ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދާ ރޮނާލްޑޯ ތާރީހުގެ ތެރެއަށް

ފޯބްސްއިން އިއުލާންކޮށްފައިވާ މިއަހަރުގެ ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދުމާ އެކު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެ ލިސްޓުން ޖާގަ ހޯދި ފުޓުބޯޅަ ކުޅުންތެރިއަކަށް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެ އެވެ. ވޭތުވެ ދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެތުލީޓުންގެ ލިސްޓުގެ ދެވަނަ ހޯދި ރޮނާލްޑޯގެ މިލްކިއްޔާތުގައި ބިލިއަން ޑޮލަރު ހުރިކަން ފޯބްސްއިން ހާމަކޮށްފައިވާ އިރު މިއީ މީގެ ކުރިން ފުޓްބޯޅަ ތަރިއަކަށް ކުރެވުނު ކަމެއް ނޫނެވެ. އެއާ އެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން ބިލިއަނަރަކަށްވި ފުރަތަަ ކުޅުންތެރިޔާއަށް އަދި ކުޅިވަރު ކުޅެގެން އެ ލިސްޓަށް އެރި ތިންވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން ކުޅިވަރު ކުޅުންތެރިންގެ ތެރެއިން ބިލިއަނަރުންގެ ލިސްޓުން ޖާގަ ހޯދާފައިވަނީ ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ގޮލްފް ކުޅުންތެރިޔާ ޓައިގާ ވޫޑްސް އާއި، ޔޫއެފްސީ ފައިޓަރު ފްލޮއިޑް މޭވެދާ އެވެ. ފޯބްސްއިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރޮނާލްޑޯއަށް މިހާތަނަށް ވަނީ ފުޓުބޯޅަ ކުޅެގެން އެކަނި ވެސް 650 މިލިއަން ޑޮލަރުގެ އާއްމުދަނީއެއް ހޯދައިފަ އެވެ. އަދި އިސްތިހާރު ކުޅުމާއި، ސްޕޮންސަރުންނާއި، އެހެނިހެން ގޮތްގޮތުން އޭނާ ހޯދާފައިވާ އާއްމުދަނީ މިހާރު ވަނީ ބިލިއަން ޑޮލަރުން މައްޗަށް އަރައިފަ އެވެ. ރޮނާލްޑޯ މިދިޔަ އަހަރު އެކަނި ވެސް ޓެކްސް ދެއްކުމުގެ ކުރިން 105 މިލިއަން ޑޮލަރު ހޯދާފައިވާ އިރު، އޭނާއަށް ވުރެން ބޮޑު އާއްމުދަނީއެއް ލިބުނު ހަމައެކަނި ކުޅުންތެރިޔަކީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ އެވެ. އުމުރުން 35 އަހަރުގެ ރޮނާލްޑޯގެ އެންމެ ބޮޑު ވާދަވެރިޔާ މެސީއަށް މިދިޔަ އަހަރުގެ އެ ލިސްޓުން ލިބުނީ ތިންވަނަ އެވެ. ފޯބްސްއިން އާންމުކުރި ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރުގެ އެންމެ ބޮޑު އާއްމުދަނީއެއް ހޯދާފައިވަނީ ބާސްކެޓް ކުޅުންތެރިންނެވެ. އެގޮތުން ބާސްކެޓްބޯޅަ ކުޅުންތެރިންގެ އާމްދަނީ 1.2 ބިލިއަން ޑޮލަރަށް އަރާފައިވާ އިރު ދެވަނައިގައި އޮތް އެމެރިކަން ފުޓުބޯޅަ (އެންއެފްއެލް) ކުޅުންތެރިންނަށް ލިބިފައިވާ އާއްމުދަނީ އަކީ 926 މިލިއަން ޑޮލަރެވެ. ފުޓުބޯޅަ ކުޅެގެން މިދިޔަ އަހަރު ކުޅުންތެރިން ހޯދި އާއްމުދަނީ އެއްކޮށްލައިގެން އަރަނީ 613 މިލިއަން ޑޮލަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ