މައުމޫން އަތުން 29 މިލިއަން ހޯދަން ޖާބިރު ކުރި ދައުވާ ސާބިތެއް ނުވި

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ހޯއްދަވަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ކުރެއްވި ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ރައީސް މައުމޫނުގެ މައްޗަށް ޖާބިރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އަނބުރާ ދައްކާ ގޮތަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އަދި އެ ފައިސާ ރައީސް މައުމޫނަށް ނުދެއްކިއްޖެނަމަ މުގާބިލްގައި މއ. ކިނބިގަސްދޮށުގެ ދިނުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައިވެއެވެ.
ޖާބިރު ދައުވާގައި އިތުރަށް ބުނެފައިވަނީ ރައީސް މައުމޫން ނެންގެވި 29 މިލިއަން ރުފިޔާ ދައްކަވާފައި ނުވުމުގެ ސަބަބުން، ފައިސާ ބޭނުންކޮށްގެން ކުރެވެން ހުރި އެތައް ވިޔަފާރިއަކުން ލިބެންޖެހޭ އެތައް މިލިއަން ރުފިޔާ ލިބުމުގެ މަގު ޖާބިރަށް ބަންދުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ގެއްލުންތައް ދުވަހުން ދުވަހަށް ބޮޑުވަމުންދާ ކަމަށްވެސް ޖާބިރު ބުނެފައިވެއެވެ.
މި ފައިސާ ރައީސް މައުމޫނު ނެންގެވި ކަމަށް ދެ ބޭފުޅުންގެ މެދުގައި ލިޔެވިފައިވާ އެއްބަސްވުމެއް ނެތުމުން، ޖާބިރު ވަނީ މި މައްސަލައިގެ ހެކިންގެ ގޮތުގައި ޖާބިރު ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު އަދި ޖާބިރުގެ އަނބިކަނބަލުން ފާތުމަތު ދިޔާނާ ސައީދާއި ގ. ރަންހިރި އައިމިނަތު ޝަބީބާއެވެ.
އެ ފައިސާ ހަވާލު ކުރެއްވީ މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫނަށް ކަމަށް ޖާބިރު ކުރިން ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ