އއ. ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އެޅުމަށް އަންނަ އަަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޮޑުފޮޅުދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ މުޅި ރާއްޖެއަށް ވެސް އެންމެ ބޮޑު މައްސަލަ ކަމަށެވެ.
ތަފްސީލް - އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެންމެ އިސްކަން ދޭނީ ގެދޮރުގެ މައްސަލައަށް ހައްލު ހޯދުމަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބޮޑުފޮޅުދޫގެ ހައުސިން މައްސަލަ ހައްލު ކުރުމަށް ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަހަރުގެ ކުރީކޮޅު އަމަލީ މަސައްކަތް ފަށައިދޭނަން. އެ މަޝްރޫއު ނިމުނީމާ އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް ވަރަށް ބޮޑުތަނުން ގެދޮރުގެ މައްސަލަ ހައްލުވެގެންދާނެ،" 50 ހައުސިން ޔުނިޓު އަޅައިދެއްވާނެކަމުގެ ވައުދާ އެކު ރައީސް ވިދާޅުވި އެވެ.
ބޮޑުފޮޅުދޫގެ ބިމަށް އިތުރު ކުރުމަށް މިދިޔަ ސަރުކާރުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއުގައި ހިއްކި 4 ހެކްޓަރުގެ ބިން އަދިވެސް އެ ރަށާ ހަވާލު ނުކޮށް އޮތް މައްސަލަ ވެސް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން އެކަމާ މެދު ވިސްނާފައި އެ ބިން މިހާރު އެ އޮތް ޑިސްޕިއުޓް ހައްލުކޮށް މި ރަށުގެ ބިމުގެ ތެރެއަށް، މި ރަށާ ހަވާލު ކުރުމަށް އަޅުގަނޑުވާނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.
އެ ބިމާއެކު ބޮޑުފޮޅުދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ރައީސް މިއަދު ވައުދުވެ ވަޑައިގެންނެވި އެވެ.
ފާހަގަ ކުރެވޭ - ރައީސް ވަނީ ކުޅިވަރުގެ ދާއިރާ އިން ވެސް ބޮޑުފޮޅުދޫއަށް ވައުދުތަކެއްވެވަޑައިގެންފަ އެވެ. އެގޮތުން:
ހޭންޑްބޯޅަ ކޯޓެއް ތަރައްގީކުރާނެ
ފުޓްބޯޅަ ދަނޑެއް ތަރައްގީ ކުރާނެ
އާ ފުޓްސަލް ދަނޑެއް
ޒުވާނުންގެ މަރުކަޒުގެ މައްސަލަތައް ހައްލުކޮށް ބޭނުންކުރެވޭ ގޮތް ހަދާނެ
ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ