ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒު އަވަހަރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތައުޒިއްޔާ ފޮނުއްވައިފި އެވެ.
ސައުދީ ރަސްކަމަށް މިހާރު އިސްކުރައްވާފައިވާ އަބްދުﷲ ރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު ވަލީއުލްޢަހްދު ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދު އަށް ރައީސް މިއަދު ފޮނުއްވި ތައުޒިއްޔާގެ މެސެޖްގައި ސައުދީ ރަސްގެފާނު އަބްދުﷲ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާއި އެމަނިކުފާނުގެ ނަންފުޅުގައި ސައުދީގެ ރަސްގެފާނަށާއި ގަނޑުވަރުގެ ބޭފުޅުންނަށް ވަނީ ހަމްދަރުދީ ފޮނުއްވައިފަ އެވެ.
އަބްދުﷲ ރަސްގެފާނަކީ ސައުދީ އަރަބިއްޔާ އާއި މެދު އިރުމައްޗަށް ބޮޑެތި ބަދަލުތަކެއް ގެންނެވި ހިތްވަރުގަދަ ލީޑަރެއް ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އަދި 2002 ވަނަ އަހަރު ފަލަސްތީންގައި މިނިވަންދައުލެއްް ގާއިމް ކުރެއްވުމަށް އެމަނިކުފާނު ހުށަހެޅުއްވި ޕްލޭނަކީ މިހާރު ވެސް ފަލަސްތީންގެ މައްސަލަތަކުގައި ބަހުސްކުރާ އިރު ބަލާ އެއްޗެއް ކަމަށް ވިދާޅުވެފައިވެ އެވެ.
ތަފާތު ސަގާފަތްތަކާއި ދީންތަކުގެ މެދުގައި މަޝްވަރާކުރުމުގެ އުސޫލު ކުރިއެރުވުމަށް ވަރުބަލިފުޅު ކަމެއް ނެތި އަބްދުﷲ ރަސްގެފާނުގެ ކުރެއްވި މަސައްކަތްތަކަކީ މުޅި ދުނިޔެ ވެސް ބަލައިގެންފައިވާ ކަމެއް ކަމަށާއި މިފަހަކަށް އައިސް ސައުދީ އަރަބިއްޔާގައި ހިންގާފައިވާ އިޖުތިމާއީ އަދި ތައުލީމީ ބޮޑު މަޝްރޫއުތަކަކީ އަބްދުﷲ ރަސްގެފާނު އިސްވެ ހުންނަވައިގެން ހިންގެވި މަޝްރޫއުތަކެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި އެކަން ސައުދީގެ އަންނަ އޮތް ޖީލްތައް ބަލައިގެންނާނެ ކަމަށް ވެސް ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ.
"އަބްދުﷲ ރަސްގެފާނު އަވަހާރަވުމަކީ ސައުދީ އަރަބިއްޔާގެ ރައްޔިތުންނަށާއި މުޅި މުސްލިމް އުއްމަތަށް އަދި މުޅި ދުނިޔެ އަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ހިތާމައެއް،" ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
ސައުދީގެ ރަސްގެފާނު އަވަހާރަވީ ނިއުމޯނިޔާގެ އާލާސްކަންފުޅަކާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ރިޔާޟްގައި ހުންނަ ކިންގް އަބްދުލްޢަޒީޒް މެޑިކަލްސިޓީގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަވަމުން ގެންދަވަނިކޮށް ރޭ މެންދަމު އެކެއްޖަހާ ކަންހާއިރެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ.
އަބްދުﷲ ރަސްގެފާނު އެ ގައުމުގެ ރަސްކަމުގެ މަގާމަށް އިސްވެވަޑައިގެންފައި ވަނީ 2005 ވަނަ އަހަރު އެވެ. އޭގެކުރިން ސައޫދީ އަރަބިޔާގެ ވަލީއުލްއަހްދު ކަމުގެ މަގާމުގައި އަބްދުﷲ ދިގުމުއްދަތެއް ހޭދަކުރައްވާފައިވެ އެވެ.
އަބްދުﷲ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިއްޔާ ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ