ކެޔޮނިރު ކޮލަމް: ގައުމު ދޮވެލި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް، މޫތައް ދައުލަތުގެ ތިން ބާރުގެ ތެރޭގައި

އެމް.އެމް.ޕީ.އާރް.ސީ އަކީ ބޮޑު ޚިޔާނާތާ ގުޅިގެން ވަރަށް ގިނައިން އިވޭ ނަމެކެވެ. އެއީ ދިގުކޮށް ކިޔާނަމަ މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެވެ. ރާއްޖޭގެ ފަތުރުވެރިކަން މާރކެޓްކޮށް އިޝްތިހާރު ކުރާ (ސަރުކާރު) ކުންފުންޏެވެ. މިކުންފުނި އޮންނަނީ ޓޫރިޒަމް މިނިސްޓްރީގެ ދަށުގައެވެ. އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ކުރީކޮޅު ޓޫރިޒަމް މިނިސްޓަރަކަށް އަހްމަދު އަދީބު ހުންނެވި އިރު އެމް.އެމް.ޕީ.އާރް.ސީ ގެ މެނޭޖިންގް ޑިރެކްޓަރަކަށް ހުންނެވީ އަބްދުﷲ ޒިޔަތު އެވެ.
އަދީބުގެ މާލިމީ ކަމުގެ ދަށުން، ޒިއަތު އާއި އަދީބު ވަނީ ރާއްޖޭގެ 57 ފަޅު ރަށް، ޓޫރިސްޓް ރިސޯރޓް ހެދުމަށް، 2013 އާއި 2015 އާއި ދެމެދު، ކުއްޔަށް ދީފައެވެ. މި 57 ރަށުން، އެކުއިސިޝަން ފީ ގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ 90 ވަރަކަށް މިލިއަން ޑޮލަރުގެ ތެރެއިން ދައުލަތުގެ އެކައުންޓަށް ވަނީ އެންމެ 12 މިލިއަން ޑޮލަރެވެ. ބާކީ 77 މިލިއަން ވަރަކަށް ޑޮލަރު ވަދެފައިވަނީ އަދީބުއާއި ޒިއަތުއާ ގުޅުން ހުރި ދިވެހި އެކި ކުންފުނި ތަކުގެ އެކައުންޓް ތަކަށެވެ. ހާއްސަކޮށް އަދީބުގެ އެންމެ ގާތް އެކުވެރީންގެ ކުންފުނި، އެސް.އޯ.އެފް. ގެ އެކައުންޓް ތަކަށެވެ. ކުރިން ކުރި ތަހުޤީގުން ދައްކަނީ އެއީ ގާތްގަނޑަކަށް 1.3 ބިލިއަން ދިވެހި ރުފިޔާގެ ހިޔާނާތެއް ކަމަށެވެ. ނަމަވެސް ބުރާސްފަތި ދުވަހު ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން، އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސް ގައި، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އަސްއަދު ވިދާޅުވީ މި 57 ރަށުގެ އެކުއިސިޝަން ފީ ވެސް އަދީބުގެ މިނިސްޓަރު ކަމުގައި ކަނޑައަޅާފައި ވަނީ މާރކެޓް އަގަށް ވުރެ ކުޑަކޮށް ކަމަށެވެ. މާނައަކީ އަސްލު އަގުގައި ވިއްކުނު ނަމަ އެ 57 ރަށަށް އެކުއިސިޝަން ފީގެ ގޮތުގައި 220 މިލިއަން ޑޮލަރު ލިބޭނެ އެވެ.
ފެންނަން ހުރި ހެކިތަކަށް ބަލާއިރު 77 މިލިއަން ވަނީ އަދީބުއާ ގުޅުން ހުރި އަމިއްލަ ކުންފުނިތަކުގެ އެކައުންޓް ތަކަށެވެ. ބާކީ 143 މިލިއަން ޑޮލަރަށް ވީގޮތެއް ތަހުޤީގަށް އަދި ހޯދިފައެއް ނުވެއެވެ. އެހެން ކަމުން، މި އަދަދު ތަކަށް ބަލާއިރު މި ބިޔަ ހިޔާނާތުގެ ޖުމުލަ އަގު 3.3 ބިލިއަން ރުފިޔާ އަށް އަރައެވެ.
ނުއަގުގައި ރަށްތައް ވިއްކާލައިގެން ލިބުނު 70 ވަރަކަށް މިލިއަން ޑޮލަރުވެސް ވަގަށް ނެގީ އެވެ. އަސްލު އަގުކަމުގައިވާ 220 މިލިއަން ޑޮލަރަށް ވިއްކާފައި އެއަދަދު އެއްކޮށް ނުނަގާ ކަމެއްވެސް ތަހުޤީގަށް ޔަގީން ނުވެއެވެ. އައްސަދު ވިދާޅުވީ 143 މިލިއަން ދޫކޮށްލި އިރު އެކަން ކުރަން ތިބި މީހުން އެއްވެސް މަންފާއެއް ނުވާ ގޮތަށް ދޫކޮށްލާނެ ކަމަށް އިންސާނީ ބުއްދި ގަބޫލު ނުކުރާ ކަމަށެވެ. ތަހުގީގުކުރަމުން އަންނަނީ އެބަޔަށް ވެސް ފޯކަސް ކޮށްގެން ކަމަށް އައްސަދު ވިދާޅުވި އެވެ. މާނައަކީ މި 57 ރަށް ވިއްކާލައިގެން އަސްލު 220 މިލިއަން ޑޮލަރު ނުވަތަ 3.3 ބިލިއަން ރުފިޔާ ނަގައި، އެފައިސާއަށް ހިޔާނާތްތެރި ވެފައިވާ ކަމަށް ބަލައިގެން ތަހުޤީގު ކުރިއަށް ގެންދިޔުމެވެ.
ރައީސް ޔާމިނުގެ ވެރިކަން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ނިމުމުގެ ކުރީން، 2016 ވަނަ އަހަރު އެމް.އެމް.ޕީ.އާރް.ސީ ގެ ޚިޔާނާތުގެ ތަހުޤީގު ވަނީ ފެއްޓިފައެވެ. މި ތަހުޤީގުގައި ފުލުސް އޮފީހުގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން އާއި، އޮޑިޓަރ ޖެނެރަލް އޮފީހުންވެސް ބައިވެރި ވެފައި ވެއެވެ. ޖަލުގައި ބަންދު ކޮށްފައި ހުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދިނުމުން އިންޑިއާއަށް ވަޑައިގެންފައި އެނބުރި ރާއްޖެ ވަޑައިގެން، މިއަހަރުގެ އޮގަސްޓް މަހު ވަނީ ބޭރުގެ ޓަގް ބޯޓެއްގައި ފިއްލަވައިގެން އިންޑިއާއަށް އެތެރެވެވަޑައިގަތުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އިންޑިއާ ސިފައިން ކަނޑުމަތިން މި ޓަގުބޯޓު ހުއްޓުވައި އަދީބު ހައްޔަރުކޮށް، އަނބުރާ ދިވެހި ފުލުހުންނާ ހަވާލު ކުރުމަށް ފަހު އެމް.އެމް.ޕީ.އާރް.ސީ ގެ ޚިޔާނާތުގެ ތަހުޤީގު އަލުން ވަނީ ފަށައި، ދައުވާ އުފުލައިފައެވެ.
މައްސަލައިގެ ތަހުޤީގު އަލުން ކުރިއަށްދާ އިރު އަދީބާ އެކު ދައުލަތުން ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހާއްސަ އެއްބަސްވުމެއް އެކުލަވާލާފައެވެ. އެއީ ތަހުޤީގަށް ހުރިހާ މައުލޫމާތެއް ދީ، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ މައުލޫމާތު، ހެއްކާއެކު ދިނުމުން އަދީބަށް އަންނަ ހުކުމް 20 އަހަރުގެ ޖަލު ހުކުމަކަށްވުރެ ދިގު ނުކުރުމުގެ އެއްބަސް ވުމެކެވެ.
ޓޫރިޒަމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަދީބުގެ އެކުވެރިންގެ ކުންފުނި، އެސްއޯއެފަށް ޖަމާކޮށް ހިންގި މި ޚިޔާނާތް 3.3 ބިލިއަން ރުފިޔާއަށް އަރާއިރު މި މައްސަލައިގައި ފުލުހުންނާއި އޭސީސީ އަދި ރިޔާސީ ކޮމިޝަނުން ހިންގާ ތަހުގީގާ ގުޅިގެން އަދީބުގެ މައްޗަށް ހަތް ދައުވާއެއް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އުފުލާފައިވެ އެވެ.
މި ޚިޔާނާތް ތަހުގީގު ކުރަމުން އަންނަ އިރު، އެމް.އެމް.ޕީ.އާރު.ސީ ފައިސާއިން މަންފާ ލިބުނު މީހުން އަދީބު ވަނީ ފުލުހުންގެ ތަހުގީގަށް ކިޔައި ދެއްވަައިފަ އެވެ. މި ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށްވެސް ވަކި މައްސަލައެއްގެ ގޮތުގައި ދައުވާކޮށް، ޝަރީއަތް މިހާރުވެސް ކުރިޔަށް އެބަ ދެއެވެ. ޔާމިންގެ ވެރިކަމުގައި، އަދީބުގެ ބެލުމުގެ ދަށުން ހިންގި މި ޖަރީމާ ފަޅާއެރި ހިސާބުން މިއަދާ ހަމައަށް ރަސްމީ އިދާރާތަކުން ފޮރުވަމުން އައި ބައެއް މަންޒަރުތައް ބުރާސްފަތި ދުވަހު ފުލުހުންނާއި ރިޔާސީ ކޮމިޝަނުން މިވަނީ ސާފުކޮށްދީފަ އެވެ. ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ޚިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާތަކުން ބުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ އަދަދު 267 އަށް އަރާ ކަމަށެވެ.
އޭގެތެރޭގައި ރައްޔިތުންގެ މަޖުލިހުގެ މިދިޔަ ދައުރުގެ 44 މެމްބަރުން، އަދި މިހާރުގެ މަޖުލިހުގެ 16 މެމްބަރަކު، އަދި މިނިވަން މުއައްސަސާ ތަކުގައި ކުރިން އުޅުއްވި ފަސް ބޭފުޅަކާއި، ޔާމީނުގެ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި 30 ބޭފުޅަކާއި، މިހާރުގެ ސަރުކާރުގެ އިސް ހަތް ބޭފުޅަކު، އަދި ފުލުހުންނާއި ސިފައިންގެ ތެރެއިން ހަތް އޮފިސަރަކާއި، ކުރިއާއި މިހާރުގެ ފަސް ފަނޑިޔާރަކު ހިމެނެއެވެ. އެހެން ކަމުން ސަރުކާރުގެ އިސް ބޭފުޅުންނާއި، މަޖުލިސް މެބަރުންނާއި، ފުލުހުންނާއި، ސިފައިންނާއި، ފަނޑިޔާރުން، އަދި މިނިވަން މުއައްސަސާ ތަކުގެ ބޭފުޅުންގެ ތެރެއިން މިހާތަނަށް އެނގެން އޮތީ 114 ބޭފުޅަކު މި ކޮރަޕްޝަނުގެ ފައިސާގައި ޖެހިފައިވާ ކަމެވެ. ތަހުޤީގު ކުރިއަށް ދާއިރު މިއަދަދު ވެސް ކުރިޔަށް އޮތް ތަނުގައި އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ.
މި ޕްރެސް ކޮންފަރެންސް ގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ޚިޔާނާތުގެ ތަހުގީގަށް މިހާތަނަށް 100 އަށް ވުރެން ގިނަ މީހުންނާ ސުވާލުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ތަހުގީގު މިހާރަށް ވުރެ ވެސް ފުޅާކުރާނެ ކަމަށެވެ. އަދި ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ އެކި ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކުރާނެ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވެފައި ވެއެވެ. އެގޮތުން އެންމެ އަވަހަށް ސުވާލުކުރަން ފަށާނީ ތުހުމަތުކުރެވޭ މި ސަރުކާރުގެ އެކި ބޭފުޅުންނާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވި ގޮތުގައި ކުރީގެ ނައިބު ރައީސް އަދީބާއި އެމްއެމްޕީއާރުސީގެ ފައިސާ ޖަމާކުރި އެސް.އޯ.އެފް. ގެ އިސް މީހުން ވަނީ ޚިޔާނާތް ހިންގި ގޮތް ފުލުހުންގެ ތަހުގީގަށް ކިޔައިދީ ބައެއް ހެކިތައް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި ފޯނުން ކުރި މުއާމަލާތްތައް ހިމެނޭ އިރު ބައެއް ކަންކަން ވަރަށް ސާފުކޮށް ފެންނަން ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދީބު އިސްވެ ހުރެ ހިންގި ޚިޔާނާތުގެ މި ބިޔަ އަދަދުން ކުރި ހޭދައިގެ ތެރޭގައި މަޖުލިސް މެބަރުންނަށް ކެމްޕެއިން ކުރުމާއި، މެމްބަރުން ގަތުމާއި އެކި އެކި ހުކުމްތައް ކުރުވުމަށް ރިޝްވަތު ދިނުމަށް ވެސް މިފައިސާ ހޭދަ ކޮށްފައިވާ ކަމަށް ވެސް ބުރާސްފަތި ދުވަހުގެ ކޮންފަރެންސުން ހާމަވެގެން ދިޔައެވެ.
ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މީހުން ހާމަނުކުރާތީ ރައްޔިތުންގެ ކަންބޮޑުވުން އޮތްކަމުގައި ވިޔަސް އެ މީހުންގެ ނަންތައް އާއްމުކުރުމުގެ ވިސްނުމެއް ފުލުހުން އަދި ނުގެންގުޅެ އެވެ. ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ މިހާރު ލިބިފައި ހުރި މައުލޫމާތުތަކުން ވެސް ތަހުގީގު އަދި އިތުރަށް ފުޅާކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން މިވަގުތު ނަންތައް އާއްމުކުރަން ގަސްތުނުކުރައްވާ ކަމަށެވެ.
އޭގެތެރޭގައި، ސަރުކާރާއި ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންގެ އިތުރުން ވެސް ސަރުކާރުގެ އިސް މަގާމުތަކުގައި އުޅުއްވި އަދި އުޅުއްވާ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. މި މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ކަން ފާހަގަކުރައްވައި، ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ބައެއް ބޭފުޅުންގެ ނަންތައް ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރީން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި ހާމަކުރައްވައިފަ އެވެ. ބިޝާމްގެ މި ވާހަކަތަކާ ގުޅިގެން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެންމެހާ މީހުންގެ ނަންތަކާއި ބޮޑެތި ޖިނާއީ ކުށްތަކުގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތު އޮތް މީހުންގެ ނަންތައް ހާމަ ކުރަން ގޮވާލައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ.
މި ކުއްލި މައްސަލައިގެ ހޫނު ބަހުސްގައި އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުންހުރި އެންމެންގެ ނަންތައް ހާމަކުރާނެ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެފައިވެއެވެ. އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓާއި ގުޅިގެން ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ވަކި ހިސާބަކުން މީޑިޔާތަކަށް ސިއްރުކޮށްގެން ކުރިއަށް ގެންދިޔައީ އެމްއެމްޕީއާރްސީގެ ވައްކަމުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ނަންތައް ރައްޔިތުންނަށް ފޮރުވަން ނޫން ކަމަށާއި ކޮމިޓީ ސިއްރުކުރީ މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ ތަހުޤީގަށް ހުރަސް އެޅިދާނެ މައުލޫމާތެއް އާއްމު ނުކުރުމުގެ ނިޔަތުގައި ކަމަށް ޔައުޤޫބު ވިދާޅުވިޔަސް ރައްޔިތުން ބޭނުންވަނީ ވީހާވެސް ބޮޑަށް ހުޅުވާލެވިގެން މި ތަހުޤީގު، ކޯރޓް ތަކުގައިވެސް އަދި މަޖުލިހުގައި ވެސް ކުރިއަށް ދިއުމަށެވެ.
ރާއްޖޭގައި މިހާތަނަށް ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ މީހުންގެ ތެރޭ ކުރީ ސަރުކާރާއި މިހާރުގެ ސަރުކާރުގެ މިނިސްޓަރުންނާއި ފުލުހުންގެ އިތުރުން އެމް.ޑީ.ޕީ ގެ ބައެއް އިސްފަރާތްތައް ވެސް ހިމެނޭކަން، ބުރާސްފަތި ދުވަހުގެ ޕްރެސް ކޮންފަރެންސުން އަދި ޕީ.ޖީ ގެ ބަހުން ހާމަ ވެފައިވާ އިރު އެއީ އެމް.ޑީ.ޕީ ގެ މެންބަރުން ކަމުގައި ވިޔަސް އެފަރާތްތައް ތިއްބެވި މަގާމުތަކުން ދުރުކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެފައި ވެއެވެ. އެކަމަކީ ހަމައެކަނި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެންބަރުން ބައިވެރިވާ ކަމެކޭ ބުނެ ރެކެވެން ނެތްކަމަށް ވެސް އީވާ ވިދާޅުވިއެވެ. ހަސަން ލަތީފު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ނޮޅިވަރަމް ދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު ނަޝީދު ވަނީ ބޮޑު ސިޔާސީ ބޮމެއް ވައްޓާލައްވައިފަ އެވެ. އޭނާ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރީގެ ސަރުކާރުގައި 13 އަހަރަށް ޖަލަށް ލާން ކުރި ހުކުމަށްފަހު މިނިވަން ކުރުމަށް ކުރި މަސައްކަތްތަކުގައި ވެސް އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ.
"މިއަދު ރައްޔިތުން މަޖިލީހުގެ ރައީސަކަށް އިންނެވި ބޭފުޅާ ޖަލުން ނެރެން ވެގެން އެމްއެމްޕީއާރްސީގެ ފައިސާ ހަރަދުކުރީ ކިހާ ވަރަކަށްތޯ؟ މިކަންތައްތައްވެސް ހިނގާ ބަލައިލަން. ކީއްވެގެންތޯ ޕީ.ޖީ ބިޝާމް ބޭރު ކުރަން ނުކެރިގެން މަޖިލިސް ރައީސަށް މިއުޅެނީ، އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބިޝާމް ބޭރު ކުރަން ހުށަހެޅީމަ މަޖިލީހުގެ ރައީސް އަޑީގައި ހުރެގެން އޭނަ އެތާ އެބަހައްޓަނީ ކޮން ކަމެއްގައިތޯ؟" ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު ސުވާލު ކުރެއްވިއެވެ.
މި މައްސަައިގެ ބަހުސްގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވި ގޮތުގައި، އެމް.އެމް.ޕީ.އާރ.ސީ ގެ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށް ޕީ.ޖީ އިޝާރާތް ކުރެއްވި މިހާރުގެ 3 މިނިސްޓަރުން ކަމުގައިވާ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކެބިނެޓުން ވަކި ކުރުމަށް މިހާރުގެ ސަރުކާރުން މަސައްކަތް އެބަ ކުރައްވަ އެވެ. ނަމަވެސް ސަރުކާރުން މިފަދަ އެއްވެސް ކަމެއް ހިނގާކަން ޔަޤީންކޮށްދީފައެއް އަދި ނެތެވެ.
ޒަހާ، މަލީހު އަދި މަހުލޫފު މި ބޮޑު ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމުގައި ވިޔަސް މި ހިޔާނާތުގެ ބޮޑު އަދަދުތައް ބޭނުންކޮށްފައިވާ މި ނޫން އެހެން ފަރާތްތައް ސަރުކާރާއި އިދިކޮޅު ޕާރޓީތަކުގައި ވެސް ތިބޭނެކަން ޔަޤީނެވެ. އެމް.އެމް.ޕީ.އާރު.ސީ ގެ ހިޔާނާތުގެ މައްސަލައާ ގުޅުންހުރި މައްސަލައެއްގައި ފުލުހުންތަކެއްގެ ބައިވެރިވުމުގެ ތުހުމަތުގައި މި މަހު 13 ވަނަ ދުވަހު ފެށިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މީޑިއާއަށް މައުލޫމާތު ދީފައި ވެއެވެ. އެހެން ކަމުން މިނިސްޓަރުން، މަޖުލިސް މެންބަރުން، ފަނޑިޔާރުން އަދި ފުލުހުންގެ ތެރެއިން ވެސް މި ފައިސާގައި އިސް އެތައް ފަރާތްތަކަކުން ޖެހިފައިވާ ކަން މިހާރު މިވަނީ ހާމަ ވެފައެވެ.
މަޖުލިހަށް ހުށަހެޅުނު ކުއްލި މައްސަލައިގެ ބަހުސްގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުވާ ވަޒީރުން މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. މިމައްސަލައާ ގުޅުވައިގެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވި މީހުން، ދައުލަތުގެ މަގާމުތަކުގައި ތިބެގެން ނުވާނެ ކަމަށާއި އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ޓުވީޓް ކުރައްވާފައެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ދާދި ފަހުން މަޖުލިސް ކޮމިޓީ އަކަށް މައުލޫމާތު ދެއްވަމުން ދެއްކެވި ވާހަކައިގައި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ޝިއުނާ އަށް ގުޅުއްވައި އެމް.އެމް.ޕީ.އާރ.ސީ ގެ ތަހުޤީގަށް ނުފޫޒު ފޯރުވުން ކަމުގައި ބެލެވިދާނެ މޭރުމަކުން ވާހަކަ ދެއްކެވި ކަމަށް ތުހުމަތު ކުރެއްވުމުން ސަމީރު އެކަން ދޮގު ކުރެއްވި އެވެ. މިހުރިހާ ކަމަކުން ވެސް އެނގެނި މި ބޮޑު ވައްކަމުގެ ފައިސާގެ މޫ ގޮސްފައި އޮތް ހިސާބެވެ.
މިއީ ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގާފައިވާ ހިޔާނާތަކަށް ވުމާއި، މީގެތެރެއިން ފެންނާން އޮތް ގޮތުގައި އެއް މިލިއަން ޑޮލަރު ރައީސް ޔާމީނުގެ އެކައުންޓަަކަށް ވަދެފައި ވުމާއި، އެނޫން އެތައް މިލިއަނެއް ޔާމީނަށް ލިބިވަޑައިގެންފައިވާނެ ކަމަށް ޒިއަތު އާއި އަދީބު އަދި އެސް.އޯ.އެފް ގެ އިސް މީހުން ބުނާ ބުނުމަށް ބަލާއިރު ރައީސް ޔާމިނުގެ ޒިއްމާ މިކަމުގައި ކުޑައެއް ނުވާނެއެވެ. ނަމަވެސް މިއީ ހަމައެކަނި ރައީސް ޔާމީނު ނުވަތަ އެމަނިކުފާނަށް ތާއީދު ކުރާ ބަޔަކު ޝާމިލުވާ ހިޔާނާތެއް ނޫންކަން ވަރަށް ސާފެވެ. މިފައިސާގެ ފޮނިމީރުކަން ވަރަށް ދުރަށް ފޯރާފައި ވެއެވެ.
މީގެ ތިން އަހަރު ކުރީން މި ތަހުޤީގު ފެށިފައި ވިޔަސް އަދިވެސް މި ހިޔާނާތުގެ އެންމެ މުލާ ހަމައަށް ފޯރިފައެއް ނެތެވެ. ތަހުޤީގު ވެސް އަދި ޝަރީއަތް ވެސް ކުރިއަށް ދަނީ ވަރަށް ވެސް ލަސް ކޮށެވެ. ރައްޔިތުންގެ ތިން ބިލިއަން ރުފިޔާ އެއްކޮށް އަނބުރާ ނުލިބޭނެކަން ގާތްގަނޑަކަށް ޔަގީނެވެ. ނަމަވެސް ބޮޑު ސުވާލަކީ މި ބޮޑު ހިޔާނާތުގައި ބައިވެރިވި މިހާރުގެ އަދި ކުރީގެ މިނިސްޓަރުންނާއި، ފަނޑިޔާރުންނާއި، މަޖުލިސް މެމްބަރުނާއި، އޮފީސް ތަކުގެ ވެރީންނާއި، ވިޔަފާރިވެރީންނާއި، ކުޅިވަރު ތަރީންނާއި މިފަދަ އެތައް ބަޔަކުގެ ނުބައި ވައްކަމަށް އިންސާފު ގާއިމު ކުރެވޭނެ ދުވަހެއް އަންނާނެ ތޯއެވެ؟ ދުނިޔޭގެ ހަމައަށް ބަލާއިރު މިއީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ. ނަމަވެސް ރައްޔިތުން ތިބީ އެރައްޔިތުންގެ ތިން ބިލިއަން ރުފިޔާއަށް ވީގޮތެއް ބަލަންށާއި އެފައިސާއިން ބައި އެޅުނު މީހުންގެ ނަންތައް ހާމަ ކުރާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ