އީރާނުން ޔަހޫދީ ދައުލަތުގެ ވެރިރަށް ތެލް އަވީވަށް ބާރުގަދަ ހަތިޔާރު ބޭނުން ކޮށްގެން ވަރުގަދަ ހަމަލާތަކެއް ދެމުން އެބަދެއެެވެ. ކްލަސްޓަރ ވޯހެޑް، ނުވަތަ ގިނަ އަދަދެއްގެ ވަކިވަކި ބޮންތަކެއް ހިމެނޭ މިސައިލް ބޭނުން ކޮށްގެން ދެމުންދާ ހަމަލާތައް ދިފާޢު ކުރުމަށް ޞަހްޔޫނީ ދައުލަތުގެ ފައުޖުތަކުން ވަނީ ނުކުޅެދިފައެވެ. އަދި، ދިފާޢު ނުކުރެވި، އޭގެ ތެރެއިން ގިނަ ހަމަލާތައް ދަނީ ޔަހޫދީންގެ އަމާޒުތަކަށް އަރަމުންނެވެ.
އީރާންގެ ވަރުގަދަ ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، ޒަޚަމުވަމުންދާއިރު، ތެލް އަވީވްގެ ގިނަ ސަރަޙައްދުތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)އިން ބުނީ، މި ހަމަލާތަކަކީ އީރާންގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާ ޢަލީ ލަރިޖާނީއާއި އޭނާގެ ދަރިކަލުން އަދި ނާއިބު ޢަލީރިޟާ ބައްޔާތު ޝަހީދުކޮށްލުމުން އެ ކަމުގެ ބަދަލުހިފުމުގެ ގޮތުން ދެމުންދާ ހަމަލާތަކެއް ކަމުގައެވެ. މި ޙަމަލާތަކުގައި ބޭނުންކޮށްފައިވަނީ 'ޚަރްމަޝްހެރު 4' އަދި 'ޤޮދަރް' މަރުކާގެ އެންމެ ޒަމާނީ މިސައިލްތަކެވެ.
އެމެރިކާއާއި ޞަހްޔޫނީން އީރާންގެ ނިއުކްލިއަރ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާ ދެމުންދާއިރު، ބުޝެހްރު ޕްލާންޓް ކައިރިއަށް ވެސް ވަނީ ޙަމަލާއެއް އަރާފައެވެ. މި ނުރައްކާތެރި ދަނޑިވަޅުގައި، އެކުވެރި ދައުލަތްތައް (އދ)ގެ އެޓޮމިކް ހަކަތައާ ބެހޭ މައި އިދާރާ (އައިއޭއީއޭ)ގެ ވެރިޔާ ރަފަޔަލް ގްރޮސީ ވަނީ ނިއުކްލިއަރ ކާރިސާއަކުން ސަލާމަތްކުރުމަށް ޓަކައި ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައްވާފައެވެ. ނަމަވެސް، އީރާނުގެ އެންމެ އިސް މުރުޝިދު މުޖްތަބާ ޙުސައިނީ އަލް-ޚާމަނާޢީ ވަނީ އެމެރިކާއިން ފޮޮޮނުވި ސުލްޙައިގެ ހުށަހެޅުންތަކަށް އިންކާރު ކުރައްވާފައެވެ.
މަޤާމާ ޙަވާލުވެ ވަޑައިގެންނެވުމަށް ފަހު ފުރަތަމަ ފަހަރަށް ޚާރިޖީ ސިޔާސަތާ ބެހޭ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޚާމަނާޢީ ވިދާޅުވީ، އެމެރިކާއާއި ޔަހޫދީ ދައުލަތް ބަލިވެ، ކަކޫ މައްޗަށް ތިރިވެ، ދީފައިވާ ހުރިހާ ގެއްލުމެއްގެ ބަދަލު ފުރިހަމައަށް ނުދެނީސް އެއްވެސް މަޝްވަރާއެއް ނުވަތަ ސުލްޙައެއް ނޯންނާނެ ކަމުގައެވެ. މިއީ ލަރިޖާނީއާއި އޭނާގެ ޢާއިލާ ޝަހީދުކޮށްލުމަށްފަހު އީރާނުން ކުރިއަށްދާނެ ސާބިތު ގޮތްކަން ވެސް ޚާމަނާޢީ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
އީރާންގެ ވަރުގަދަ ހަމަލާތަކާ އެކު ތެލް އަވީވް އަނދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ