ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުމާ ބޮޑުފޮޅުދޫ ކައުންސިލުން ދެކޮޅު، މުއިއްޒަށް ގޮވާލީ ދެވަނަ ވިސްނުމަކަށް ދިޔުމަށް ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުމާ ބޮޑުފޮޅުދޫ ކައުންސިލުން ދެކޮޅު، މުއިއްޒަށް ގޮވާލީ ދެވަނަ ވިސްނުމަކަށް ދިޔުމަށް

ރައީސްގެ ނިޒާމަށް ރައީސް މުހައްމަދު މުއިއްޒު ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކަށް އެތައް ދަތިތަކެއް ދިމާވާ ކަމަށް ބުނެ އެކަމާމެދު ދެވަނަ ވިސްނުމަކަށް ދިޔުމަށް ރައީސް މުހައްމަދު މުއިއްޒުއަށް ބޮޑުފޮޅުދޫ ކައުންސިލުން ގޮވާލައްވައިފި އެވެ.
މުއިއްޒު އެ ރަށަށް ވަޑައިގެން ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް މި ފަހުން ސަރުކާރުން ހުށަހަޅައިގެން ގެނައި ބަދަލުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
"ވަރަށް ބޮޑަށް އަޅުގަނޑު ރައީސް ކިބައިން އެދެން [ލާމަރުކަޒީ ގާނޫނަށް] މި ފަހުން މި ގެނައި ބަދަލާމެދު އިތުރަށް ވިސްނުންފުޅު ބަހައްޓަވާ އަޅުގަނޑުމެން ކައުންސިލްތަކަށް ފަސޭހަވާނޭ ގޮތަކަށް އަދިވެސް މިކަން ކޮށްދެއްވުން،" ޝުޖާއު ވިދާޅުވި އެވެ.
މީގެ އިތުރުން، އޭނާ ވަނީ އަތޮޅު ކައުންސިލްތައް އުވާލައި ރަށު ކައުންސިލްތަކުގެ ސައިޒު ކުޑަކުރަން މުއިއްޒު ހުށަހަޅުއްވާ ބަދަލުތަކަކީ ރަނގަޅު ގޮތް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން، ތިން ކައުންސިލަރުންނާއެކު މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގެ މުހިންމު އަސާސެއްކަން ޝުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަތޮޅު ކައުންސިލަކީ ވެސް ވަރަށް މުހިންމު ކައުންސިލްތަކެއް. އަތޮޅު ކައުންސިލުން ވަރަށް ގިނަ ކަންކަން ކުރަމުން އެބަދޭ. އެހެން ނަމަވެސް މަދު ކައުންސިލްތަކަކުން ނުހިނގާ ގޮތަށް ކަންކަން ކުރުމަކީ މުޅި ނިޒާމަށް އަޅުގަނޑު ބަދަލު ގެންނަން ޖެހޭ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ޝުޖާއު ވިދާޅުވި އެވެ.
ލާމަޒުކަޒީ ނިޒާމު ޗެމްޕިއަން ކުރެވޭނީ މާލީ މިނިވަންކަން ފޯރުކޮށްދީ މަޝްރޫއުތައް ވެސް ކައުންސިލްތަކަށް ދީގެން ކަމަށް ދެކޭ ކަމުގައި އޭނާ ވިދާޅުވި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގޮތުން ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ އަތޮޅު ކައުންސިލްތައް އުވާލުމަށާއި ލާމަރުކަޒީ ގާނޫނަށް އިތުރު ބަދަލުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރަށް ހުށަހަޅުއްވާނެ ކަމަށް މުއިއްޒު ރޭ ވަނީ ވިދާޅުވެފަ އެވެ.
ސަރުކާރުން ބޭނުންވާ ގޮތަކަށް ގާނޫނުތައް ފާސްކުރުމުގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތްއިރު، މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ކުރީކޮޅުގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަތޮޅު ކައުންސިލްތައް އިންތިހާބު ކުރަން ވޯޓުލާން ނުޖެހޭނެ ކަމަށެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަކީ މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި ރައްޔިތުން ބާރުވެރިކުރުވާ ކަމެކެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ވިދާޅުވީ ރަށު ކައުންސިލްތަކަށް ވުޒާރާތަކާއި އެސްއޯއީތަކާ ސީދާ މުއާމަލާތް ކުރެވުމެވެ.
މިހާރު ވެސް ރަށު ކައުންސިލްތަކަށް އެކަމަށް ހުރަހެއް ނެތެވެ. ރަށު ކައުންސިލްތަކުން ކަމެއް ކުރަން، މިނިސްޓްރީއަކާ ވާހަކަ ދައްކަން އަތޮޅު ކައުންސިލްގެ ހުއްދައެއް ނަގަން ނުޖެހެ އެވެ. ނުވެސް ނަގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ