ބަނަފުސާ 20

"ވަޒީފާގައި ގިނައިރުވިޔަސް ވަގުތުގައި ބަރަކާތް ލެއްވުމުގެ ސަބަބަކަށް ތިބާގެ އިޚުލާސްތެރިކަމާއި އީމާންތެރިކަން ހިމެނެއެވެ. ތިބާއަށް ނަމާދުތައް ގާއިމުކޮށް ރޭގަނޑު އަޅުކަންކޮށް ދީނީ ތައުލީމު ހޯދުމާއި ގުރުއާން އުނގެނި ހިތު ދަސްކުރަން އަދި އާއިލާއަށް ވަގުތުވެސް ދެވެއެވެ. ހުރިހާވެސް އެއްޗަކީ ވަގުތުގައި ބަރަކާތް ލެއްވުމެވެ. އޭރުން ވަގުތު ނުވެގެން އުޅޭކަށް ނުޖެހޭނެއެވެ. ލިބޭ ހުސްވަގުތުކޮޅުގައި ގުރުއާނުގެ އެންމެ އާޔަތަކާއިމެދު ފިކުރުކޮށް ނޫނީ ހިތުދަސްކުރުމުން ވަގުތު ބޭކާރުނުވެ އާޚިރަތަށް ކުރެވޭ އިންވެސްޓަކަށްވެގެން ހިނގައިދާނެއެވެ." *** "މިއޮތީ ކޭކު...އެމިލީ ކޭކު ފަޅަން އާދޭ..."ސިދްރާ ކޭކު ގެނެސް ކުޑަ މޭޒެއްގެ މަތީގައި ބެހެއްޓިއެވެ. އަދަލްއަށް ފޯނެއް އައުމުން އޭނަ އެއްފަރާތަކަަށް ހިނގަައިގަތީ ސިދްރާގެ ބޮލުގައި ފިރުމާލާފައެވެ. އިޝާރާތުން އެބުނެލި އެއްޗެއް ފަހުމްވިފަދަގޮތަކަށް ސިދްރާ ހީލިއެވެ. "ކީކޭ؟" އަދަލްއަށް ބޮޑު ސިހުމެއްލިބުނެވެ. ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކި މާވަހަރު ގަންނަން އުޅުނު މަސީހުގެ އަޑުގައިވަނީ މާފަށް އެދޭފަދަ ރާގެކެވެ. "އަދަލް... ވަރަށް ދެރަވެއްޖެ މިހެން ބުންޏަސް. މާވަހަރުގެ ޓެސްޓުތަކުގެ ނަތީޖާ ލިބުނުއިރު އެއީ އަހަރެމެން ހީކުރި ވަރުގެ އެއްޗެއް ނޫން. އަދި ކުންފުނީގެ މާލީ ހާލަތު ހުރިގޮތުން މިވަގުތު އެ ޑީލް ކުރިއަށް ގެންދެވޭކަށް ނެތް. ކުރިން ފޮނުވި ފައިސާގެ ޓްރާންސްފަރވެސް ކެންސަލްވެއްޖެ. ވަރަށް ބޮޑަށް މާފުކުރާތި....." ފޯނު ކެނޑިގެން ދިޔުމާއެކު އަދަލް އިރުކޮޅަކު ގަނޑުވެފައި ހުއްޓުނެވެ. މުޅި ރަށަށް އުފާވެރިކަން ގެނެސްދޭނެ ބަނަފުސާ ޕްރޮޖެކްޓް ފަށަން ދެކުނު ބޮޑު ހުވަފެން ބަސްބުނާހާ އަވަހަށް ވިއްސިވިހާލިވެގެން ދިޔައީއެވެ. އަތުގައި އޮތް ފޯނަށް ބަލަން ހުރެފައި އަދަލް ފުން ނޭވާއެއް ދޫކޮށްލިއެވެ. ކޮންމެ ހާލެއްގައިވެސް ﷲއަށް ހަމްދުހުއްޓެވެ. ލިބޭ މިންވަރަކާއިމެދު ޝުކުރުވެރިވާން އޭނައަށް ދަސްވެފައިވެއެވެ. ސިދްރާ އަދަލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިތަން ފެނިގެން މަޑުމަޑުން އައިސް އަދަލްގެ ކައިރީގައި ހުއްޓުނެވެ. "އަދަލް... ކިހިނެއްވީ؟ ކޮން ކޯލެއް؟" ސިދްރާ ކަންބޮޑުވުމާއެކު އަހާލިއެވެ. އަދަލް ސިދްރާގެ ދެއަތުގައި މަޑުމަޑުން ހިފާލިއެވެ. "ސިދްރާ... މާވަހަރުގެ ޑީލް ކެންސަލްވެއްޖެ. އެ ފައިސާއެއް ނުލިބޭނެ. އަހަރެމެން ރޭވި ބޮޑު ޕްރޮޖެކްޓް... އެ މިވަގުތަށް ހުއްޓުނީ،،." އެވަގުތު އެ އަޑުއިވޭ ހިސާބު ކައިރީގައި ތިބި ޒިހާމްއާއި ސަރަފީނާގެ މޫނުމަތިންވެސް މާޔޫސްކަން ފެނިގެންދިޔައެވެ. ނަމަވެސް ސިދްރާގެ މޫނުމަތިން ފެނުނީ ހިނިތުންވުމެކެވެ. އޭނާ އަދަލްގެ އަތަށް ބާރުކޮށްލިއެވެ. "އަލްހަމްދުލިﷲ..." ސިދްރާ މަޑުމަޑުން ބުނެލިއެވެ. "އަދަލް... މާތްﷲ މިންވަރުކުރެއްވި ގޮތާއިމެދު ދެރަވާކަށް ނުވާނެ. އެކަލާނގެ އަހަރެމެންނަށް ދެއްވާ ކޮންމެ އިމްތިހާނެއްގައިވެސް ޙިކުމަތެއްވާނެ. މާވަހަރުން ފައިސާ ނުލިބުނަސް އަހަރެމެންގެ އަތުގައި މިހާރުވެސް އުޅެވޭނެ މިންވަރަށް ﷲ ބަރަކާތް ލައްވާފައި އެބަހުރި......." "ގުރުއާނުގެ އިބްރާހީމް ސޫރަތުގެ ހަތްވަނަ އާޔަތުގައި ﷲ ވަހީ ކުރައްވާފައިވަނީ ހަމަކަށަވަރުން ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ." އަދަލް ސިދްރާގެ މޫނަށް ބަލައިލިއެވެ. ސިދްރާގެ އެ ވަރުގަދަ އީމާންކަމާއި ކެތްތެރިކަން ފެނި އަދަލްގެ ހިތަށް ބަޔާންކުރަން ނޭނގޭފަދަ ހަމަޖެހުމެއް ލިބުނެވެ. "ތިޔައީ ހަމަ ތެދެއް ސިދްރާ..." އަދަލް ހިނިތުންވެލިއެވެ. "މަދުން ލިބުނަސް އޭގައި ބަރަކާތް ލައްވައިފިއްޔާ އެއީ އެންމެ ބޮޑު ތަނަވަސްކަން. އަހަރެމެންނަށް އުޅެވޭނެ. އިންސާނާގެ އުންމީދުތައް ގެއްލިގެންދާގޮތް ވިޔަސް ﷲގެ ރަޙްމަތުން އުންމީދު ކަނޑާލައިގެން ނުވާނެ. ބަނަފުސާ ޕްރޮޖެކްޓް މިއަދު ނުފެށުނަސް މާދަމާވެސް އެކަމަށް މަގުފަހިކުރައްވާފާނެ. އަދި އެ ނުލިބުނަސް މިހާރު އަހަންނަށް ވަޒީފާ ލިބިއްޖެ...ﷲއަށް ހަމްދުހުރި....." "އާނ.... މާތްﷲ އަށް ވަކީލުކޮށް ސަބުރުކުރާ މީހުންނާއެކު އެކަލާނގެ ވޮޑިގެންވޭ......" ސިދްރާ ހިނިތިންވުމާއެކު ބުނެލިއެވެ. އެދެމަފިރިންގެ އެ ވަރުގަދަ އީމާންކަމާއި މަދުން ލިބުނަސް ޝުކުރުވެރިވާ މާތް ސިފަ ފެނިފައި ސަރަފީނާގެ ހިތް އުފަލުން ފުރުނެވެ. ޒިހާމްހުރީ މާޔޫސްވެ ރުޅިއަންނަގޮތްވެފައެވެ. ނަމަވެސް މޫނުމަތިން އެކަމެއް ނުދައްކާ ތަންކޮޅެއް ދުރަށް ގޮސްފަައި ވޭޕް ނެގިއެވެ. މާޔޫސްކަމުގެ ބައިވެރިޔަކީ އެއީފަދައެވެ. އެވަގުތު އެކަކަށްވެސް ނޭގުނު ކަމަކީ އެ ފޯނު ކޯލަކީ ހަގީގަތުގައި މަސީހު އަދަލްއާއި ކޮށްލި ސަމާސާއެއްކަމެވެ. އެއީ އަދަލްގެ ކެތްތެރިކަން ހުރިވަރު ބަލައިލަން އަދި ކަންކަމުގައި އަމަލުކުރާ ގޮތް އިމްތިހާނުކޮށްލަން ކުރި ސަމާސާއެކެވެ. *** ބާބެކިއު ނިމި އެކި މީހުން ގެއަށް ދިޔުމާއެކު ޒިހާމް ބާރަށް ހިނގާލާފައިގޮސް އޭނާއާއި އެމިލީ އުޅޭ ކޮޓަރިއަށެވެ. އޭނާގެ މޫނުމަތިން ފެންނަނީ އިންތިހާ ރުޅިވެރިކަމެކެވެ. މާވަހަރުގެ ފައިސާ ނުލިބޭނެކަން ޔަގީންވުމުން އޭނާގެ މުޅި ދުނިޔެ އަނދިރިވީ ފަދައެވެ. "އެއީ ކޮން ފާޑެއްގެ ސަމާސާއެއް؟" ޒިހާމް ކޮޓަރީގައި ހުރި ގޮނޑީގައި ބާރަށް ޖަހަމުން ހަޅޭއްލަވައިގަތެވެ. "އެއީ ހަމަ ދޮގެއް....... އަދަލް އެއުޅެނީ އަހަރެމެން އޮޅުވާލައިގެން. މާވަހަރުގެ ފައިސާ އޭނާ އަމިއްލައަށް ނަގައިގެން އަހަރެމެންނަށް ނުދޭންވެގެން އެހެން އެބުނީ. އެންމެ ކުރިން އެވާހަކަ ނުބުނިނަމަ..އެކަމަކު ލިބުނު އެއްޗެއް ބޮޑުކަން ހިތަށް އަރާފައި ޝެއާކުރާނެ ހިތްވަރެއްނެތް....ވަރަށް ފޭކް މީހެއް.........." އެމިލީ ރީތިވާ މޭޒުކައިރީގައި ހުރެ މޫނުގައި ހުރި މޭކަޕް ފިލުވަމުން ދިޔައެވެ. "ޒިމް.... ހިތުގައި ހުރިހާ އެއްޗެއް ކިޔުން ހުއްޓާލަބަލަ. އަދަލްއަކީ ތިޔަހާ ދަށުދަރަޖައިގެ މީހެއް ނޫން........." "އޯހް.. އަދަލްގެ ދިފާއުގައި ވާހަކަދައްކަން ތިއުޅެނީ ކީއްވެ؟" ޒިހާމްގެ މޫނު ރަތްވީ ރުޅީގެ ސަބަބުންނެވެ. އޭނާ އެމިލީގެ ކައިރިއަށް ޖެހިލިއެވެ. "މިރޭ ބާބެކިއުއިންވެސް އަހަންނަށް ފެނުނޭ އަދަލްއާ ވަކިން ވާހަކަދައްކަން ހުރި ތަން..... ކޮން ކަމަކާ ތިޔަ ދެމީހުން އެހާ ސިއްރުން ސަކަރާތްޖެހީ.... އަހަރެން ހިތްހަމައެއް ނުޖެހޭ އެމިލީ އަދަލްއާ އެހާ ގާތްކޮށް އުޅޭކަށް....އެނގިއްޖެ؟" އެމިލީ ކެތްތެރިކަން ކޮޅުންލައިގެން ދާވަރުވިއެވެ. ޒިހާމްއަށް ހަގީގަތް ނޭގެންޏާ ޝައްކާއި ތުހުމަތުވެސް ކުރެވޭނެއެވެ. "ސާބަހޭ ޒިމް..ތިހާ ނުބައި ޝައްކުތައް ނުކޮށް ހިތް ސާފުކޮށްބަލަ..ސިއްރުން ކަމެއް ކުރަންޏާ އެންމެންގެ ތެރޭގައެއްނޫން ވާހަކަ ދައްކަން ތިބޭނީ....އެންމެ ރަގަޅު..އަދަލްއަކީ ކާކުކަން އެނގެން ބޭނުންތަ؟" ވޭޕްގެ ދުންތަކުގެ ތެރެއިން ޒިހާމްގެ މޫނު ފެނުނީ ފުސްކޮށެވެ. އެކަމަކުވެސް އެލޮލުން އޭނައަށްވެސް އަނިޔާގެ ކުލަ ފެނުނެވެ. ނޭގިވެސް އެމިލީއަށް އެހިތަށް އަނިޔާދެވުނީއެވެ. ކިތަންމެ ފިރިހެންވެގެން އުޅުނަސް ބައެއްމީހުން ޖަޒުބާތީވެވެނީއެވެ. ބޭރުފުށުން ގަދަކަން ދެއްކިޔަސް ހިތް މަޑެވެ. "ނައިޓް އިން ޝައިނިން އާމަ؟" "ތިއީ ތެދެއް....އެވެސް އެންމެނަށްވެސް އެނގޭ ހަގީގަތެއް. އަދަލް އަހަރެން ސަލާމަތްކޮށްދިން...އެކަމަކު އިހަށް އެވާހަކައެއްނޫން......އެއްފަހަރުވެސް އަދަލްގެ ބައްޕަ ސަރަފީނާދައްތަ ވަރިކޮށްލާފައި ގޮސް އުޅޭތަނެއް ނޫނީ އޭނަގެ ދިރިއުޅުމުގެ އެއްވެސް ކަމެއް އެނގެން ބޭނުންވި މީހަކު މިގޭގައި ހުރިތަ؟ ނެތް..އަދަލްވެސް ބައްޕަދެކެ ނަފްރަތުކުރާނެ..ރަށު މީހުން ސަރަފީނާ ދައްތަ ބޮލުގައި ދޮގު އިލްޒާމުތައް އަޅުވާ ބައްޕަ އެކަން ގަބޫލުކުރީ...އަދަލްއަށްވެސް ބައްޕައާއި ބައްދަލުވީ ވަރަށް ފަހުން..." ޒިހާމްގެ ސަމާލުކަން އެވަރުން ލިބުނެވެ. "ތިބުނީ....އެމްއަށް އަދަލްގެ ބައްޕަ އެނގެނީތަ؟" ޒިހާމްގެ ރުޅި ފިނިވާން އުޅުނެވެ."އެހެންވެ ދޯ ދުނިޔެ އަތަށް ލައިގެންނޭ އުޅެނީ އެބުނަނީ..އަހަރެމެން އަތުތެރޭ މިހާރު ދުނިޔެ އޮންނަނީ...އެންމެން އެބަ އެނގޭ.....އަދަލްގެ ބައްޕަވެސް ކުއްލިއަކަށް އަހަރެމެންގެ ދިރިއުޅުމަށް ވަންނަން އުޅެނީތަ؟ އެންމެ ރަގަޅު.......އަދަލްގެ ބައްޕަ އެމްއާއި އޮތް ގުޅުމެއް ބުނެބަލަ.." "އެއީ އަހަރެންގެވެސް ބައްޕަ...." "ކީ....ކީކޭ؟" ޒިހާމްގެ ލޯ ބޮޑުވިއެވެ. "އާނ..އަދަލްއަކީ އަހަރެންގެ އެއްބަފާ ބޭބެ...."އެމިލީގެ ލޮލުން ކަރުނަ ހިލުނެވެ."އަމިއްލަ ފުރާނަ އަތަށް ލައިގެން އަހަރެން ސަލާމަތްކޮށްދިނީ ހިލޭ މީހެއްނޫން..އަމިއްލަ ބޭބެ...އެއީ އަހަރެންވެސް އާއިލާ...." ޒިހާމްހުރީ ގަނޑުވެ ބުނާނެ އެއްޗެއް ކުރާނެކަމެއްނޭގިފައެވެ. އަދަލްއާއި އެމިލީ އެނަމުގައިވެސް ވައްތަރުގޮތެއް ހުރީ އެހެންވެކަން ނޭގެއެވެ. "ޒިމް..އަހަރެން ސަރަފީނާ ދައްތަ ކައިރީގައި އަދިވެސް މި ހަގީގަތް ނުބުނެ އުޅެނީ ކިއްވެކަން އެނގޭތަ؟ ބައްޕަވެސް މި ކައިވެންޏަށް ގަބޫލުނުވީ އަދަލްގެ އާއިލާގެ ތެރެއަށް ފޮނުވަން ބޭނުންނުވީމަ..އެހެންވެ ފެމިލީއާއި ދެކޮޅަށް ޒިމްއާއި މެރީކޮށްގެން ވަކިން މިއުޅުނީ...ބައްޕައަށް މިހާރު ހަގީގަތް އެނގިއްޖެ..މިރަށު އަންހެންވެރިންގެ ދޫތައް ނުބައިކަމާއި އެގޮތަށް ދެބައޮޑުވާ ފިތުނަވެރި ވާހަކަ ދައްކާ މީހުންގެ ދިރިއުޅުން ހަލާކުކޮށްލާކަންވެސް އެނގުމުން ބައްޕަ ބޭނުންވަނީ ސަރަފީނާ ދައްތަ ކައިރިން މާފަށް އެދެން..ޒިމް ވެސް ދަނބިދަރިއެއްގެ ގޮތުގައި ބަލައިގަންނަން ބައްޕަ މިހާރު އެހެރީ.." ޒިހާމް ގޮސް އޭނަގެ ކޮނޑުގައި އަތް ބޭއްވިއެވެ. އަމިއްލަ ނަފުސަށް ލަދުވެތިކަން އިހުސާސްވިއެވެ. އަދަލްއަށް އުމުރު ދުވަހު ޖެއްސުންކޮށް މަލާމާތްކުރިއިރު އެއީވެސް ކިހާ މާތް އިންސާނެއްހެއްޔެވެ؟ އިންސާނިއްޔަތުކަން ހުރިހާ ދިމާލެއްގައިވިއެވެ. އޭނަގެ އަންހެނުންގެ ފުރާނަވެސް ސަލާމަތްކޮށްދިނީއެވެ. އެމިލީގެ ދުލުން ބޭރުވި ކޮންމެ ލަފުޒަކީ އޭނަގެ ހިތަށް ހެރުނު ތޫނު ތީރަކަށްވިއެވެ. އެމިލީވެސް އަނގައިން ނުބުނުމުން އޭނަ ބޭރަށް ދާން ހިނގައިގަތްއިރުު ބޮލުގައި ރިއްސަންފެށިއެވެ. އަދަލްއާއި ކުރިމަތިލާނެ ހިތްވަރެއްވެސް ނެތެވެ. "އެމިލީ...އަަހަރެން...ބުނާނެ އެއްޗެއްވެސް ނޭގޭ..." "ޒިމް..އަދި ވާހަކައެއް ބުނެފަނަން...ރޭ އަދަލް އަހަންނާއި ދެއްކި ވާހަކަ......." އޭނަގޮސް ދޮރުން ބޭރުގައި އެއްފައި އެޅިތަނާ އެމިލީ ގޮވައިލިއެވެ. ދެން ބުނި ޖުމްލަތަކުން ޒިހާމްގެ ލޯ ފެންކަޅިވިއެވެ. އެންމެ ސިކުންތުކޮޅަކުވެސް އެތާ ހުންނާނެ ހިތްވަރު ނުލިބުނެވެ. އޭނަ ވޭޕް ހިފައިގެން ގޭގެ ވަލުފަރާތުން ނިކުތްއިރު ހަނދުވަރުގެ އަލީގައި އަދަލް ވަލުތެރެ ސާފުކުރުމުގެ މަސައްކަތުގައި އެކަނިމާއެކަނި އުޅުނުތަން ފެނުނެވެ. އޭނަ ފަސްޖެހިފައި ހުރެގޮސް އަދަލްކައިރީގައި ހުއްޓުނެވެ. "އެކަނި ހާދަ ބުރަކޮށް؟" "އެހެން ކުދިން ގަދަކަމުން ނިދަން އަރުވާފައި މި ނުކުތީ..."އަދަލް ބާބެކިއު ކުނިބުނި ކަޅުކުލައިގެ ޑަސްބިން ކޮތަޅަކަށް އަޅަމުން ދިޔައެވެ."ނޫނީ ދަމުނަމާދުކޮށްގެން މަންމަ މި މަސަައްތަކަށް ނިކުންނާނެ..." "އަދަލް.....ތިއީ ކާކުކަން އަހަންނަށް އެނގިއްޖެ.." "ތިބުނީ..."އަދަލް ހިންދެމިލިއެވެ. "އެމިލީގެ ބޭބެ....އެމިލީ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދީފި....ތިއީ ވަރަށް މާތް އިންސާނެއް...." "އަހަރެން މާތްވެގެނެއްނޫން...އެމިލީއަކީ ކޮއްކޮ..އެކަމަކު ކޮންމެ މީހަކު އެފަދަ ހާލެއްގައިވާތަން ފެނުނަސް ފަތަން އެނގޭ މީހެއްވިއްޔާ ހަމަ ޓްރައިކުރާނެ..ﷲއަށް ހަމްދުހުރި...އެމިލީއާއި އަހަރެންގެ ވެސް އަޖަލު ނުޖެހޭތީ އަދި..." "އޭރު އެމިލީގެ ބައްޕަ ދިން ފައިސާވެސް އެމިލީ އަތަށް ރޭ ދިނީމެއްނު..އަހަރެން ހަމަ ކޮޓަރިން ނިކުންނާން އަންނަނިކޮށް އެމް އެވާހަކަ ބުނުމުން އަހަންނަށް.......އެއީ ކީއްވެ އަަދަލް...އަހަންނަށް އަދިވެސް މިހިރީ ހަމަ ޔަގީންނުވެފައި...އެންމެންވެސް ތިހާ އަދުލްވެރިވާނެނަމަ...އެހާ އަމިއްލަ އެދުމެއްނެތް މީހުން ހަމަ އުޅޭތަ؟މުޅިންވެސް ދިމާވެފައިވަނީ އަމިއްލަ އެދުން ބޮޑު ދަހިވެތި މީހުންނާއި...ދުނިޔޭގެ މުދަލާއި ނިއުމަތްތަކުގެ ފަހަތުން ދުވާ އަޅުން ފެނިފައިވަނީ....އަދަލް ކިހާ ތަފާތު... އަދި އަދަލްއަށް އެހާ ބޮޑު ގެއްލުމެއް ލިބުމާއެކުގައިވެސް އަތުގައި ހުރި ފައިސާ ތިދިނީ..އެވެސް އަދި އަދަލްގެ ބައްޕަގެ ފައިސާ........އަދަލްއަށްވެސް އެ ހަމަ ހައްގު....."ޒިހާމްގެ ހިތަށް އަސަރުކުރިއެވެ. "ނޫން..އަހަންނަށްވުރެ އެމިލީމެންނަށް ފައިސާގެ ބޭނުން މިވަގުތު ޖެހިފައިވަނީ..އެހެންނޫނަސް އަހަންނަކީ ކުޑައިރުއްސުރެ އެހާ ހުވަފެންތައް ދެކުނު މީހެއްވެސް ނޫން...ޖޮބެއްވެސް ލިބިއްޖެ..އެވަރުން ފުދޭ ހަމަ. ވަރަށް އުފަލުގައި މިއުޅެނީ......" އަދަލްގެ ތުންފަތްމަތިން ފެނުނީ އެ ހިތްހެޔޮ ހަމަޖެހޭ ހިނިތުންވުމެވެ. ދުނިޔޭގެ ހުރިހާ އުފާތަކެއް އެލޮލަށް އެޅިފައިވާފަދައެވެ. "ޒިމްއަށް އެނގޭތަ؟ އިންސާނާގެ ހިތް ދުވަހަކު ނުފުރޭނެ..ދުނިޔޭގައިވާ ހުރިހާ އެއްޗެއް ލިބުނަސް އިތުރަށް އެދޭނެ...." ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ