ރައީސް ޔާމީން ގައުމަށް ގެނެސްދޭ ތަރައްގީއަށް ރައްޔިތުން މިހާރު ހުރަސް ނާޅާނެ - ޝައިނީ

ރައީސް އަބްދުﷲ ޔާމީނު ގައުމަށް ގެނެސް ދެއްވާ ތަރައްގީއަށް ހުރަސް އަޅާކަށް ރައްޔިތުން މިހާރު ބޭނުން ނުވާކަމަށާއި، މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ރައްޔިތުން މިހާރު ބޭނުން ނުވަނީ އެހެންވެގެންކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
އިންޑިއާއިން އިސް ނަގައިގެން ބާއްވާ އިގުތިސޯދީ ފޯރަމް، ރައިޒިނާ ޑަޔަލޮގް ގެ ހަވާސާގައި "ދަ ވަޔާ" ނޫހަށް ދެއްވި ބަސްތީގަތުމެއްގައި ޝައިނީ ވިދާޅުވެފައި ވަނީ، ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ރަށަކުންވެސް ތަރައްގީގެ ކުލަވަރު ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ.
އެހެންކަމުން ރައީސް ޔާމީނު ގައުމަށް ގެނެސް ދެއްވާ ތަރައްގީއަށް ހުރަސް އަޅާކަށް ރައްޔިތުން މިހާރު ބޭނުމެއް ނުވާކަމަށާއި، ރައްޔިތުން މަގުމައްޗަށް މިހާރު ނުކުންނަން ބޭނުން ނުވާ ސަބަބަކީ އެއީ ކަމަށް ޝައިނީ ވިދާޅުވެފައިވެއެވެ.
މިނިސްޓަރ ޝައިނީ ވިދާޅުވީ ދިވެހިރާއްޖެ އޮތީ އާއްމު ހާލަތެއްގައި ކަމަށާއި، މިވަގުތަކީ ސިޔާސީ ޕާޓީތަކާއި ސަރުކާރާއި ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންދަންޖެހޭފަދަ ހާލަތެއް ކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ.
ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާ ޑރ. ޝައިނީ ވިދާޅުވީ، ޕާޓީތަކާއިއެކު މަޝްވަރާކުރަންޖެހޭނީ ހިޔާލް ތަފާތުވެ ދެ ބަސްވާ ކަންކަން ހުރިނަމަކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ