އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާއިން ރައީސް މައުމޫން ވަކީލުން ތަނާޒުލްވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާއިން ރައީސް މައުމޫން ވަކީލުން ތަނާޒުލްވެއްޖެއެވެ.
ރައީސް މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންވަނީ މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޒު މައުމޫން ހަމީދާއި، ވަކީލް މުހައްމަދު ފައިސަލް އަދި އިބްރާހިމް ޝަމީލެވެ.
މި ތިން ބޭފުޅުން މި ދައުވާއިން ތަނާޒުލްވެ، ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެވަޑައިގެންފައިނުވަނީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅަށް ބެއްލެވުމެއްނެތި ޝަރީއަތްތައް ކުރިއަށްގެންދަވާތީކަމަށެވެ. އަދި ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްކަމަށާ އެހެންކަމުން ޝަރީއަތުގެ މަޖިލީސް ފަސްކޮށްދެއްވުމަށް އެދިފައިވާނެކަމަށްވެސް މައުމޫން ހަމީދު ވިދާޅުވިއެވެ. މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ޝަރީއަތްތައް ކުރިއަށް ގެންދަނީ އެއްވެސް މިންވަރަށް އެމަނިކުފާނުގެ ސިއްހީ ހާލުކޮޅަށް ރިއާޔަތްނުކޮށްކަމަށެވެ. އެހެންކަމުން އެގޮތަށް ޝަރީއަތުގެ މަޖިލީސް ކުރިއަށް ގެންދާތީ އެމައްސަލައިގެން ވަކީލުން ތަނާޒުލްވާކަމަށް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫނަކީ، ބެނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވަރޓިގޯ، އަނބުރައިގަންނަ ގޮތް ވުމުގެ އާލާސްކަންފުޅުގައި އުޅުއްވާ ބޭފުޅަކަށް ވުމާއި އެކު އަބަދުވެސް އަރިހުގައި މީހަކު ހުންނެވުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމާއި، އުމުރުފުޅުން 80 އަހަރު ފުޅަށް ވުރެ މައްޗަށް ގޮސްފައި ވާއިރު މިހާރުވެސް އެމަނިކުފާނު ޖަލުގައި 100 އެތަށް ދުވަހެއް ހޭދަކުރައްވާފައިވާކަން ވަކީލުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ ކުރިންވެސް ރައީސް މައުމޫނުގެ ސިއްޙީ ހާލަތަށް ރިޢާޔަތްކުރައްވައި، އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް އެމަނިކުފާނު ވަނީ ފަނޑިޔާރު އަރިހުގައި އާދޭސް ދަންނަވާފައެވެ. މީގެ އިތުރަށް މެޑަމް ނަސްރީނާ އިބުރާހިމް ކޯޓާއި ދައުލަތުގެ އެކި މުއައްސަސާތަކުގައިވެސް އެކަމަށް ވަނީ އެދިވަޑައިގެންފައިވެއެވެ. ނަމަވެސް ކޯޓާއި މުއައްސަސާތަކުން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ.
އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާއިން ރައީސް މައުމޫން ވަކީލުން ތަނާޒުލްވީނަމަވެސް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަކީލުން ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް މިދައުވާ އުފުލާފައިވަނީ ފުލުހުންގެ ތަހުގީގަށް އެ ބޭފުޅުންގެ ފޯންތައް ހަވާލުކުރައްވާފައިނުވާކަމަށް ބުނެއެވެ.
މި މައްސަލައާއި ގުޅިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ރައީސް މައުމޫންގެ ފަރާތްޕުޅުން ވަނީ 12 ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ. ނަމަވެސް އެއިން އެއްވެސް ހުށަހެޅުމެއް މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބް ބަލައިގެންފައެއް ނުވެ އެވެ. ދެ ފަނޑިޔާރުންނާ ގުޅޭ މިއްސަލައިގެ އިބްތިދާއީ އަޑުއެހުންވެސް މީގެ ކުރިން ވަނީ ނިންމާލާފަ އެވެ. އަދި ތިން ބޭފުޅުންގެ މައްސަލަވެސް ކުރިއަށް ގެންދެވޭނެކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.
މި މައްސަލަތަކާއި ގުޅުންހުރި މުހިންމު ލިޔުންތަކެއް ލީކުވެފައިވާއިރު، މިމައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިސް ބައެއް ބޭފުޅުން ދެއްވާފައިވާ ބަޔާންތަކުގައި ރައީސް މައުމޫނާއި، ދެ ފަނޑިޔާރުންގެ ފޯން ހޯއްދެވުމަށް ވަރަށް މަސައްކަތް ކުރެއްވިނަމަވެސް އެއިން އެއްވެސް ބޭފުޅެއްގެ ފޯން ފެނިފައިނުވާކަމަށް ވަނީ ބުނެފައެވެ. އަދި އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު ސުޕްރީމް ކޯޓްގައި ތިއްބަވަނިކޮށް ހައްޔަރުކުުރުމުގެ ކުރިން އެ ބޭފުޅުންގެ ފޯން ދިނުމަށް އެދުމުން އެ ފުލުހުންނަކީ ކުށްވެރިވެފައިވާ ބައެއްކަމަށް ވިދާޅުވެ ފޯން ދެއްވަންނުޖެހޭނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާކަމަށް ތަހުގީގު ބަޔާންތަކުގައި ވަނީ ބުނެފައެވެ. އަދި ރައީސް މައުމޫން ހައްޔަރުކުރުމުގެ ކުރިންވެސް އެމަނިކުފާނު ފޯން ދިނުމަށް އެދުމުން ފޯންވީތަނެއް ނޭންގޭކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަމަށް އެބަޔާންތަކުގައި ބުނެފައިވެއެވެ.
އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ އިތުރަށް ޓެރަރިޒަމްގެ ދައުވާވެސް ރައީސް މައުމޫންގެ މައްޗަށް ވަނީ އުފުލާފައެވެ. މީގެ އިތުރަށް ދެ ފަނޑިޔާރުންގެ މައްޗަށް ރިޝްވަތު ހިފައިގެން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައެވެ. މީގެ އިތުރަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް ހަމާއި ހަ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލި ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާ ވެސް ސާބިތުވާ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އެމައްސަލާގައި އެމަނިކުފާނު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިމަހުގެ އަށްވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ