ޕުރޮގުރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ތެރެއަށް ހުދު އިންގިލާބެއް ގެންނަވާނެ ކަމަށް އެޕާޓީގެ ރިޔާސީ ޕުރައިމަރީގައި ވާދަ ކުރައްވާ ނާކާމިޔާބު ވެވަޑައިގަތް އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ތެރޭގައި އެއްވެސް ބަޔަކު ވަކިވަކިން ޖަލްސާތައް ނުބޭއްވުމަށް އެޕާޓިގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެފައި ވަނިކޮށް އުމަރު ނަސީރު މިރޭ ބެއްވި ޖަލްސާގައި ވިދާޅުވީ މިރާއްޖެ އަށާއ ޕީޕީއެމްގެ ތެރެއަށް ހުދު އިންގިލާބެއް ގެންނާނެ ކަމަށާއި އެހުދު އިންގިލާބު އެއްވެސް ބަޔަކަށް ނުހުއްޓުވޭނެ ކަމަށެވެ.
"މިއިންގިލާބަކީ ދިވެހި ރާއްޖެއަށް އަންނާނެ އިންގިލާބެއް. ދިވެހިރާއްޖެއަށް ހުދު އިންގިލާބު އަންނާނެ. އަޅުގަނޑު މިދަންނަވަނީ ތިބޭފުޅުންނަށް ހުދު އިންގިލާބު ނުހުއްޓުވޭނެ އެއްވެސް ބަޔަކަށް. މިހުދު އިންގިލާބު ﷲ އިރާދަފުޅު ކުރެއްވިއްޔާ މިޕާޓީއަށް ވެސް މިގައުމަށް ވެސް އަޅުގަނޑުމެން ގެންނާނަން" އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އޭނާ ގެންނަން އުޅޭ އިންގިލާބަކީ ރާއްޖެއިން ޑުރަގު ސާފު ކުރުމަށާއި ކޮރަޕްޝަން ނައްތާލާ ގައުމު ހެޔޮ މަގަށް ގެނައުމަށް ގެންނަން އުޅޭ އިންގިލާބެއް ކަމަށާއި އަދި އެއިންގިލާބަކީ ހައްގަށް ނަސްރު ހޯދުމަށް ގެންނަ އިންގިލާބެއް ކަމަށެވެ.
"އަޅުގަނޑު ދިވެހި ރާއްޖެއަށް ގެންނަން މިއުޅޭ އިންގިލާބަކީ ޑުރަގުން މިތަން ސާފު ކުރުމަށް އަޅުގަނޑުމެން ގެންނަން އުޅޭ އިންގިލާބެއް. މީ ކޮރަޕްޝަނާއި ދެކޮޅަށް އަޅުގަނޑުމެން ގެންނަން އުޅޭ އިންގިލާބެއް. މީހެޔޮމަގަށް މިގައުމު ގެނައުމަށް ޓަކައި އަޅުގަނޑުމެން ގެންނަންއުޅޭ އިންގިލާބެއް. މީއިންސާފާއި ހަމަހަމަކަން މިގައުމަށް ގެންނަން އަޅުގަނޑުމެން ގެންނަން އުޅޭ އިންގިލާބެއް. މީ ހައްގަށް ނަސްރު ހޯދަން އަޅުގަނޑުމެން ގެންނަން އުޅޭ އިންގިލާބެއް" އުމަރު ވިދާޅުވިއެވެ.
އުމަރު ނަސީރު ވިދާޅޫވީ މީގެ ކުރިން ވެސް އިންގިލާބުތައް ވެސް ގެނެސްފައި ހުންނާނެ ކަމަށާއި އެގޮތުން ރައީސް ނަޝީދުގެ ވެރިކަން މަގުމަތިން ވައްޓާލީ ވެސް އެބޭފުޅުން ކަމަށާއި އަދި ޕާޓީ ތެރެއިން ވެސް އިންގިލާބު ގެނެސްފައި ހުންނާނެ ކަމަށެވެ. އަދި ޕީޕީއެމް ތެރެއަށް ޕުރައިމަރީއެއް ގެނައީ އޭނާ ކަމަށް ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ތަކުރާރު ކުރެއްވެވިއެވެ.
މިރޭ ފުރަތަމަ ފަރަހަށް އުމަރު ނަސީރު ވަނީ ޕީޕީއެމް އަކީ އޭނަ އުފެއްދެވި ޕާޓީ އެއް ކަމަށް ވެސް ވިދާޅުވެފަ އެވެ. އެހެންކަމުން އޭނާ އުފެއްދެވި ޕާޓީއެއް ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމަށާއި ޕާޓީ ތެރެއިން ދިމާވާ ގޮންޖެހުންތަކަށް ފުރަގަސްނުދީ ކުރިމަތިލައްވައިގެން ކާމިޔާބު ހޯއްދަވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
''ހަނދުމަފުޅު ބަހައްޓަވާ ޕީޕީއެމް އަކީ އަޅުގަނޑުމެން އުފެއްދެވި ޕާޓީ އެއް، ޕީޕީއެމް އުފެދުނީ ޒެޑް ޑީއާރުޕީ ތެރެއިން. އެހެންވީމަ މިޕާތީ ދޫކޮށްލާފަ އަލުގަނޑުމެންނެއް ނުދާނެ ވަގުތީ ނާކާމިޔާބެއް އައުމަކުންނެއް. އަޅުގަނޑުމެންނެއް ނުދާނެ މިޕާޓީ ދޫކޮށްލާފަ އެއް، އަޅުގަނޑުމެންގެ ސިޔާސަތަކީ ގޮންޖެހުންތަކާއި ކުރިމަތިލައިގެން ގޮންޖެހުންތައް ފަހަނަޅައި ކާމިޔާބު ކުރުން. ގޮންޖެހުންތަކަށް ފުރަގަސް ދީފައި ދިއުމެއް ނޫން އަޅުގަނޑުމެންގެ ސިޔާސަތަކީ'' އުމަރު ވިދާޅުވި އެވެ.
އުމަރު ނަސީރު މިރޭ ވަނީ ޕާޓީގެ ޕްރައިމަރީގައި ވޯޓް އޮޅުވާލި ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
ޕީޕީއެމްއަށް ހުދު އިންގިލާބެއް ގެންނަވާނެ ކަމަށް އުމަރު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ