ޒަރޫރީ ބޭނުންތަކަށް ރަށްރަށަށް ދާއިރު މިހާރު ނެގެޓިވް ޕީސީއާރު ހުށައަޅަން ޖެހޭގޮތަށް އުސޫލު ބަދަލުކޮށްފި

ޒަރޫރީ ބޭނުންތަކަށް ރަށްރަށަށް ދާއިރު ކޮވިޑަށް ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް ހުށަހަޅަންޖެހޭ ގޮތަށް އުސޫލަށް ބަދަލު ގެނެސް ކޮވިޑްގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.
މިގޮތަށް އުސޫލު ބަދަލުކޮށްފައިމިވަނީ ކޮވިޑްގެ ތިންވަނަ ރާޅާއެކު ރާއްޖޭން ކޮވިޑް ޖެހޭމީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން ދާތީއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގެވުމުގައި ކުރިއަށް އޮތް 7 ދުވަހުގެ މުއްދަތަށް ވަރަށް މާލެ ސަރަހައްދަށް ގިނަ ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން ދާދިފަހުން ހުޅުވަން ހުއްދަދިން ސިނަމާތައްވެސް އަލުން ހުޅުވުން ވަނީ މަނާކޮށްފައެވެ.
މީގެއިތުރުން ދުވާ ޓްރެކްތަކާއި ޕާކުތައް އަދި މައިޒާންތައްވެސް ބަންދުކޮށްފައިވާއިރު އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަ ރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައްވެސް ހުއްޓައިލާ ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓާލަން ވަނީ އަންގާފައެވެ.
އަދި އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ވެސް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޚާއްޞަ ހުއްދައިގެ ދަށުން ޒަރޫރީ ބޭނުންތަކަށް މާލެ ސަރަޙައްދުން ރަށްރަށަށް ދާ ފަރާތްތަކުން ދަތުރުކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓު އޮތުމާއި ޕްރީ ސްކޫލުތަކާއި، ނާސަރީތަކުގައި ކިޔަވައިދިނުން ހުއްޓާލުމުގެ އިތުރުން ކެއަރގެ ޚިދުމަތް ދޭ ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ދިނުން ހުއްޓާލުމަށް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ