ދުނިޔޭގެ ޖޫނިއާ ސްވިމިން މުބާރާތުގައި ރާއްޖެ އަށް ހަތަރު ގައުމީ ރެކޯޑެއް ދުނިޔޭގެ ޖޫނިއާ ސްވިމިން މުބާރާތުގައި ރާއްޖެ އަށް ހަތަރު ގައުމީ ރެކޯޑެއް

ރުމޭނިއާގައި މިހާރު ކުރިއަށްދާ 10 ވަނަ، ދުނިޔޭގެ ޖޫނިއާ ފެތުމުގެ މުބާރާތް، ވޯލްޑް އެކުއަޓިކްސް ޖޫނިއާ ސްވިމިން ޗެމްޕިއަންޝިޕްގައި، ރާއްޖޭގެ ފެތުންތެރިން ހަތަރު ގައުމީ ރެކޯޑެއް ހަދައިފި އެވެ.
އެ ގޮތުން، ޖޫނިއާ ގައުމީ ޓީމުން ހެދި ރެކޯޑްތަކަކީ، އަންހެނުންގެ ލޯންގް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން މެރާލް އައިން ލަތީފް ހެދި ރެކޯޑާއި ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރާއި 100 މީޓަރު އިވެންޓްގައި، ލޫތު މުހައްމަދު ހުސެއިން ހެދި ރެކޯޑްްގެ އިތުރުން، އަންހެނުންގެ ލޯންގް ކޯސް 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރެކޯޑް ވަނީ އާކޮށްފަ އެވެ.
މެރާލް، އަންހެނުންގެ ލޯންގް ކޯސް 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ރެކޯޑު އާކޮށްފައިވަނީ 05:57.86 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. އެންމެ ފަހުން މި ރެކޯޑް ހެދީ ވެސް މެރާލް އެވެ. އެއީ، މިދިޔަ އަހަރު އިނގިރޭސިވިލާތުގައި ބޭއްވުނު ޑެވޮން ކައުންޓީ އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސް 2024 ގައި 06:09.10 އިން އިވެންޓު ނިންމައިގެންނެވެ.
ފިރިހެނުންގެ ލޯންގް ކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑް ލޫތު އާކޮށްފައިވަނީ 01:10.95 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވުނު 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މުބާލް އައްޒާމް އިބްރާހީމް އެވެ. އެ ފަހަރު މި އިވެންޓު މުބާލް ފުރިހަމަކޮށްފައިވަނީ 01:14.58 އިންނެވެ.
ފިރިހެނުންގެ ލޯންގް ކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް ލޫތު އާ ކުރީ، 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ފުރަތަމަ 50 މީޓަރު 00:32.67 އިން ފުރިހަމަ ކޮށްގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވުނު 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި މުބާލް އެވެ. އެ ފަހަރު މުބާލްގެ ޓައިމިން އަކީ 00:33.24 އެވެ.
އަންހެނުންގެ، ލޯންގް ކޯސް 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރެކޯޑް އާކުރީ 10:09.97 އިން ރޭސް ނިންމައިގެންނެވެ. މި ރެކޯޑު އާކުރި ޓީމުގައި ހިމެނެނީ، މެރާލް، އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ)، ލައިބާ ހަސަން މަނިކު އަދި އަޔާނާ އަރީފް އެވެ.
މި އިވެންޓުގެ ގައުމީ ރެކޯޑް އެންމެ ފަހުން އާ ކޮށްފައިވަނީ 2023 ވަނަ އަހަރު ބޭއްވުނު 19 ވަނަ އޭޝިއަން ގޭމްސްގައި 10.50.31 އިން ނިންމައިގެންނެވެ. މި ގައުމީ ރެކޯޑް އާ ކުރި ޓީމުގައި ހިމެނުނީ ހަނާން ހުސައިން ހަލީމް، މެރާލް، ހަމްނާ އަހުމަދު އަދި އީން އައްބާސް ޝަރީފް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ