ކޮތަރަށް ކާންދޭން ތިބި ތިން ކުއްޖަކު ވެސް އިޒްރޭލުން ޝަހީދު ކޮށްލައިފި

ހަރުކަށި އިސްރާއީލުން ފަލަސްތީނަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ގެއެއްގެ ފުރާޅު މަތީގައި ކޮތަރަށް ކާންދޭން ތިބި، އެއް އާއިލާއެއްގެ ތިން ކުއްޖަކު ޝަހީދުކޮށްލައިފި އެވެ. އެ ތިން ކުދިން މިއަދު ޝަހީދުކޮށްލި އިރު، އިޒުރޭލުން އިއްޔެ ވަނީ ޣައްޒާގެ ގޮނޑުދޮށުގައި ކުޅެން ތިބި އެއް އާއިލާއެއްގެ ހަތަރު ކުދިން ޝަހީދުކޮށްލާފަ އެވެ.
އިސްރާއީލުން އިތުރު ހަމަލާތަކެއް މިއަދު ޣައްޒާއަށް ދީފައި މި ވަނީ، ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތައް "އިންސާނިޔަތަށްޓަކައި" ފަސް ގަޑިއިރަށް ހުއްޓާލަން އެ ގައުމުގެ އަސްކަރިއްޔާއިން އެއްބަސްވި ވަގުތު ހަމަވުމުންނެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން އަޝްރަފް އަލް ކިދްރާ އާ ހަވާލާދީ އެސޯސިއޭޓޭޑް ޕްރެސް (އޭޕީ) ނޫހުގައި ބުނެފައިވަނީ، ހަމަލާތަށް ބަދަލުކުރުން ފަސް ގަޑިއިރަށް މެދުކަނޑާލުމަށްފަހު، އިސްރާއީލުން މިއަދު ދޭން ފެށި ވައިގެ ހަމަލާތަކުގައި، އެއް އާއިލާއެއްގެ ތިން ކުއްޖަކު ޝަހީދު ކޮށްލާފައިވާ ކަމަށެވެ.
އުމުރުން އަށް އަހަރާއި 10 އަހަރުގެ އެ ތިން ކުދިންގެ ކާފަ މަރުޒޫކް ޝަހައިބަރު ބުނީ، އެ ކުދިން ޝަހީދުކޮށްލާފައި ވަނީ ފުރާޅު މަތީގައި ކޮތަރަށް ކާންދޭން ތިއްބައި ކަމަށެވެ.
"ނުވެސް އިނގި ތިއްބައި، މަތިން ދިން ހަމަލާތަކެއްގައި އެ ކުދީން ވަނީ މަރާލާފައި. އެ ކުދީން އެ މީހުންނަށް ހަމަލާއެއް ވެސް ނުދޭ. އެ ކުދީން އެއްވެސް ކަމެއް ނުކުރޭ،" ޝަހީދު ކޮށްލި ތިން ކުދިންގެ ކާފަ ބުންޏެވެ.
އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ހަވާލާދީ އޭޕީ ނޫހުގައި ބުނެފައިވަނީ، ހަމަލާތައް ދިނުން މެދުކަނޑާލުމަށްފަހު، އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދުކުކުރާ ޙަމާސް ޖަމާއަތުން ވެސް އިސްރާއީލަށް 50 ރޮކެޓް ހަމަލާދީފައިވާ ކަމަށެވެ. އަދި އޭގެ ރައްދުގައި އިސްރާއީލުން ވައިގެ އަށް ހަމަލާއެއް ގާޒާއަށް ދީފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ޣައްޒާއަށް ދެމުންދާ ހަމަލަތާއް ފަސް ގަޑިއިރަށް އިސްރާއީލުން މެދުކަނޑާލުމުން ޣައްޒާގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވަންދެން އަމިއްލަ ގެތަކުގައި ބަންދުވެފައި ތިބުމަށްފަހު، މަގުތަކަށް ނުކުމެ، ވިޔަފާރި ކޮށް، ފައިސާ ނަގަން ކިޔޫގައި ޖެހިފައެވެ.
އިސްރާއީލުގެ ތިން ޒުވާނަކު ފަލަސްތީނުން މަރާލި ކަމަށް ބުނެ، މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއަށް ވައިގެ މަގުން 2000 ހަމަލާ ދީފައިވެއެވެ. އަދި އޭގެ ރަށްދުގައި ހަމާސް އިން އިސްރާއީލަށް ވަނީ 1300 ރޮކެޓް ހަމަލާދީފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މިހާތަނަށް ހަރުކަށި އިސްރާއީލުން ފަލަސްތީނަށް ދީފައިވާ ހަމަލާތަކުގައި ފަލަސްތީނުގެ 235 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި ހަމާސް އިން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގައި މަރުވެފައިވަނީ އިސްރާއީލުގެ އެންމެ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ