ޖުމްހޫރީ ގުޅުމަށް ތާއީދު ކުރާ ފަރާތްތަކުން ރޭ އައްޑޫގައި ބޭއްވި ވެހިކަލް ބުރެއްގައި، ތިން ވެހިކަލެއް އެކްސިޑެންޓްވެ، ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ރޭ އަށެއް ޖަހާއެހާކަށްހާ އިރު ހިތަދޫ ލިންކް ރޯޑު ސަރަހައްދުގައި ހުންނަ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕޭން އޮފީސް ކުރިމަތިން ވެހިކަލް ބުރު ފަށައިގެން ކުރިއަށް ދަނިކޮށް، ތިން ވެހިކަލް އެކްސިޑެންޓްވެފައި ވަނީ ހިތަދޫ ލިންކް ރޯޑުގައި އަލަށް އިމާރާތްކޮށްފައިވާ ފުލުހުންގެ މަރުކަޒުގެ ކައިރިންނެވެ. މިހާދިސާ ހިނގައިފައި ވަނީ ވެހިކަލް ބުރުގެ އެންމެ ފަހަތުގައި އޮތް ތިން ވެހިކަލުގެ ތެރެއިން ކުރީގައި އޮތް ކާރު ކުއްލިއަކަށް މަޑުކުރުމުން ފަހަތުގައި އޮތް ދެ ވެހިކަލް ޖެހިގެން ކަމަށް އައްޑޫ ޕޮލިސް ސްޓޭޝަނުން ބުންޏެވެ.
ކުރީގައި އޮތް ކާރު މަޑުކުރުމުން، އޭގެ ފަހަތުގައި އޮތް ކާރު ކުރީގައި އޮތް ކާރުގައި ޖެހި، ފަހަތުގައި އޮތް ޕިކަޕް މެދުގައި އޮތް ކާރުގައި ޖެހި ހިނގި މިހާދިސާގައި އެއް ކާރުގައި ތިބި ދެ އަންހެނަކަށް އަނިޔާވެފައިވެ އެވެ. އެގޮތުން މެދުގައި އޮތް ކާރުގެ ކުރީ ސީޓްގައި އިން އަންހެން މީހާގެ ބޯ ވިންޑް ސްކްރީންގައި ޖެހި އަނިޔާވެފައިވާ އިރު އެކާރުގެ ފަހަތު ސީޓްގައި އިން އަންހެން މީހާ ކުރީ ސީޓްގައި ޖެހި އޭނާގެ ބޮލަށް އަނިޔާވެފައިވެ އެވެ. އެހެންނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. މި ދެ މީހުންނަށް ރޭ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވަނީ ފަރުވާ ވެސް ދީފަ އެވެ.
ރިޔާސީ އިންތިހާބު 2008: ޖުމްހޫރީ ގުޅުމުން އައްޑޫގައި ބޭއްވި ވެހިކަލް ބުރެއްގައި ތިން ވެހިކަލެއް އެކްސިޑެންޓްވެ، ދެ މީހަކަށް އަނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ