ދެކުނުގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ: މެޓް

ދެކުނުގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން(މެޓް) ވައިޓް އެލާޓު ނެރެފައިވާއިރު ހުވަދު އަތޮޅަށް ޔެލޯ އެލާޓު ނެރެފިއެވެ.
ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10.00 އިން މެންދުރު 12.00 އަށް ގދ. އަދި ގއ. އަތޮޅަށެވެ. މެޓް އޮފީހުން ބުނެފައިވަނީ އެ ދެ އަތޮޅަށް މޫސުން ގޯސްވެ، ވިއްސާރަ ކުރާނެ ކަމަށެވެ.
ވައިޓް އެލާޓު ނެރެފައި ވަނީ މިއަދު 9.30 އިން މެންދުރު 14.30 އަށް، މ. އަތޮޅާއި އައްޑު އަތޮޅާއި ދެމެދުގެ ސަރަހައްދަކަށެވެ. މެޓް އޮފީހުން ބުނެފައިވާ ގޮތުގައި އެސަރަހައްދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަ ވެހުން އެކަށީގެންވެއެވެ.
ރޭ 8 އަކުން މިރޭ 8 އަށް ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެދުތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާ 10 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އިން ބުނެއެވެ.
މެޓް އޮފީހުން ބުނިގޮތުގައި ދެކުނާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ