މެޑްރިޑް (އޮގަސްޓް 20) - ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ޕެނަލްޓީން 1-0 އިން ރެއާލުން އޮސަސޫނާގެ މައްޗަށް ކުރިހޯދައިފި އެވެ.
ރެއާލްގެ ދަނޑު، ސަންޓިއާގޯ ބާނަބެއުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 51 ވަނަ މިނިޓްގަ އެވެ. މިއީ، އެމްބާޕޭ އަށް އޭރިއާތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީން އެމްބާޕޭ ވަނީ، އޮސަސޫނާގެ ގޯލްކީޕަރު، ސާޖިއޯ ހެރޭރާ އަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.
މިދިޔަ ސީޒަނުގައި ލީގުގެ ދެ ވަަނައިގައި ނިންމި، ރެއާލުން މި ސީޒަނުގައި ނުކުމެފައި މި ވަނީ، އެ ޓީމުގެ އާ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ، ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުންނެވެ. މި މެޗުގައި، އިތުރު ގޯލުތަކެއް ޖަހަން ވެސް ރެއާލަށް ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ. އެ ގޮތުން، ރެއާލްގެ ޑީން ހައުސަން އާއި އެޑާ މިލިޓާއޯ ފޮނުވާލި ބޯޅަތައް ކީޕަރު ހެރޭރާ ވަނީ ހުއްޓުވައިފަ އެވެ.
އޮސަސޫނާ އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެ ޓީމުގެ އަބެލް ބްރެޓޯނޭސް އަށް ރަތް ކާޑެއް ދެއްކީ އިތުރު ވަގުތުގެ ތެރޭގައި ރެއާލްގެ ގޮންޒާލޯ ގާސިއާ އަށް ފައުލެއް ކުރުމުންނެވެ.
މި ފަހަރުގެ ޓްރާންސްފާގައި ރެއާލުން ގެނައި، ޓްރެންޓް އަލެކްސަންޑަ އާނޯލްޑް، އަލްވާރޯ ކަރޭރާސް އަދި ފްރާންކޯ މަސްޓަންޓޫނޯ އަށް ވަނީ ރަސްމީ ފުރަތަމަ މެޗެއްގައި އެ ޓީމަށް ކުޅުމުގެ ފުރުސަތު ދީފަ އެވެ.
އެމްބާޕޭގެ ޕެނަލްޓީން ރެއާލް ލީގު ފެށީ މޮޅަކުން އެމްބާޕޭގެ ޕެނަލްޓީން ރެއާލް ލީގު ފެށީ މޮޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ