ޝުޖޫން އިސްތިއުފާދެއްވީތީ ދެރަވާ ކަމަށް މައުމޫން ވިދާޅުވެއްޖެ

ސިވިލް ކޯޓުގެ ފަނޑިޔާރުކަމުން އައިޝާ ޝުޖޫން މުހައްމަދު އިސްތިއުފާދެއްވުމުން އެކަމާ ވަރަށް ދެރަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން ރޭ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އައިޝަތު ޝުޒޫނަކީ އެމަނިކުފާނުގެ ވެރިކަމުގައި 2007 ވަނަ އަހަރު ފަހުރުވެރިކަމާ އެކު ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ދެ އަންހެން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރު ކަމަށެވެ. އަދި އެކަމަނާ ފަނޑިޔާރު ކަމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުން އެކަމާ ދެރަވާ ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.Saddened by resignation of Judge Aishath Shujoon one of first two women judges I had pleasure of appointing in 2007.— Maumoon Abdul Gayoom (@maumoonagayoom) December 30, 2014
ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުން ޝުޖޫން އިސްތިއުފާ ދެއްވިކަން ޖުޑިޝަލް ސާވިސް ކޮމިޝަނަށް އޭނާ ވަނީ އަންގަވާފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް އެެނގިފައެއް ނުވެ އެވެ.
އޭނާ މަގާމުން އިސްތިއުފާދެއްވާފައި މިވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެކަމާ ދެކޮޅަށް ސިވިލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ގަރާރެއް ނެރުނު މައްސަލަ ކޮމިޝަނުން ބަލަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ. އެ ގަރާރުގައި ޝުޖޫން ވެސް ވަނީ ސޮއިކުރައްވާފަ އެވެ.
ޝުޖޫން އިސްތިއުފާދެއްވާފައިވާ އިރު، އޭނާ ޓީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޖޭއެސްސީން ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ.
އެ ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝުޖޫން ވިދާޅުވީ ރިޝްވަތުގެ ގޮތުގައި މީހަކު އޭނާ އަށް ފަސް މިލިއަން ޑޮލަރު ހުށަހެޅި ކަމަށާއި އަދި އެވަގުތު އެކަމާ ނުރުން ފާޅުކޮށް ހަރުއަޑުން އެކަމާ ދެކޮޅު ހެދުމުގެ ޝުއޫރު ފާޅުކޮށްފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ