ލާމަރުކަޒީ ނިޒާމާ ގުޅޭ ސުވާލާއި ޖަވާބު ހިމެނޭ ފޮތެއް ނެރެފި

ލާމަރުކަޒީ ނިޒާމާ ގުޅޭ 101 ސުވާލާއި ޖަވާބު ހިމެނޭ ފޮތެއް ނެރެފިއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީ ފަރާތުން އެކުލަވާލައިފައިވާ ލަމާރުކަޒީ ނިޒާމާގުޅޭ 101 ސުވާލު ފޮތް ނެރެދެއްވީ ރައްޔިތުން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުއެވެ.
މި ފޮތް ނެރެދެއްވާފައިވަނީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިފޮތަކީ، ލާމަރުކަޒީ ނިޒާމާއި ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި، ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކާއި، އެކައުންސިލްތަކަށް އިންތިޚާބުކުރެވޭ ކައުންސިލަރުންނާއި އަދި މިނިޒާމާއި ރައްޔިތުންނާއި ހުރި ގުޅުމާއި ގުޅޭގޮތުން މުހިއްމު މައުލޫމާތުތަކެއް އާއްމުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި 101 ސުވާލާއި ޖަވާބުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފޮތެއް ކަމަށް އެލްޖީއޭއިން ބުނެއެވެ.
މިފޮތުގެ ސަބަބުން އަލަށް އިންތިޚާބުވެފައިވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގާއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށްވެސް ލާމަރުކަޒީ ނިޒާމާ ގުޅުން ހުރި ތަފާތު އެކި ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެ ކަމަށްވެސް އެލްޖީއޭއިން ބުނެއެވެ.
މިފަދަ ފޮތެއް އެލްޖީއޭއިން ނެރެފައިވާއިރު، ސަރުކާރުން ދާދި ފަހުން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ކައުންސިލްތަކަށް މާލީ ގޮތުން ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ.
އެގޮތުން ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ އާމްދަނީ އެއްްކޮށް ކައުންސިލްތަކަށް ދިނުން ހިމެނެއެވެ.
އަދި "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދޭ ގޮތުގައި ކައުންސިލްތަކަށް ޑޮމެސްޓިކް ރެވެނިއުގެ 5 އިންސައްތަ ދައުލަތުގެ ބަޖެޓުން ދިނުންވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ