ރާއްޖޭގެ އިގްތިސާދުގެ ލޭނާރު ބުރިކޮށްނުލާ

ރާއްޖޭގައި 20،000އެއްހާ މަސްވެރިން އުޅެ އެވެ. އެއިން ކޮންމެ މަސްވެރިއެއްގެ އާއިލާއެއްގައި 5 މީހުން ހިމެނޭ ކަމަށް ބެލި ނަމަވެސް އެއީ މަސްވެރިކަމުން ނަފާވާ ލައްކައެއްހާ ދިވެހިންނެވެ. ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި މަސައްކަތަކީ މައިގަނޑު އިގްތިސާދީ މަސައްކަތެވެ. އަދި މަހުގެ އުފެއްދުންތަކުން މިފްކޯއަށް ލިބޭ އާމްދަނީއަކީ ރާއްޖެއަށް ޑޮލަރު ވަންނަ މުހިއްމު ވަސީލަތެކެވެ.
ކަންކަން މިހެން ހުރިއިރު، އެމެރިކާ އަދި އިޒްރޭލުން އިރާނަށް ހަމަލާ ދިނުމުގެ ސަބަބުން ފެށިފަވާ ހަނގުރާމައިގެ ސަބަބުން ތެލުގެ ދަތިކަން ކުރިމަތިވާތީ ނުވަތަ ވެދާނެތީ ޑީސަލްގެ އަގުބޮޑު ކުރަން ނިންމުމަކީ ނުރައްކާތެރި ކަމެކެވެ. ސިޔާސަތެއް ކަނޑައަޅާއިރު އޭގެ ކުރު ރާސްތާ އަދި ދިގު ރާސްތާގެ ލަނޑުދަނޑިތަކާ އަމާޒުތައް ސާފުވާންވާނެ އެވެ. މަހަށްދާ ދޯންޏަށް ބޭނުންވާ ޑީސަލްގެ އަގުބޮޑުކުރުމުގެ ބޭނުމެއް ނުފެންނަ ހިނދު، މިކަމުގެ ސަބަބުން އިގްތިސާދަށް އިތުރު ލޮޅުންތަކެއް އަރާނެކަމީ ޔަގީންކަމެކެވެ.
މަސްދޯންޏަކުން އާންމުކޮށް ދުވާލެއްގެ މައްޗަށް 400 ލީޓަރުގެ ޑީސަލް ބޭނުންކުރެ އެވެ. ހަފްތާއެއްގެ ދުއްވުމަށް ބަލާ ކަމަށް ވަނީ ނަމަ މިއީ 28،00އެއްހާ ލީޓަރުގެ ޑިސަލެވެ. މިހާރުގެ ޑީސަލްގެ އަގަށް ބަލާނަމަ ތެލަށް އެކަނި ގާތްގަނޑަކަށް 76،000ރ. ހަރަދުވާނެ އެވެ. މިހާރު ސަރުކާރުން މަސް ގަންނަ އަގަކީ ކިލޯއަކަށް 16ރ. އެވެ. މިއަގުގައި ހަމައެކަނި ތެލަށް ކުރާ ޚަރަދު ފޫބެއްދުމަށް މަސްވެރިން 5 ޓަނުގެ މަސް ބާނަންޖެހޭނެ އެވެ. އަދި އެހެން ހަރަދުތައް އެއްކޮށްލުމުން މި އަދަދު އުފުލިގެންދާނެ އެވެ.
ނަތީޖާއަކަށްވާނީ، މަސްވެރިން މަހަށް ނުފުރުމެވެ. އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓުމަކަށް އައުމެވެ. ޑޮލަރު އެތެރެކޮށްދޭ މަހުގެ އުފެއްދުންތައް އިންތިހާއަށް މަދުވެގެން ދިއުމެވެ. ކޯވިޑް-19ގެ ދަތިކަމުގައި، ފަތުރުވެރިކަން މަޑުޖެހިގެން ދިޔަ ވަގުތު އެތައް ރަށެއްގެ އިގްތިސާދު ހިފެހެއްޓުނީ މަސްވެރިކަމުންނެވެ. އެހެންކަމުން އަދުގެ ހާލަތުގައި ސަރުކާރުން އަޅަންޖެހޭ އެންމެ މުހިއްމު އެއް ފިޔަވަޅަކީ މަސްވެރިކަމަށް ހީނަރުކަމެއް ކުރިމަތިވިޔަނުދީ ކުރިއަށްދާނެ ގޮތްތައް ހޯދުމާ، މަސްވެރިންނަށް މަގުފަހިކޮށްދިނުމެވެ. މަސް ގަންނަ އަގު އުފުލައިގެން ނަމަވެސް މަސްވެރިކަމަށް ހިތްވަރު ދިނުމެވެ. އަދި ތެލުގެ ހަރަދު ކުޑަކުރާނެ އެހެން ގޮތްގޮތް ހޯދުމެވެ.
ސަރުކާރުން މިއަދު އެކުލަވާލާ ތަންފީޒުކުރަންވީ ހަނގުރާމައިގެ ސަބަބުން އިގްތިސާދާ ގައުމުގެ މާލީ ހާލަތަށް ކުރާނެ ނޭދެވޭ އަސަރަށް ތައްޔާރުވުމަށްޓަކައި 'އިކޮނޮމިކް ރެސްޕޮންސް ޕްލޭން' އެކެވެ. ފަތުރުވެރިން އަންނަ އަދަދު ދަނީ ދުވަހަކަށް ވުރެ ދުވަހެއް ދަށްވަމުންނެވެ. އިމްޕޯޓްކުރުމުގެ ހަރަދު އިތުރުވުމުން ތަކެތީގެ އަގު ދާނީ އުފުލެމުންނެވެ. މާދަމާ ހަނގުރާމަ ނިމުނު ނަމަވެސް މިކަމުގެ އަސަރު ދުނިޔޭގެ އިގްތިސާދަށް އެތައް މަހެއް ވަންދެން ކުރާނެކަމީ އިގްތިސާދީ މާހިރުން އެއްބަސްވާ ކަމެކެވެ.
މިއީ އިގްތިސާދުގެ މައިގަނޑު ދާއިރާތައް ރައްކާތެރިކުރަންވީ ވަގުތެވެ. ދައުލަތުން ކުޑަކުރެވޭނެ ހުރިހާ ހަރަދެއް ބަލާ އެކަމަށް އަވަސް ފިޔަވަޅު އެޅުމެވެ. މިއީ ދައުލަތުގެ އެކި މުއައްސަސާގެ މުސާރަ ބޮޑުކުރަންވީ ވަގުތެއް ނޫނެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގިނަ އަދަދުން މުވައްޒަފުން ނަގަންވީ ވަގުތެއް ނޫނެވެ. ބޮކިފަތި ދިއްލާ ހަވާ އަރުވަންވީ ވަގުތެއް ވެސް ނޫނެވެ. އިންތިހާބެއް ބޯމަތިވެފައި އޮތަތީވެ ހުރިހާ ކަމެއް ދަނީ އެންމެ ރަނގަޅަށް ކަމަށް ދައްކަންވީ ވަގުތެއް ނޫނެވެ.
ޒިންމާދާރު ވެރިކަމާ ހިންގުންތެރިކަމަކީ ދަތި ވަގުތުތަކުގައިވެސް ސާފުސީދަލަށް ރައްޔިތުންނަށް މައުލޫމާތު ހިއްސާކޮށް، ކުރިމަތިވެދާނެ ދަތިތަކާ މެދު ހޭޅުންތެރިކަން އުފައްދާ، އެކަންކަމަށް ތައްޔާރުވުމަށް ރޭވުންތެރިކަމާ އެކު ފިޔަވަޅު އަޅާ، ޒިންމާދާރުވުމެވެ. އެއީ އެންމެ ފުރަތަމަ ހައްލެއް ކަމަށް ފެންނަ ކަމެއް ކޮށްލުމެއް ނޫނެވެ. ރާއްޖޭގައި އެއީ މަސްވެރިކަން ހުއްޓުމަކަށް ގެނައުމެއް ނޫނެވެ. އަވަސް ފިޔަވަޅު، ދެފުށްފެންނަ ގޮތުގައި އަޅަންޖެހެ އެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދުގެ ލޭނާރު ބުރިކޮށްނުލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ