ގާނޫނާ ހިލާފަށް ކުރާ ތަހުގީގަކަށް އެއްވެސް އެއްބާރުލުމެއް ނުދޭނަން :ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިހާރު ހައްޔަރުކޮށްގެން ގެންގުޅެނީ ގާނޫނާ ހިލާފަށް ކަމަށާއި ގާނޫނާ ހިލާފަށް ކުރާ ތަހުގީގަކަށް އެއްވެސް އެއްބާރުލުމެއް ނުދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ވަކީލުން ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމުން ެއެންދެރިމާގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ދެއްްވި މެސެޖެއް ހިއްސާކުރައްވަމުން ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ރައީސް މައުމޫން ދެކެވަޑައިގަންނާ ގޮތުގައި އެމަނިކުފާނާ ދެކޮޅަށް ތަހުގީގު ހިންގަނީ ގާނޫނީ އިމުން ބޭރުން ހައްގުތައް ހިފަހައްޓައިގެން ކަމަށެވެ. އެހެންވެ އެއީ ގާނޫނާ އެއްގޮތަށް ކުރިއަށް ތަހުގީގެއް ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. 
"އެމަނިކުފާނު ވިދާޅުވީ ފެށީންސުރެ ކަން ކުރަމުން ތިދަނީ ގާނޫނާ ހިލާފަށް، ގާނޫނު ދެކެ ބިރުން ހައްގުތައް ކަފުންކޮށްފަ ތިމަންނާއަށް ޓޯޗާގެ އަމަލުތަކެއް ހިންގާ ގޮތަށޭ ސިފަ ކުރެވެނީ، އެހެންވެ، މިއީ ގާނޫނާ އެއްގޮތަށް ހިންގާ ތަހުގީގެއް ކަމަށް ތިޔަބޭފުޅުން [ފުލުހުން]އަށް ވިދާޅެއް ނުނެވެވޭނެއޭ، ގާނޫނީ އިމުން ބޭރުން ހިންގާ ތަހުގީގެއް ކަމަށް ރައީސް މައުމޫން ސާފު ސީދާ ބަހުން ވިދާޅުވި،" މައުމޫން ހަމީދު ވިދާޅުވި އެވެ. 
"ގާނޫނީ އިމުގެ ތެރެއަށް ފުރިހަމައަށް ރުޖޫއަވުމުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވީ، ގާނޫނީ އިމުން ބޭރުން އަމަލުތައް ހިންގާ އެކަން ދެމި އޮންނާތީ ގާނޫނާ ހިލާފަށް ހިންގާ އެއްވެސް ކަމަކަށް ތިމަންނާގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭނެ ކަމަށް ފުލުހުންނަށް އެމަނިކުފާނު ދެންނެވި،" 
މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫން އެންމެ ފުރަތަމަ ދޫނިދޫއިން މާފުއްޓަށް ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށާއި އަދި ފަހުން މާފުށިން ދޫނިދޫއަށް ބަދަލުކޮށްފައިވަނީވެސް ގާނޫނާ ހިލާފަށް ކަމަށެވެ.
މިހާރު އެމަނިކުފާނު ބަންދުގައި ދަމަހައްޓާފައިވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށެވެ. އެމަނިކުފާނު ބަންދުކޮށްގެން އުޅޭ ފަރާތްތަކަށް އެކަން ސައްހަކުރުމަށް އެއްވެސް ގާނޫނީ އަސާސެއް ނުދެއްކޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 
ވަކީލު މައުމޫނު ވިދާޅުވީ ހުރިހާ ކަމެއް ވެސް ހިނގަނީ ގާނޫނާ ހިލާފަށް ކަމަށާއި ރައީސް މައުމޫންއާ ދެކޮޅަށް މި ހިންގާ ޣައިރު ގާނޫނީ އަމަލުތައް ސިފަ ކުރެވެނީ ރައީސް މައުމޫނާއި ރައީސް މައުމޫންގެ ހިތްވަރު ދެރަކޮށްލުމަށް ކުރާ ކަންތައްތަކެއްގެ ގޮތުގައިކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
"ގާނޫނު ހުއްދަ ކުރާ ކަންތައްތަކެއް ނޫން މިޔަކީ،"
ރައީސް މައުމޫނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ވިދާޅުވި އެވެ. 
ވަކީލު މައުމޫން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ކަންކަން އިސްލާހުކުރުމަށް ފެއްޓެވި މައްސަކަތްޕުޅުގައި އެއްވެސް ދޫދިނުމެއް ނެތި، ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި ކަމަށެވެ.
އަދި އެމަނިކުފާނު ހުންނެވީ އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަށް ނޫން ކަމަށާއި ހުންނެވީ ގަދަކޮށް ކަމަށް ވެސް ވިދާޅުވިއެވެ.
"ރައީސް މައުމޫން ގަބޫލުފުޅު ކުރައްވާ އަދި މިއަށްވުރެ ވެސް ގޯސްވެދާނެ ކަމަށް، އެހެންނަމަވެސް އެމަނިކުފާނުގެ މެސެޖަކީ އެއްވެސް ފަރާތަކުން ހީކޮށްގެން ނުވާނެ މިފަދަ ބިރެއް ދެއްކިޔަސް ތިމަންނަ އެންމެ ތަންކޮޅެއް ވެސް ފަސް ޖެހޭނެ ކަމަށް، އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހޭނެ ކަމަށް، އެއްވެސް ފަރާތަކުން ހީކޮށް ނުވާނެ، އެއީ ކުށް ހީއެއް، އެއްވެސް ވަރަކަށް ދޫދިނުމެއް ނެތް، އެހެން އެކަކު ނެތަސް ތިމަންނަ ހުންނާނެ ކަމަށް ދެންނެވި،" މައުމޫން ހަމީދު ވިދާޅުވި އެވެ. 
މައުމޫން ހަމީދު ވިދާޅުވީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވުމުން އެހެން ފަނޑިޔާރުންނަށް އޭގެ ބިރު އޮންނާނެކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެހެންވެ، އެއްވެސް އަސާސެއް ނެތް ސިޔާސީ ސަބަބަކަށްޓަކައި ދައުވާއެއްކޮށް އެމަނިކުފާނުގެ މައްޗަށް ޝަރީއަތް ހިންގައި ކުށް ސާބިތުކުރުމަކީ ވެދާނެ ކަމެއް ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް ހައްގު ބަސް ވިދާޅުވުމުން މަތީ ދެމިހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ