65 އަހަރުން މަތީ މީހުންގެ މައުލޫމާތު ހޯދާ ފޯމު ފުރުން ހުއްޓާލައިފި

ކޮރޯނާވައިރަސްގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު އެއްކުރަން ޖެންޑާއިން އާންމުކުރި ފޯމުގެ މަސައްކަތް ހުއްޓާލައިފި އެވެ. އުމުރުން 65 އަހަރުން މަތީގެ ހުރިހާ މީހުންގެ މައުލޫމާތު އެއްކުރުމަށް ގޫގުލް ފޯމެއް ފުރުމަށް ޖެންޑާއިން ހުޅުވައިލީ އިއްޔެ އެވެ. އެ ފޯމުގައި އެމީހުން މިހާރު ދިރިއުޅޭ އެޑްރެހާއި، ގުޅޭނެ ފޯނު ނަމްބަރާއި، ދިރިއުޅުމުގެ ހާލަތާއި، އެއްވެސް ކަހަލަ ބައްޔެއް ހުންނަ ނަމަ އެ މައުލޫމާތު ހިއްސާކުރަން އެދިފައިވެ އެވެ. ނަމަވެސް މިހާރު އެ ފޯމު މެދުވެރިކޮށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ހުއްޓާލާފައިވާކަމަށް ޖެންޑާއިން މިއަދު ވަނީ ބުނެފައެވެ. ޖެންޑާއިން ބުނީ ފޯމު ފުރުމުގެ ކަންކަން ހުއްޓާކޫ އުމުރުން ދުވަސްވީ މީހުންގެ މައުލޫމާތު އެކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކުގެ އެހީތެރިކަމާއެކު ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުން އަންނާތީ ކަމަށެވެ. ކޮރޯނާވައިރަހަކީ އުމުރުން ދުވަސްވީ މީހުންނާއި، އެހެން ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުންނަށް އޭގެ ސަބަބުން ނުރައްކާ ބޮޑު ވައިރަހަކަށް ވާތީ، އުމުރުން 65 އަހަރުން މަތީގެ ހުރިހާ ރައްޔިތުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ. ޕެންޝަން އޮފީހުގެ 2018 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި އުމުރުން 65 އަހަރު ފުރިގެން އިނާޔަތް ލިބޭ 17،000 މީހުން އެބަތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ