ހުލާސާކޮށް އިއްޔެ: 63 ރަށެއްގެ ފިޓްނަސް ސެންޓަރު އެޅުން އެމްއެސީއެލްއާ ހަވާލުކޮށް ކުންފުނި ހަމައިން ނައްޓުވައިލަނީ ހުލާސާކޮށް އިއްޔެ: 63 ރަށެއްގެ ފިޓްނަސް ސެންޓަރު އެޅުން އެމްއެސީއެލްއާ ހަވާލުކޮށް ކުންފުނި ހަމައިން ނައްޓުވައިލަނީ

އެއާޕޯޓް ހިންގަން އުފައްދާފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ 63 ރަށެއްގައި ފިޓްނަސް ސެންޓަރު އަޅަން އިއްޔެ ހަވާލުކުރި އެވެ.
އެމްއޭސީއެލްގެ ތަސައްވަރުގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ ފެންވަރުގެ އެއާޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމެވެ. އެ ކުންފުނީގެ މެންޑޭޓުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ރަށްރަށުގައި ހިންގުމެއް ނޯވެ އެވެ.
ރާއްޖޭގެ އެންމެ މުއްސަނދި ކުންފުންޏާ މަޝްރޫއުތައް ހަވާލުކުރީ، ކައުންސިލް އިންތިހާބު ގާތްވަމުން އަންނައިރު، މި ސަރުކާރުން ވައުދުވެފައި އޮތް މަޝްރޫއުތައް ރަށްރަށުގައި ނުހިންގިގެން ރައްޔިތުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
63 ރަށެއްގައި ފިޓްނަސް ސެންޓަރަށް ހަރަދުވާ ފައިސާއެއް ހާމައެއް ނުކުރެ އެވެ.
ކުންފުނީގެ މައިގަނޑު ވިޔަފާރިއާ ދުރު މަޝްރޫއުތައް މީގެ ކުރިން އެމްއޭސީއެލްއިން ނަގާފައެއް ނުވެ އެވެ.
ފިޓްނަސް ސެންޓަރު އަޅަން ސްޕޯޓްސް މިނިސްޓްރީން އެމްއޭސީއެލްއާ ހަވާލުކުރި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
އަމިއްލަ މެޝީނަރީ އާއި ފައިސާ ވެސް ނެތް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ މިދިޔަ ހަފްތާގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބައެއް ރަށްރަށުގެ ސްކޫލްތައް ތަރައްގީ ކުރުމަށް ވެސް ހަވާލުކޮށްފަ އެވެ.
ރަށްރަށުގައި ހިންގާ އެކި މަޝްރޫއުތައް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރާތީ އެކަމާ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އޭގެ ސަބަބުން ކުދި ވިޔަފާރިތަކަށް އެއްވެސް ފުރުސަތެއް ނުލިބޭ ކަމަށް އެ ވިޔަފާރިތަކުން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ