ބައި މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ!

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބައްޔަށް ބައި މިލިއަނަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެ އެވެ.
Advertisement
ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 510،108 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެޗެ. ޖުމްލަ 22،000 އަށް ވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައި ވާއިރު، މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިޓަލީންނެވެ. އެގައުމުގައި 8،165 މީހުން މަރުވެފައި ވެއެވެ. ޔޫރަޕްގެ އެހެން ގައުމުތައް ކަމަށްވާ، އިނގިރޭސިވިލާތް، ފްރާންސް އަދި ސްޕެއިންގައި ވެސް މި ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. ބައި މިލިއަނަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 120،000 އެއްހާ މީހުންނެވެ. ޗައިނާއިން މުޅިން އަލަށް ފެނުނު ކޮރޯނާ ވައިރަހަކުން ފެތުރޭ މި ބައްޔަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފަ އެވެ.މި ބައްޔަށް ވަކި ހާއްސަ ފަރުވާއެއް އަދި ވެކްސިނެއް ފެނިފައި ނުވާއިރު، މިއީ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔަކެވެ. ވަރަށް އާދައިގެ އަލާމާތްތައް ފެނުނު ނަމަވެސް، ބައެއް ހާލަތްތަކުގައި ބަލި ޖެހޭ މީހުން ހާލު ސީރިއަސްވެ އެވެ. މި ވަގުތަށް ދުނިޔޭގެ ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޖުތިމާއީ ގައިދުރުކުރުން ތަންފީޒު ކުރުމަށް ދަނީ ރައްޔިތުންނަށް ބާރު އަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ