނުންވިއެވެ. ފިލްމުގެ ޑައިރެކްޓަރު ކްރެއިގް ޖިލެޕްސީއާއި ސްކްރީން ރައިޓަރު ޓޯނީ މެކްނަމާރާ ވަނީ ފިލްމުގެ ދެވަނަ ބައެއް ގެނެސްދޭން ނިންމާފައެވެ. މިހާރު ފިލްމުގެ ޕްރޮޑަކްޝަންގެ ބައެއް މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ސްކްރިޕްޓުގެ މަސައްކަތް ވަނީ މިހާރު ބޮޑު ބައެއް ނިންމާލާފައެވެ. އަދި، ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ޕްރޮޑަކްޝަނުން މައުލޫމާތު ދެއެވެ. ކްރޫއެލާއަކީ ޑޯޑީ ސްމިތުގެ ވާހަކަ "ދަ ހަންޑްރެޑް އެންޑް ވަން ޑަމްލޭޝިއަންސް"ގެ ކެރެކްޓާއެއް ކަމަށްވާ ކްރޫއެލާ ޑި ވިލްއަށް ބިނާކޮށް އުފެއްދި ފިލްމެކެވެ. މި ފިލްމުގެ ފުރަތަމަ ބައިގައި އެމާގެ އިތުރުން ހަރަކާތްތެރިވި ބައެއް އެހެން ތަރިންނަކީ އެމާ ތޮމްޕްސަން، ޕޯލް ވޯޓާ ހައުޒާ، ޖޮއެލް ފްރައި، ކާބީ ހޮވެލްބެބްސްޓީ އަދި މާކް ސްޓްރޯންގްއެވެ. އާ ފިލްމުގެ ކާސްޓުން ކަށަވަރުކޮށްދީފައިވަނީ އެމާ ސްޓޯން އެކަންޏެވެ. އާ ފިލްމުގައި އެމާ ދިރިއުޅުން އެހެން ތަނަކަށް ބަދަލުކުރާ ވާހަކަތައް ދެކެވިފައިވެއެވެ. އެހެންވީމާ އާ ފިލްމުގައި އިތުރު ކާސްޓު އެއްކޮށް ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ