ނައިބް ރައީސް ކަމުން ޖަމީލު ވަކިކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މަގާމުން ވަކިކުރި މައްސަލަ ސުޕްރީމު ކޯޓަށް ހުށަހަޅައިފި އެވެ.
ޑރ. ޖަމީލް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގާނޫނާ ހިލާފަށް އެމަނިކުފާނު މަގާމުން ވަކިކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. ނައިބް ރައީސް މަގާމުން ވަކިކުރަންޖެހޭނަމަ އެކަން ކުރަންޖެހޭ ގޮތް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް އެމަނިކުފާނު މަގާމުން ވަކިކުރީ ގާނޫނުއަސާސީގައިވާ ހުރިހާ އުސޫލަކާ ޚިލާފަށް ކަމަށްވެސް ވިދާޅުވި އެވެ.
ޑރ. ޖަމީލް ވިދާޅުވީ ގާނޫނު އަސާސީގައި ބުނާގޮތަށް ވެރިކަން ކުރާ ބާރުގެ ދިފާއުގައި ސުޕްރީމް ކޯޓުން އެ މައްސަލާގައި ބަހެއް ބުނަންޖެހޭ ކަމަށެވެ. ރައްޔިތުން ވޯޓްލައިގެން އިންތިހާބު ކުރާ ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސުންގެ އިތުބާރު ނެތްކަން، މަޖިލީހުގައި ހިންގާ ކޮރަޕްޝަނާއި ރިޝްވަތުގެ އަމަލެއްގެ ސަބަބުން ނުގެއްލޭނެކަން ކަށަވަރު ކުރަންޖެހޭ ކަމަށްވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުން ޑރ. ޖަމީލް ވަކިކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ އަގުލަބިއްޔަތުން 21 ޖުލައި 2015 ގައެވެ.
ޑރ. ޖަމީލް މަގާމުން ވަކިކުރީ ޕީޕީއެމްގެ ސާފު އަގުލަބިއްޔަތު މަޖިލީހުގައި އޮއްވާ ޕީޕީއެމްއާއި ޖޭޕީއާއި އަދި އެމްޑީޕީގެ ބައެއް މެންބަރުންގެ ފުރިހަމަ ތާއީދާ އެކު އެވެ.
ޑރ. ޖަމީލުގެ މަގާމުން ވަކިކުރީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، ބޭސްފަރުވާ އަށް ސްރީލަންކާ އަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިނުގެން އިނގިރޭސިވިލާތުގައި ހުންނެވި ވަގުތެއްގަ އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަތައް ރައްދުވާ ފަރާތްތަކަށް ޖަވާބުދާރީވުމަށް ފުރުސަތު ދޭންޖެހޭނެ ކަމަށް ގާނޫނުއަސާސީއާ މަޖިލީހުގައި ގަވައިދުގައި ބުނެފައިވީ ނަމަވެސް ޑރ. ޖަމީލް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރީ އެމަނިކުފާނަށް އެ ފުރުސަތު ނުދީ މަޖިލީހުގެ ގަވައިދަށް ބައެއް ބަދަލުތައް ގެނައުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ