ދިވެހިރާއްޖޭގައި ވަކާލާތު ކުރުމަށް ޤާނޫނީ ވަކީލުންނަށް ބަންޑާރަ ނައިބުގެ އޮފީހުން ދެމުން އައި ހުއްދަ މިއަދުން ފެށިގެން ދޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަމަށް، އެކޯޓުން ކަނޑައަޅައިފިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދެމުން އައީ، އޮފީހުން ތަންފީޒު ކުރާ "ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާއިދު"ގެ ދަށުންނެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން މިރޭ ވަނީ އެޤަވައިދު ބާތިލު ކޮށްފައެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު ރޫލިންގއެއްގައި ބުނެފައިވަނީ، ޢަދުލު އިންޞާފް ޤާއިމްކުރުމުގެ މަސްއޫލިއްޔަތަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން، ޢަދުލު އިންޞާފް ޤާއިމްކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތަކުގެ މަސްއޫލިއްޔަތެއް ކަމަށް ކަނޑައެޅިފައިވާ ކަމަށާއި، ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ އެންމެ އިސް ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންނަކީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ހަމަޖެހި ޢަމަލުކުރަމުންދާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަޢައްސުބުން އެއްކިބާވެ، ވަކާލާތުކުރުމުގެ އަޚްލާޤިއްޔާތާއި އެއްގޮތްވާ ގޮތުގެމަތިން ހަރުދަނާ ކަމާއިއެކު އިންސާފު ކަށަވަރުކުރުމަށްޓަކައި މަސައްކަތްކުރާ ބަޔަކަށް ހެދުމަށްޓަކައި ކަމަށް އެކޯޓުގެ ރޫލިންގގައި ވެއެވެ.
އަދި ރާއްޖޭގައި އަދުލު އިންސާފުގެ ބާރުގެ ދަށުގައިވާ ކޯޓުތަކުގައި ވަކާލާތު ކުރާ ޤާނޫނީ ވަކީލުންގެ ޕްރޮފެޝަނާއި ގުޅޭ ކަންކަން ހިނގައި ނުހިނގައި ގޮތް ބަލައި ތަންޒީމު ކުރުމަކީ މުހިންމު ކަމަކަށް ވެފައި، ގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނަށް ވަކާލާތުކުރުމުގެ ހުއްދަދިނުމާއި އެ ޕްރޮފެޝަނާއިގުޅޭ ކަންތައްތައް އެހެން ފަރާތަކުން އިންތިޒާމްކުރުމުގެ ސަބަބުން ޢަދުލު އިންޞާފްގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުން ކަށަވަރު ކުރުމާއި އެކު، ކޯޓުތަކުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ރައްކާތެރި ކުރުމަށްޓަކައި ޤާނޫނު އަސާސީއިން ކަނޑައަޅާފައިވާ ދުސްތޫރީ އުޞޫލުތަކަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަން ސުޕްރީމް ކޯޓުން ފާހަގަ ކޮށްފައިވެއެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޤަވާޢިދު ނަންބަރު 2014/R-30 (ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާއިދު) އަކީ ބާޠިލް ޤަވާޢިދެއް ކަމަށާއި އަދި އެ ޤަވާޢިދުގެ ދަށުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނަށް ހުއްދަދިނުން މިފަހަކަށް އައިސް، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރާކަމެއްގެ ގޮތުގައި ހަމަޖެހިފައި އޮތްއޮތުން އޭގެ ކުރިއެކޭ އެއްގޮތަށް ދިވެހިރާއްޖޭގެ ޢަދުލު އިންޞާފް ޤާއިމުކުރުމުގެ ބާރުގެ ބެލުމުގެދަށަށް ގެނެސް ބުނެވިދިޔަ ހުއްދައަކީ ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދޭ ހުއްދައެއް ކަމަށް ކަނޑައަޅައި، މީލާދީ ސަނަތުން 2015 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހުން ފެށިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކަށައަޅާފައިވާ 'ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު' އަށް ޢަމަލުކުރަމުން ގެންދާ ގޮތަށް ކަނޑައަޅައިފީމެވެ." ސުޕްރީމް ކޯޓުގެ ރޫލިންގގައި ވެއެވެ.
ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ދޭނީ ސުޕްރީމް ކޯޓުން ކަމަށް އެކޯޓުން ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ