ކަޑަޖަހާ ވެރިޔަކު ރައްޔިތުން ބޭނުމެއް ނުވާނެ: މުޢާޒު ރަޝީދު
ރައްޔިތުންނަށް ހުވަފެން ދައްކައިގެން ރަށްރަށުގައި ކަޑަ ޖަހާ ވެރިޔަކު ބޭނުން ނުވާކަމަށާއި، ރައްޔިތުން މިއަދު ބޭނުންވަނީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދެއްވާނެ ވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރ މުއާޒު ރަޝީދު ވިދާޅުވެއްޖެއެވެ. ޗެނަލް ތާޓީންގެ ނިއުސްޓޯކު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕް މެންބަރު މުއާޒު ރަޝީދު ވިދާޅުވީ މީގެކުރީގެ ސަރުކާރު ތަކުން ރައްޔިތުންނަށް ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ، ރަށްރަށުގައި އެއްގަމާއި ފަޅުތެރޭގައި ކަޑަ ޖަހާފައިވާކަމަށެވެ. އަދި ޖެހި ކަޑަތައް ހަލާކުވެގެން ގޮސް، އެބޭފުޅުންގެ ވެރިކަން ނިމިގެން ދިޔައިރުވެސް ތަރައްގީ ނުގެނެވުނު ކަމަށް މުއާޒު ވިދާޅުވިއެވެ. މުއާޒު ވިދާޅުވީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތައް ބަލާއިރު، ރައްޔިތުން މިއަދު ބޭނުންވަނީ ތަރައްގީ ގެނެސްދެއްވާނެ ވެރިއެއް ކަމަށެވެ. އެހެން ކަމުން ފާއިތުވި ހަތަރު އަހަރު ދުވަހު ގައުމަށް ގެނެސްފައިވާ ތަރައްގީއާއި ކުރިއެރުމަށް ބަލާއިރު ކުރިއަށް އޮތް 2018 ގައި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރަންޖެހޭ ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމުގައި މުއާޒު ވިދާޅުވިއެވެ.މީގެއިތުރުން މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ދީފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ މައި އެއާޕޯޓް ބޭރު ބަޔަކަށް ކުއްޔަށް ދިން މައްސަލައިގައި އެއާޕޯޓް އަނބުރާ ހޯދުމަށް ދިވެހި ދައުލަތުން 300 މިލިއަން ޑޮލަރު ދައްކަން ޖެހުމަކީ ދައުލަތަށާއި ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވި.އެވެ.އަދި 300 މިލިއަން ޑޮލަރަކީ އެތައް ހާސް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ފެނާ ނަރުދަމާ އަޅައިދެވޭ ވަރުގެ ފައިސާގެ ބޮޑު އަދަދެއް ކަމަށް ހަސަން ވިދާޅުވިއެވެ.މީގެއިތުރުން ރައީސް ނަޝީދުގެ ސަރުކާރުގައި ރައްޔިތުންނަށް ދިނީ ގެއްލުންކަން ފާހަގަކުރައްވާ ހަސަން މުފީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މާޒީން އިބުރަތް ހާސިލުކޮށްފި ކަމަށެވެ. އެހެންކަމުން ގައުމަށާއި ރައްޔިތުންނަށް އަނިޔާވެރިވެފައިވާ ވެރިން އަނބުރާ ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުން ބޭނުން ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ހަސަން ވިދާޅުވީ ގައުމު ތަރައްގީ ވަމުން މިދަނީ މީގެކުރިން އެއްވެސް ރައްޔިތަކު އުންމީދުވެސް ނުކުރާފަދަ ބާރު ދުވެލީގައި ކަމަށާއި، މި ތަރައްގީ އިތުރަށް ގެންނަން ބޭނުންވާތީ ރައްޔިތުން މިއަދު ތިބީ ރައީސް ޔާމީންގެ ހަފަތްޕުޅުގައި ކަމަށް ވެސް ހަސަން މުފީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ