ކުޅުދުއްފުށީގެ ރައްޔިތުން އެއާޕޯޓް ބޭނުންވާ މިންވަރު ހާމަކޮށްދީފި!
ހދ ކުޅުދުއްފުށީގެ ރައްޔިތުން އެއާޕޯޓެއް ބޭނުން ނުވާ ކަމަށާއި، އެރަށުގެ ރައްޔިތުން ބޭނުންވަނީ ކުޅިއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް ކުޅުދުއްފުށީގެ ރައްޔިތުން މިވަނީ އެރަށުގެ ރައްޔިތުން އެއާޕޯޓެއް ބޭނުންވާ މިންވަރު ވަރަށް ރަނގަޅަށް ހާމަކޮށްދީފައެވެ. ހދ ކުޅުދުއްފުއްޓަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ވަޑައިގަތުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރްހަބާއެއް ދަންނަވާފައެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ކުޅުދުއްފުށީގެ ބަނދަރު ސަރަހައްދަށް އެރަށުގެ ކުދި ބޮޑު އެންމެން ޖަމާވެފައި އޮތްއިރު، ހުރިހާ އެންމެންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އުފާވެރިކަމާއި އުއްމީދުގެ ކުލަވަރެވެ. ކުޅުދުއްފުށީގެ އެއާޕޯޓް މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވުމަށް އެރަށަށް ވަޑައިގެންނެވި ރައީސް ޔާމީންއަށް މަރުހަބާ ކިޔަން އައިސް ތިބި އެރަށުގެ ރައްޔިތުންނާއި ސަލާމް ކުރެއްވުމަށްވެސް ގަޑިއިރަކަށްވުރެ ގިނައިރު ހޭދަވެގެންދިޔައެވެ. މި މަންޒަރު ފެނުމުން ކުޅުދުއްފުށީގެ ރައްޔިތުން ބޭނުންވަނީ ކުޅި ކަމަށާއި އެއާޕޯޓެއް ނޫން ކަމަށް ބުނަމުން ދިޔަ މީހުންގެ އަނގަ ބަންދު ވެގެން ދިޔައެވެ. އެރަށުގެ ރައްޔިތުން 900 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުޅީގައި ތާ އަބަދަށް ބޮނބިފާ ކުރުމުގެ މަސައްކަތް ކުރަން ބޭނުން ނުވާކަން މިހާރު އިދިކޮޅު ފަރާތްތަކަށް އޮންނާނީ ވަރަށް ރަނގަޅަށް ހާމަވެފައެވެ. ކުޅުދުއްފުށީގެ ރައްޔިތުންނާއި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީންވެސް ވަނީ އެކަން ފާހަގަވެސް ކުރައްވާފައެވެ. މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ކުޅުދުއްފުށީގެ ރައްޔިތުން އެއާޕޯޓެއް ބޭނުން ނުވާ ކަމަށެވެ. އެހެންނަމަވެސް، އެވާހަކަތަކަށް ކުޅުދުއްފުށީގެ ރައްޔިތުން ދިން ވަރުގަދަ ރައްދާއެކު މިހާރު އިދިކޮޅު ފަރާތްތަކުން ބުނަނީ ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓެއް ނާޅާނެ ކަމަށާއި އެއީ އެރަށުގެ ރައްޔިތުންނަށް ސަރުކާރުން ދައްކާލާ މަންޒަރެއް ކަމަށެވެ. ތެދެކެވެ. މަންޒަރު އެބަ ފެނެއެވެ. މިހާރު ކުޅުދުއްފުށީގެ ރައްޔިތުންނަށް ފެންނަމުންދާ މަންޒަރަކީ، ވައުދު ފުއްދަވަން އެނގިވަޑައިގަންނަވާ ވެރިއަކު، އެރަށުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް އިފްތިތާހް ކޮށްދެއްވުމާއެކު، އެއާޕޯޓް އެޅުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުން އަންނަ މަންޒަރެވެ. ދިވެހިންގެ މަހާޖައްރާފާއެކު ބިން ހިކިގެންދާ މަންޒަރެވެ.ކުޅުދުއްފުއްޓަކީ އުތުރުގެ އިގްތިސާދީ ނާރެހަކަށް ހެއްދެވުމަށް ވައުދުވެވަޑައިގެންނެވި ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ، ވައުދު ފުއްދަވާނެ ރައީސްއެއްކަމާމެދުގައި މީހަކު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތެވެ. ނޭޅޭނެ ކަމަށް ބުނި ބްރިޖްގެ މަސައްކަތްވެސް މިހާރު އެދަނީ ހަލުވި މިނުގައި ކުރިއަށެވެ. ސަރުކާރުން އުއްމީދު ކުރާގޮތަށް، 2018 ވަނަ އަހަރުގެ އޯގަސްޓްމަސް ނިމުމުގެ ކުރިން ކުޅުދުއްފުށީގެ ރައްޔިތުންނަށް އެއާޕޯޓްގެ ހިދުމަތް ލިބި އެސަރަހައްދުގެ ރައްޔިތުން އުދުހިގެންދާ މަންޒަރު ފެނިގެންދާނެކަން ޔަގީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ